ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރާ ގެޓްސެޓް ލޯނުގެ ތިން ވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް މިއަދު ބަލައިގަންނަން ފަށައިފިއެވެ.

މިއަދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގެޓް ސެޓްގެ ތިން ވަނަ ބުރުގެ އެޕްލިކޭޝަން ބަލައިގަތުން އޮންނާނީ 24 ޖޫން އިން ފެށިގެން 28 ޖޫން އާއި ދެމެދެ ކަމަށެވެ.

ފޯމުތައް ބަލައިގަންނާނީ މިނިސްޓްރީގެ ބޮޑުތަކުރުފާނުގެ މަގުގައި ހުންނަ އިމާރާތުގައި ގާއިމް ކޮށްފައި ހުންނަ ކައުންޓަރުތަކުން ކޮންމެ ދުވަހެއްގެ 10:00 އިން 14:00 އަށެވެ.

ފޯމު ހުށަހެޅޭނީ ނަމްބަރު ނަގައިގެން ކަމަށްވާއިރު ކޮންމެ ޓޯކަން ނަމްބަރަކަށް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. ނަމްބަރު ދޫކުރުން އޮންނާނީ 10:00 އިން 13:00 އަށެވެ.

ގެޓް ސެޓް ލޯނުގެ އެޕްލިކޭޝަން ފޯމުތައް ދޫކުރަން ފެށީ ފާއިތުވި މެއި މަހުގެ ތެރޭގައެވެ. އަދި މިފަހަރު ވެސް ގެޓްސެޓްއަށް ލިބިފައިވާ ބަޖެޓަކީ 40 މިލިއަން ރުފިޔާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ގެޓްސެޓް އަށް ކުރިމަތިލެވޭނީ 3 ލައްކަ ރުފިޔާއާއި 8 ލައްކަ ރުފިޔާގެ ވިޔަފާރިއަކަށް 18 އަހަރާއި 35 އަހަރާދެމެދުގެ ދެ ޒުވާނަކު ވިޔަފާރި ޕްރޮޕޯސަލްއެއް ހުށައަޅައިގެންނެވެ.