ޑިމާންޑު ބޮޑުވެ ފްލައި ދުބާއީ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ފްލައި ދުބާއީ އިން މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހަފްތާއަކު ބާރަ ދަތުރެވެ. ފްލައި ދުބާއީ މެދުވެރިކޮށް ރާއްޖެ އަންނަ މީހުން ގިނަވަމުން އަންނާތީ އެ އެއާލައިނުން ވަނީ މި އަދަދު ހްފްތާއަކު 21 ދަތުރަށް ބަދަލުކުރަން ނިންމައިފައެވެ.

ފްލައި ދުބާއީ އިން ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ދަތުރުތައް ފަށާފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު ހަތަރު ދަތުރު ފަށާފައި ވީނަމަވެސް ޑިމާންޑާ އެކު އެ އެއާލައިނުން އަންނަނީ ދަތުރުތައް ގިނަކުރަމުންނެވެ.

އެ އެއާލައިނުން މިހާރު ދަނީ އިކޮނޮމިކް ކާލްސް އާއި ބިޒްނަސް ކްލާސްގެ ޓިކެޓްތައް ވިއްކަމުންނެވެ.

ދުބާއީ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގެ ދަތުރަކަށް ހޭދަވާނީ ހަތަރު ގަޑިއިރެވެ.

ފްލައި ދުބާއީން ރާއްޖެއަށް ފުރަތަމަ ދަތުރު ފެށީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. އަދި ފަހުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލާފައި އޮތުމަށްފަހު، 2018 ވަނަ އަހަރު ދަތުރުތައް އަލުން ފެށިއެވެ.

ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރަނީ ބޮއިންގް 800 - 737 މަރުކައިގެ، 184 ގޮނޑީގެ މަތިންދާ ބޯޓެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންދަނީ 32 އެއާލައިންއަކުންނެވެ. އޭގެ ތެރޭގައި ޗާޓަ ދަތުރުތައް ބާއްވާ 10 އެއާލައިނެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށުމަން

    ބަޖެޓް އެއަރ ލައިނަރު
    ބޯ ފެންފޮދު ވެސް ޖެހޭނީ ގަންނަން 5ގަޑިއިރު ވަންދެން ފަސިންޖަރުން ތިބެންޖެހޭނީ. ސްކްރީން ތައް ހުންނަނީ ޕަވަރ ކަނޑާލާފަ! މީލް އަކަށް ދޭނީ އަލުއްވަކާ ކަޅުކޮފީ ނޫނީ ކަޅު ސައި. ޢެކައިނގެން މުޅި ފްލައިޓް ތެރޭ ފޮޑި ޖެހުން ނޫން ކަމެއް ނޯވޭ! ޢަބަދުވެސް ފުރުން އޮންނަނީ 20މނިޓް ޑިލޭގަ. 15މިނިޓް ފިތިބާރު ބަހެއްގަ ޓާރމިނަލް އަށް! ޥ ކަޑަ ފްލައިޓެއް!