ދިވެހިންގެ މެދުގައި އެންމެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސަނީ ސުޕާރީގެ އަގު ބޮޑުވެ، ފޮއްޓެއް 100ރ. އަށް ވިއްކަން ފަށައިފިއެވެ.

ރާއްޖޭގައި ވިއްކަމުން އަންނަ ސުޕާރީތަކުގެ ތެރެއިން އާންމުންގެ މެދުގައި މަޝްހޫރު ސުޕާރިތަކުގެ ތެރޭގައި ސަނީގެ އިތުރުން ރަސްލީ، ބަބްލީ، ޓެޒް، ރޯޔަލް ފަދަ ސުޕާރީތައް ހިމެނެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ކަމުދާ އެކައްޗަކީ ސަނީ ސުޕާރީއެވެ.

ބައެއް ފިހާރަތަކުން ސަނީ ސުޕާރީއެއް މިހާރު ވިއްކަނީ 2.50ރ. އަށެވެ. މީގެކުރިން ސަނީ ސުޕާރީއެއް 2ރ. އެއް ވިއްކައެވެ. ސަނީ ސުޕާރީ ފޮއްޓެއް ކުރިން ވިއްކީ 70ރ. އަށް ނަމަވެސް މިހާރު ސަނީ ސުޕާރި ފޮއްޓެއް ވިއްކަނީ 100ރ. އަށެވެ.

ސަނީ ސުޕާރީ ފޮއްޓެއްގައި 48 ޕެކެޓު އޮންނަ އިރު، މި ވައްތަރުގެ ސުޕާރި އަގު ބޮޑު ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރާއްޖެ އަށް ސަނީ ސުޕާރީ ގެނެސް ފުރަތަމަ ވިއްކި އިރު، 1ރ. އަށް ދެ ޕެކެޓު ލިބުނެވެ. އަދި ފަހުން 1.ރ އަށް ވެސް ސަނީ ސުޕާރި ޕެކެޓެއް ވިއްކިއެވެ. ސަނީ ސުޕާރީ ޕެކެޓެއް 2ރ. އަށް ވިއްކިތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

ސަނީ ސުޕާރީގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މިދިޔަ މަހުން ފެށިގެން މަނާ ކުރާ 12 ބާވަތެއް ވަނީ އާންމުކޮށްފައެވެ. އޭގެ ތެރޭގައި ސުޕާރީ ޕެކެޓު ވެސް ހިމެނެއެވެ.

ނަމަވެސް ސުޕާރި ކާ މީހުންނަށް މާޔޫސް ވިޔަ ނުދިނުމުގެ ގޮތުން ސުޕާރި ފުޅީގައި ބަންދުކޮށްގެން ރާއްޖެ ގެނެސް ވިއްކަން ފަށަން ބައެއް ވިޔަފާރިވެރިން ވަނީ ނިންމައިފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ސަނީ ސުޕާރި ވެސް ފުޅީގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިހާރު ކާއެއްޗެއްނޫން ތީކީ ހެޔޮ 500 އައް ފޮއްޓެއް ވިއްކިޔަސް.