މިއަހަރުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވާނެ ކަން އެބައޮތް ކަމަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް -19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވިތާ އަހަރު ފުރުން ފާހަގަކޮށް، މިއަދު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްތްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްއަދު ރިޒާ ވަނީ އެއް މިލިއަން ފަތުރުވެރިން ހަމަކުރުމުގެ އަމާޒަށް ވާސިލްވުމުގެ އުންމީދު އަދިވެސް އޮތް ކަމަށް ފާހަގަކުރައްވައިފައެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖެ އަށް ޒިޔާރަތކުރި ފަތުރުވެރިންގެ އަދަދު ދަށް ނަމަވެސް ކުރިއަށް އޮތް ފިނި މޫސުމުގައި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ނަމްބަރ ރިވައިޒް ކުރިން. އެއް މިލިއަން ލިބޭނެއޭ ޔަގީން ކުރީ. އެކަމަކު ލޯ ސީޒަން ހީކުރިވަރަށް ވުރެ ވެސް ދަށަށް ދިޔައީ. ނަމަވެސް މިހާރު ސައުތް އޭޝިއާ މާކެޓް ހުޅުވުމާއެކު އޮކްޓޯބަރު އިން ފެށިގެން ރާއްޖޭގެ ހައި ސީޒަން އެއީ މަހަކު ހަމަ ލައްކަ އަކާއި ގާތްކުރާ ވަރަށް ޒިޔާރަތް ކުރެ. އެހެންވީމަ އެއް މިލިއަންގެ ޓާގެޓް އަޅުގަނޑުމެންނަށް ޔަގީން ކުރެވޭ،" އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަންދުތަކާ ހެދި ބައެއް ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރި ކުރުން ނިމުމަކަށް ގެނައުމާއެކު ކުރިއަށް އޮތް ދެ މަހަކީ ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ދުވަސްތަކެއް ގޮތުގައި ފަތުރުވެރިކަމުގެ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މިއަދު ސައުތް އޭޝިއާގެ މާރކެޓަށް ރާއްޖެ އަލުން ހުޅުވާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ރިޒާ ވަނީ ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން މި މަހު ފަހުކޮޅު ގެސްޓް ހައުސްތަކުގެ ޚިދުމަތްތައް ދޭން ފެށުމާއި އެކު ފަތުރުވެރިކަން އިތުރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ބޯޑަރު ބަންދުކުރި އިރު އިންޑިއާ މާކެޓް އޮތީ ނަމްބަރ ވަންގައި. އިންޑިއާ އިން ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކުރަމުން ދިޔަ ވަގުތު ރާއްޖޭގެ ހާލަތު ބަލާފައި އަދި އިންޑިއާގެ ހާލަތު ހުރިގޮތަށް ބަލާފައި ފަތުރުވެރިން އައުން ވަނީ މަނާކުރެވިފައި. ދޮޅުމަސް ދުވަހަށް ފަހު އެ ބޭފުޅުންނަށް ވެސް މި ހުޅުވާލީ. މިދިޔަ ދުވަސްތަކާއި ބަލާފައި ދެ ގުނަ ތިން ގުނަ އިތުރުވާނެ. އިންޑިއާ އިންވެސް މިއަދުވެސް ހަ ފްލައިޓަށް ވުރެ ގިނައިން އަޅާނެ. ގެސްޓް ހައުސް ފިޔަވާ އެހެން ތަންތަނުގައި ފަތުރުވެރިންނަށް ތިބެވޭނެ. އިރާދަކުރެއްވިއްޔާ ގެސްޓް ހައުސް ހުޅުވުމާއި އެކު މި މަސް ފަހު މާކެޓަށް އިތުރު ނަމްބަރުތައް އިތުރުވެގެން ދާނެ." އޭނާ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިއަކު ރާއްޖެ އައިސް ހޭދަ ކުރާ މުއްދަތު ވެސް އިތުރުވެގެންދާނެ ކަމަށާއި އެކަމަށް މަގުފަހި ކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ފަތުރުވެރިން ތިން މަސް ދުވަސް ވަންދެން ރާއްޖޭގައި ތިބެވޭ ގޮތަށް އޮތުން މާ މަދު ކަމަށާއި 90 ދުވަހަށް ވުރެ އިތުރަށް އެމީހުންނަށް ތިބެވޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެ މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.