ރަޝިޔާގެ ރެޑް ވިންގްސް އަދި ނޯޑް ވިންގް ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

ރާއްޖެއަށް މި ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ރަޝިޔާގެ ޓުއަރ އޮޕަރޭޓް ހިދުމަތް ދެމުން އަންނަ ދިވެހި ކުންފުންޏެއް ކަމަށްވާ "ރިސޯޓް ލައިފް"އާ ގުޅިގެންނެވެ.

ރިސޯޓް ލައިފްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު އާއި ހަވާލާދީ "ޕީއެސްއެމް ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުތައް ފެށުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. އަދި މިހާރު ކުރަމުން އަންނަނީ މި ދަތުރުތައް ފެށުމަށް ހުއްދަތައް ހޯދުމުގެ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރަޝިއާގެ ސަރުކާރުން ފްލައިޓް އޮޕަރޭޝަންސްއަށް ބޭނުންވާ ހުއްދަތައް ނެގުމުގެ މަސައްކަތްކުރަމުންދަނީ، ޔަގީންކަން އެބައޮތް ދިވެހި ސަރުކާރުން އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި، ވަރަށް އަވަހަށް ހުއްދަތައް ދެއްވާނެ ކަން، މިހާރު މިބަލަނީ އޮގަސްޓުގަވެސް ރަޝިއާއިން ހުއްދަ ލިބިއްޖެ ނަަމަ ދަތުރުތައް ފަށާނަން އޮގަސްޓުގައި،" ވަލީދު ވިދާޅުވިއެވެ.

ރިސޯޓު ލައިފަކީ ރާއްޖެއަށް ރަޝިޔާއިން އެންމެ ގިޖަ ފަތުރުވެރިން ގެންނަ އެއް ޓުއަރ އޮޕަރޭޓަރެވެ. ރިސޯޓް ލައިފުން ވަނީ މިއަހަރު ނިމުމުގެ ކުރިން ތިން ލައްކަ އާއި ފަސްލައްކަ އާއި ދެމެދުގެ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ.