(ހއ. ކެލާ) ރާއްޖެއަކީ ދަނޑުވެރިކަމުގައި މިހާރު ކުރިއަރަމުން އަންނަ ގައުމެކެވެ. އަމިއްލަ އެތައް ދަނޑުވެރިން އުފެދި، ދަނޑުވެރިކަމުގައި މުޅި އުމުރު ހޭދަ ކުރާ ދަނޑުވެރިންވެސް އެބަތިއްބެވެ. ދަނޑުވެރިކަންކޮށްގެން ރަނގަޅު އާންމުދަނީ ހޯދާ އެތައް ބަޔަކުވެސް އެބަ އުޅެއެވެ. ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ބަލާއިރު، ކޮންމެ ރަށެއް ކަހަލަ ގޮތަކަށް އެ މަސައްކަތުގައި އުޅެއެވެ. ބައެއް ރައްޔިތުން އެމަކުން ރަނގަޅު އާންމުދަނީއެއްވެސް ހޯދައެވެ. ކައިރި ރަށްރަށަށް ވިއްކުމާއި، މާލޭގެ މާރުކޭޓްތަކުގައިވެސް އުތުރުގެ ދަނޑުވެރިންގެ އުފެއްދުންތައް ގިނައެވެ.

މިގޮތުން ދަނޑިވެރިކަމުގައި އުތުރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެއްގެ ގޮތުގައި ކެލާ ވާނެއެވެ. ކެލާއަކީ ދަނޑުވެރިން ގިނަ ރަށެކެވެ. އަދި ދަނޑުބިންތައްވެސް ގިނަ ރަށެކެވެ. ރަށުގެ އުތުރު ސަރަހައްދުން ރައްޔިތުންނަށް ބިން ދޫކޮށްފައި ވަނީ އެ މަސައްކަތް ކުރުމަށެވެ. އެކަމުން ރަނގަޅު އާންމުދަނީއެއް ހޯދުމަށް މިރަށު ރައްޔިތުން މަސައްކަތް ކުރަމުން އައި ކަމުގައިވިޔަސް ބައެއް ދަނޑުވެރިންގެ ޝަކުވާއަކީ ހައްދާ ތަކެތި ވިއްކޭނެ ގޮތެއް ނެތުމެވެ. މިހާރު އާއްމުކޮށް އެރަށު ރައްޔިތުން ހައްދާ ތަކެތި ދިއްދޫ ފަދަ ތަންތަނަށް ވިއްކި ކަމުގައިވިޔަސް، އެރަށަށް އެކަނި ވިއްކައިގެން އެ މީހުންނަށް ވާނެ ފައިދާއެއް ނެތެވެ. ރަނގަޅު ސަޕްލައިއެއް ބޭނުންވެއެވެ. އިތުރު ރަށްތަކަށް މި ތަކެތި ފޮނުވައިގެން ރަނގަޅު އާންމުދަނީއެއް ލިބޭނެ ގޮތެއް ހޯދަން ބޭނުން ވެއެވެ. ރިސޯޓްތަކުން މި ތަކެތި ގަންނާނެ ގޮތެއް ހޯދަން އެބަ ޖެހެއެވެ.

މި ރަށު ދަނޑުތަކަށް ބަލާ އިރު، ކަރާ، ބަރަބޯ، މިރުސް، ކިއުކަންބާ ފަދަ އެއްޗެހި ވަރަށް ތިޔާގިއެވެ. އޭރު މި ދަނޑުވެރިން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ރޯދަ މަހަށް ތައްޔާރުވުމަށެވެ. އެ ރަށުގެ ދަނޑު ހައްދަން ދޫކޮށްފައިވާ ސަރަހައްދަަށް ދެ ދުވަހެއްގެ މަތިން ދިޔައިރު، ވެސް ދަނޑުވެރިން އުޅުނީ އެ މަސައްކަތުގައެވެ. ދަނޑުތަކުން ކަރާ ފަދަ އެއްޗެހި ކެނޑުމަށެވެ. ދަނޑުތަކަށް ފެންދިނުމާއި ސާފް ކުރުމުގައެވެ.

ކެލާ ދަނޑުވެރިއަކު މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދަނޑުތައް ގިނަ، ހައްދާ ތަކެއްޗަށް ހަމަ އަގު ނުލިބޭ!

މިރަށުގައި ދަނޑުތައް ގިނަ އިރު، އެމީހުންގެ މުޅިން ހެން ހުރީ ޝަކުވާއެވެ.

މިރަށުގައި ދަނޑުވެރިކަން ކުރާ ރޯޒީ، އަހުމަދު ނައީމް 65، ބުނީ ދަނޑުވެރިކަމަކީ އޭނާ ވަރަށް ކުޑައިރުން ފެށިގެން ކުރަމުން އައި މަސައްކަތެއްކަމުން، އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިފައިވާ ކަމަށެވެ. އޭނާއަކީ ކިއުކަންބާ، ކަރާ، ކައްޓަލަ ވަރަށް ރަނގަޅު ވަރަކަށް ހައްދަމުން އަންނަ މީހެކެވެ. އޭނާ އެކަމަށް ވަރަށް ވަގުތުވެސް ހޭދަ ކުރެއެވެ. އެކަމަކު ހައްދާ ތަކެތި ވިއްކާނެ ގޮތެއް ނެތެވެ. ހައްދާ ތަކެތި ފޮނުވަނީ ހއ. ދިއްދުއަށެވެ.

"އަނެއްހެން މާބޮޑު ފައިދާއެއް ވާ އެއްޗެއް ނޫން،" އަހުމަދު ނައީމް ކިޔައި ދިނެވެ.

ކެލާ ދަނޑެއްގައި ހައްދާފައިވާ ބާވަތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަހުމަދު ބުނާ ގޮތުގައި، އޭނާގެ ދަނޑުން 100 ވަރަކަށް ކިލޯގެ ކިއުކަންބާ ކަނޑާލެވުނު ކަމުގައިވިޔަސް ވިއްކާނެ ގޮތެއް ނެތެވެ.

"އެ އެއްޗެހި ވިއްކާނެ މާކެޓް ނޯންނާތީވެ މިކޮޅުގައި މައްސަލައަކީ މި އެއްޗެހި ހެއްދިޔަސް، މި އެއްޗެހި ހައްދަނީ އަތުން އެތައް ބައިވަރު ހަރަދުތަކެއްކޮށްގެން ކާނާ އެއްޗެހި ހޯދައިގެން، އެކަމަކު ވިއްކޭނެ ގޮތެއް ނޯންނާތީވެ މައްސަލައަކީ". އަހުމަދު ބުންޏެވެ.

ހއ. ކެލާ ދަނޑުވެރިއެއް "ވަގުތު" އާ ވާހަކަ ދައްކަނީ. -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަހުމަދު ބުނި ގޮތުގައި އަތުން 2000ރ. ހަރަދުކޮށްގެން ކަރާ ފަދަ އެއްޗެހި ހެއްދިކަމުގައިވިޔަސް، އެ ބައި ކަވަރު ކުރާ ވަރަށް އަތަށް އަނބުރާ ފައިސާއެއް ނުލިބެއެވެ.

މިރަށުގައި މީގެ ހަތް ވަރަކަށް އަހަރު ކުރިން ދަނޑުވެރިކަން ފަށައިގަތް އުމުރުން 63 އަހަރުގެ ހަސަން ވަހީދު އަލީއަކީ އެ މަސައްކަތް އިތުރު މީހަކާ ގުޅިގެން ކުރަމުން އަންނަ މީހެކެވެ. އެކަމަށް ބޮޑު އިންވެސްޓެއް ކޮށްގެން އެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ އެ މަސައްކަތަށް ތިން ލައްކަ ރުފިޔާ އިންވެސްޓްކޮށްފިއެވެ. އޭނާ ވެސް ކަރާ ހައްދައެވެ. އަލުވި ކައްޓަލަ، ރަންގު ކައްޓަލަ،ބަޓާނާ ކިއުކަންބާ ވެސް ހައްދައެވެ.

ހއ. ކެލާ ދަނޑެއްގައި އަލަ ހައްދާފައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ފާހަގަކުރަނީ ދަނޑު ހައްދަން އެތައް ހަރަދެއް ކުރިޔަސް، އަގު ހެޔޮކޮށް ވިއްކަން ޖެހޭ ވާހަކައެވެ. މިއާއެކު ހަރަދާއި، ލިބޭ އާންމުދަނީ ދެކޮޅު ނުޖެހޭކަން އޭނާ ފަހަގަކުރިއެވެ.

"މިއީ ކޮންމެ ބުރެއްގައި ވެސް ކޮންމެ ދަނޑަކީ ތިން ޓަނު ކަރާ ކަނޑާ ދަނޑު. ދެން މި ވާއެއްޗަކީ 1000 ކިލޯގެ ކަރާ މި ވިއްކާލަން މި ޖެހެނީ 5000ރ. އަށް، 5000ރ. އަށް ވިއްކީމަ، ގަންނަ ތަކެއްޗާއި، ލިބޭ ހަރަދު ދެކޮޅު ނުޖެހޭ". މިރަށުގައި އެންމެ ރަނގަޅު ފެންވަރަކަށް ކަރާ ހައްދަމުން އަންނަ". ހަސަން ވަހީދު ބުންޏެވެ.

ކެލާ ދަނޑެއްގައި ހައްދާފައިވާ ބާވަތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަހީދު ބުނީ ހައްދާ ތަކަތި ވިއްކުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ މީހުން ކުރަމުންދާ ބުރަ އެ މަސައްކަތް ވެފައި ވަނީ ފޫ ނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމަކަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނާގޮތުން ނަމަ މިއީ ހަމަ ބޭކާރު މަސައްކަތެކެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތް ފޫނުބެދި ގިނަ ފަހަރު އުކާލާ ޑަސްޓްބިނަށް އަޅާލަންވެސް ޖެހޭ، މިހެންވުމާއެކު އަޅުގަނޑުމެންނަށް މި މަސައްކަތުގައިވެސް ކުރިއަށްގެންދަން ވަރަށް ދަތިވެފައި މި ވަނީ، އެކަމަކު މިހާ ހިސާބަށްވެސް އިންވެސްޓްކޮށްފައި ހުރީމަ އަޅުގަނޑަކަށް ނެތް މިކަން ހުއްޓާލެވޭކަށް". އެމީހާ ކިޔައި ދިނެވެ.

މިރަށު ކޮންމެ ދަނޑުވެރިއެއްގެ ޝަކުވާއަކީ މިއީއެވެ. ހައްދާ ތަކެތި ވިއްކޭނެ ގޮތެއް ނެތުމެވެ. ރަށުގައި ރަނގަޅު ފެންވަރަކަށް އެ މަސައްކަތް ކުރިކަމުގައިވިޔަސް، ހަމަ އަގު ނުލިބޭ ވާހަކައެވެ. ހައްދާ ތަކެތި އުކާލަން ޖެހޭ ވާހަކައެވެ.

ވަހީދު ބުނަނީ އޭނާ އެ މަސައްކަތުގައި ހޭދަކުރި ހަ އަހަރުގެ ތެރޭގައި އެކަމުން އަލި މަގެއް ފެންނަން ނެތެވެ. ހައްދާ ތަކެތި ހަމަ އަގުގައި ވިއްކޭނެ ގޮތެއް ފެނިދާނެ ކަމުގެ އުއްމީދެއް ނެތެވެ.

ކެލާ ދަނޑެއްގައި ހައްދާފައިވާ ބާވަތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކޮޗިން ފެރީއާއެކު ދަނޑުވެރިންނަށް ގެއްލުން!

މިރަށު ބައެއް ދަނޑުވެރިންގެ ޝަކުވާއަކަށް ވަނީ ރާއްޖެ އާއި ކޮޗިން އާ ދެމެދު ދަތުރު ކުރަން ފެށި ފެރީގެ ސަބަބުންނެވެ. އުތުރުގެ ބައެއް ދަނޑުވެރިން ބުނަނީ މިއީ އެ މީހުންނަށް ލިބެމުންދާ ގެއްލުމެއް ކަމަށެވެ. އެ މީހުން ހައްދާ ތަކެއްޗަށް ހަމަ އަގު ނުލިބޭ ކަމެކެވެ.

"އެ މީހުން ގެނެސް ވިއްކާ އަގަކަށް އަޅުގަނޑުމެންނަކަށް މި އެއްޗެހި ނުވިއްކޭނެ، ވިއްކޭކަށް ނޯވޭ، އެއީ އަޅުގަނޑުމެން ދަނޑު ހެއްދުމަށްޓަކައި ގަންނަން ޖެހޭ އެއްޗިއްސަކީ އަގުބޮޑު އެއްޗެއްސަށް ވާތީ އެކަން ކުރެވެން ނޯވޭ". ދަނޑުވެރިއަކު ކިޔައި ދިނެވެ.

ހއ. ކެލާ ދަނޑުވެރިއެއް "ވަގުތު" އާ ވާހަކަ ދައްކަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށު ދަނޑުވެރިންގެ ވާހަކަތަކަށް ބަލާއިރު، އެ ފެރީތަކުން ގެންނަ ބައެއް ތަރުކާރީގެ ބާވާތްތަކަކީ، އެ ރަށްތަކުގައި ހައްދާ ބާވަތްތަކެވެ. އޭގެ ތެރޭގައި ކަރާ ހިމެނެއެވެ. ކަރާ ފަދަ އެއްޗެހި ގެނެސްގެން ވިއްކާނަމަ އަގުހެޔޮކޮށް ވިއްކެއެވެ. އެކަމަކު މި ނިކަމެތި ދަނޑުވެރިންނަށް ހަމަ އަގުގައި މި ތަކެތި ވިއްކޭނެ ގޮތެއް ނެތެވެ.

"ކޮޗިން ފެރީ އައުމުގެ ކުރިން އަޅުގަނޑުމެންނަށް މާ ދަތިތަކެއް ނަރާ، ވިކެމުން ދޭ ކޮންމެވެސް ވަރަކަށް،". ވަހީދު ބުންޏެވެ.

ވަހީދު މިސާލެއްގެ ގޮތުގައި ފާހަގަކުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ހައްދަމުންދާ ކިއުކަންބާއެވެ. އޭނާ ބުނީ، އެ ސަރަހައްދުގައި މިހާރު ކިއުކަންބާގެ އަގަކީ އަށް ރުފިޔާއަށް ކިލޯއެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި، އެ އަގުގައި އެ މީހުން ކިއުކަންބާ ވިއްކައިގެން ދެކޮޅު ޖެއްސޭކަށް ނެތެވެ.

ކެލާ ދަނޑެއްގައި ހައްދާފައިވާ ބާވަތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެންމެ ކުޑަވެގެންވެސް 25 ރުފިޔާއަށް ނޫން ގޮތަކަށް ވިއްކައިގެން އަޅުގަނޑުމެންނަކަށް ދެކޮޅު ނުޖެހޭނެ، ކަރާ ކިލޯއެއް، 20،17،18 ރުފިޔާއަށް ނުވިއްކޭ ކަމުގައި ވަންޏާމުން ތާކުން ތާކުން ނުޖެހޭނެ". ވަހީދު ބުންޏެވެ.

ކޮޗިން ފެރީ އައުމުގެ ކުރިން ވަހީދަށް މަހެއްގެ މައްޗަށް 20،000 ރުފިޔާ އާއި 15،000 ރުފިޔާގެ އާއްމުދަނީއެއް ލިބެމުން ދިޔައެވެ. އެއިރު އޭނާ ހައްދާ އެއްޗެހި މަނަފަރު ރިސޯޓަށެވެ. ދެން ދިއްދޫ އަށާއި، ކުޅުދުއްފުއްޓަށެވެ.

އެ އެއްޗެހި ހެއްދުމަށް ބޭނުން ކުރާ ގަސްކާނާ އާއި އެކަމަށް ހޭދަކުރާ ވަގުތާއި، ދަނޑުތައް ހެއްދުމަށް ކުރާ ހަރަދާ ބަލާފައި ދެކޮޅު ނުޖެހޭ ކަމަށް ބުންޏެވެ.

މިރަށުަގައި ބައެއް ދަނޑުވެރިން އާއްމުދަނީ ހޯދުމަށް ބޮޑެތި ހަރަދުތައްކޮށްގެން އެ މަސައްކަތް ކުރިޔަސް، އެކަމަށް ޝައުގުވެރިކަން ބޮޮޑުކަމުން އެކަން ކުރަމުންދާ މުސްކުޅި އުމުރުގެ މީހުންވެސް އުޅެއެވެ. އޭގެ ތެރެއިން ފާހަަގަކޮށްލެވޭ އެކަކީ އުމުރުން 71 އަހަރުގެ އިބްރާހިމް އަފީފެވެ.

ކެލާ ދަނޑުވެރިއަކު މަސައްކަތުގައި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަފީފްއަކީ ކަރާ، ބަރަނބޯ، ބަޓާނާ ދަނޑިއަލުވި ފަދަ އެއްޗެހި ހައްްދަމުން އަންނަ މީހެކެވެ. ކޮންމެހެން އާންމުދަނީ ހޯދުމުގެ ބޭނުމުގައި އޭނާ އެކަން ނުކުރި ނަމަވެސް، އޭނާ ހައްދާ ތަކެތި ވިއްކަންް ފޮނުވައެވެ. މާލެއަށާއި، އިތުރު ރަށްރަށަށްވެސް ހައްދާ ތަކެތި ފޮނުވައެވެ.

ކެލާ ދަނޑެއްގައި ހައްދާފައިވާ ބާވަތެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެންމެ ޑިމާންޑް ބޮޑި ދަނޑިއަލުވިއަށް، އެއީ އަޅުގަނޑު އެންމެ ގިނައިން ހައްދާ އުޅެނީ ދަނޑިއަލުވި ކަމަށްވާތީ". އަފީފް ކިޔައި ދިނެވެ.

މިރަށުގައި ދަނޑުވެެރިކަމުގައި އަހަރުތަކެއްވީ މަރިޔަމް ހަވްލާ 50، އެ މަސައްކަތުގައި އުޅެމުން ދަނީ ފިރިމީހާ އަހުމަދު ހުސައިން 58އ، އާއެކުގައެވެ. މިދެމަފިރިންވެސް އެ މަސައްކަތްކޮށްގެން ރަނގަޅު އާއްމުދަނީއެއް ހޯދަމުންް ދިޔައެވެ. އެކަމަކު ފަހުން އެ މީހުން ހައްދަމުންދިޔަ ތަކެތި ވިއްކޭނެ ގޮޮތެއް ނުވިއެވެ. ދިއްދުއަށް ކުރިން ފޮނުވަމުންދިޔަ ތަކެތި، ފަހުން ނުވިކޭ ކަމުގެ ޝަކުވާތައް ލިބެން ފެށިއެވެ. ހަވްލާ ބުނީ މިދިޔަ ދެ އަހަރު ތެރޭގައި އުޅެން ޖެހުނީ އެފަދަ ހާލެއްގައި ކަމަށެވެ.

ހއ. ކެލާ ދަނޑުވެރިއެއް ވަގުތަށް މައުލޫމާތު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިރަށު ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ކުރީގެ ކައުންސިލްތަކުންވެސް މަސައްކަތްތަކެއް ކުރަމުން ގޮސްފައި ވެއެވެ. އަދި މިހާރުގެ ކައުންސިލުންވެސް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙހހހ

    ކޮޗިންފެރީއަކީ ރައްޔިތުން ބޭނުންވެގެން ކުރަން ފެށި ދަތުރެއް ، އިބޫ ބުނާނެ ތިމަންނައާއި ހިސާބަށް ތި ޝަކުވާތަކެއް ނާދެއޭ ، ކީއްކުރާނީދޯ ވެރިއަކަށް 5 އަހަރު، ރައްޔިތުންނަށް 1 ދުވަސް

  2. އޮސްކާ

    ހަމަ އަގަކީ ކޮބާކަން ބުނެލަދޭންވީނު؟

  3. މުލޭ

    ހަމައަގަކީ ތިމާ ހިތް އެދޭ އަގެއް ނޫން. މާރުކޭޓުގައި އަގު ކަނޑައެޅެނީ ޑިމާންޑާއި ސަަޕްލައި އޮންނަ މިންވަރަކުން. މުދަލެއް މީހަކު ގަންނާނީ އެމީހަކަށް އެ ނުދަލެއްގެ ބޭނުންޖެހިފައިވާ މިންވަރަކުން އޭނައަށް އެފޯޑް ކުރެވޭ އަގެއްގައި ހުރިނަމަ. އަގު ބޮޑިއްޔާ އޭގެ ބަދަލުގައި ބޭނު ްކުުރެވޭނެ އެހެން އެއްޗެއް އޭނާ ހޯދާނީ. އަގު ކިޔާނީ ވިއްކާ މީހާ. އެ ވަގުތަކަށް ވިއްްކޭ އަގަކީ ހަމައަގު.