ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "އީދު ކިހިނެތް؟" ގެ ނަމުގައި ގިފްޓް ކާޑު ލިބޭ ފޮޓޯ ޗެލެންޖެއް ފަށައިފިއެވެ.

ބަރަކާތްތެރި އަޟްހާ އީދު ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގެ ފޮޓޯތައް ހިއްސާކޮށްގެން މި ޗެލެންޖްގައި ބައިވެރިވެވޭނެއެވެ. މިއީ އީދުގެ އުފާވެރި އަދި އެންމެ ކަމުދާ ވަގުތުތަކުގެ ފޮޓޯ ހިއްސާކޮށްގެން ހާއްސަ ގިފްޓް ކާޑެއް ތިން ފަރާތަކަށް ލިބޭ ޗެލެންޖެކެވެ.

މި ޗެލެންޖްގައި ބައިވެރިވުމަށް އީދުގެ އުފާވެރި ވަގުތުކޮޅެއްގެ ފޮޓޯ ހިއްސާކޮށްލަންވީ EidKihineh# މިހެން ޖެހުމަށް ފަހު، ބޭންކް އޮފް މޯލްޑިވްސް ޓެގްކޮށްގެންނެވެ. މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ހިއްސާ ކުރަން ޖެހޭނީ ޓްވިޓާ އަދި އިންސްޓަގްރާމްގައެވެ.

ބީއެމްއެލް އިން ބުނީ، މި ޗެލެންޖްގެ ނަސީބުވެރިން ހޮވާނީ އޮަގަސްޓް އެއް ވަނަ ދުވަހު ކަމަށެވެ. އަދި އެ ބޭންކުން ތިން ފަރާތެއް ހޮވައި، އެ ތިން ފަރާތަށް އީދު ހަދިޔާގެ ގޮތުގައި ގިފްޓް ކާޑެއް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިދިޔަ އަހަރު އަޟްހާ އީދާއި ޙިލާފަށް މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ގިނަބަޔަކު ވަނީ ރަށްތަކަށް ފުރާފައެވެ. ހާއްސަކޮށް މާލޭގައި ކާރުބާރުބޮޑު މާހަައުލުން ދުރަށް ގޮސް އެތައް ބަޔަކު ތިބީ އާއިލާ ކައިރީގައި އާއި ރަހުމަތްތެރިން ކައިރީގައެވެ.

މިފަހަރު މާލެއިން ބޭރަށް ގިނަބަޔަަކަށް ދެވިފައި ވަނީ މާލެ ސަރަހައްދުގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ، ދުވާލަކަށް ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް ދަށްވާން ފެށުމުން ދިން ލުއިތަކާއި އެކުގައެވެ.

މިފަހަރުގެ އީދުގެ ހަރަކާތްތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިޔާއެކު ކުރިއަށްގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.