މިފަހަރުގެ އަޟްހާ އީދު ބަންދު ތެރޭގައި ރާއްޖެ އިން ބޭރަށް ދިޔަ ގިނަ ދިވެހިންގެ މަންޒިލަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެއްޖެއެވެ.

އިމިގްރޭޝަނުން "ވަގުތު" އާ ހިއްސާ ކުރި ތަފާސް ހިސާބުތައް ދަައްކާ ގޮތުން އީދާއި ބޮޑު ޗުއްޓީ ތެރޭގައި ދިވެހިން އެންމެ ގިނަ އިން ދަތުރުކޮށްފައިވަނީ ދުބާއީއަށެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހާއި އަންގާރަ ދުވަހާ ދެމެދު 192 ދިވެއްސަކު ވަނީ ދުބާއީ އަށް ގޮސްފައެވެ.

ނަމަވެސް ދުބާއީގައި ޓްރާންސިޓް ކުރުމަށް ފަހު އެހެން ގައުމުތަކަށް ފުރީ ކިހާ އަދަދެއްގެ ބައެއްކަން އެނގިފައެއް ނުވެއެވެ. ގިނަ ބަޔަކު އީދު ދުވަހު ދަތުރުކޮށްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުން ހިޔާރުކުރީ އެމިރޭޓްސް އެއާލައިނެވެ. ފްލައި ދުބާއީންވެސް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައިވެއެވެ. ދުބާއީ ސަރުކާރުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން ކޮވިޑް-19 އަށް ނައްސި ނަތީޖާއާއެކު އެ ގައުމަށް އެތެރެވެވޭނެއެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކުރީ އިންޑިއާގެ ކޮޗިންއަށެވެ. ބޭސްފަރުވާގެ އިތުރުން ޗުއްޓީ ހޭދަކުރަން 122 ދިވެއްސަކު ވަނީ މި ފަހަރުގެ ޗުއްޓީގައި ކޮޗިންއަށް ދަތުރުކޮށްފައެވެ.

ތިން ވަނައަށް އެންމެ ގިނަ ބަޔަކު ދަތުރުކުރީ މިހާރު ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދަމުން އަންނަ ތުރުކީވިލާތެވެ. އީދު ދުވަހު އެކަނިވެސް 44 މީހަކު ތުުރުކީއަށް ގޮސްފައިވާއިރު މި ތިން ދުވަސް ތެރޭގައި 92 މީހަކު ވަނީ ޓާކިޝް އެއާލައިނުން އިސްތަންބޫލްއަށް ދަތުރުކޮށްފައެވެ.

އިންޑިއާގެ ޓްރިވަންޑްރަމްއަށް 73 މީހަކު މި ތިން ދުވަހުގެ ތެރޭގައި ދަތުރުކުރިއެވެ.

ލަންކާއަށް ދަތުރުކުރި މީހުންގެ އަދަދު ދަށަށް!

ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލަންކާ ހުޅުވާލި ކަމުގައިވިޔަސް މި ފަހަރު އީދާ ދިމާކޮށް ލަންކާއަށް ދަތުރުކޮށްފައިވަނީ 53 މީހުންނެވެ. މިއީ ކޮވިޑްގެ ކުރިއަށް ބަލާއިރު ލަންކާއަށް އާއްމުކޮށް ދަތުރުކުރާ ދިވެހިންގެ އަދަދާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.

ސްރީލަންކަން އެއާލައިންގެ ރާއްޖޭގެ އެޖެންޓް، އިނާ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގް "ވަގުތު" އަށް ވިދާޅުވީ ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވަނީ ޓިކެޓް އަގުބޮޑުވުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވެކްސިން ޖަހައިގެން އެތެރެވިޔަސް ޕޯޓަލްއެއްގައި ރަޖިސްޓްރީވާން ޖެހޭތީ އާއި އެއް ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭތީވެ ލަންކާ އަށް ދަތުރުކުރާ ދިވެހިންގެ އަދަދު މަދުވާކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާއަށް އެތެރެވެފައި ހަދާ ޕީސީއާރްގެ ނަތިޖާ ލިބެން އެއް ދުވަސް ނަގައެވެ.

ލަންކާގެ އިގްތިސާދުވެސް ދަށްވުމާ ހޮޓާތަަކުގެ އަގުތައް މަތިވުމުން ދިވެހިން ހިޔާރުކުރަނީ ދުބާއީކަމަށް ފިރާގު ވިދާޅުވިއެވެ. ދުބާއީ ދެކޮޅު ޓިކެޓްގެ އަގުވެސް އުޅެނީ ލަންކާއަށްވުރެ އަގުހެޔޮކޮށެވެ.

މި ދުވަސްވަރު ލަންކާ ދެކޮޅު ޓިކެޓް އުޅެނީ ސްރީލަންކަން އެއާލައިނުން 614 ޑޮަލަރަށެވެ. އެއާ ހިލާފަށް ދުބާއީ ދެކޮޅު ޓިކެޓް އުޅެނީ 514-620 ޑޮަލަރާ ދެމެދުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާ

    ލަންކާ މިހާރު ވަރަށް އިހާނެތިކޮށްހިތާ

    22
    1
  2. ހަހާ

    އެއްވެސްތާކަށް ދާން އަދި ރަނގަޅެއްނޫން. ގޭގަ މިއޮތީ. ގޯސްވަނީ ތިހެން އުޅޭ މީހުންގެ ސަބަބުން.

    15
  3. އާސިދާ

    އެއީ ވެސް ދޮގެއްނޫން

  4. ބިހާރު

    ލަންކާއަށް ދިއުމަށްވުރެ މެދު އިރުމަތީގެ ގައުމުތަކަށް ދިއުން މާރަނގަޅު ލަންކާއިން ދިވެހިންނާއި މެދު ވަރަށް އިހާނެތިކޮށްހިތައެވެ .

  5. ވާނަބޭމިލިއަނާ

    ލަންކާ މީހުން ދިވެހިންނަށް ވަރަށް އިހާނެތިކޮށްހިތާ ޚާއްސަކޮށް ބުރުގާ އަޅާގެން ތިބޭ މީހުންނަށް. އިންޑިއާ، ލަންކާ މިހާރު ދިވެހިން ދެކެ ކޮންމެވެސް ސަބަބަކާހުރެ ހަސަދަވެރިވަނީ. މެދު އިރުމަތީ ގައުމުތަކު ތެރޭން ޗުއްޓީއެއް ހަދާލަން ތުރުކީ ވަރެއްނެތް.