(ހއ.ކެލާ) ހިތްގައިމު ގޮނޑުދޮށެއްގައި ވަގުތު ހޭދަކޮށްލަން ފުރުސަތު ލިބުމަކީ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. އުފާވެރި އެތައް ވަގުތެއް އެފަދަ ތަންތަނުގައި ހޭދަކުރަން ބޭނުންވާ ލައްކަ ބަޔަކު މި ދުނިޔޭގައި އުޅެއެވެ. އެ ރީތި ހުދު ދޮންވެލި ގޮނޑުދޮށާއި، ރީތި މަޑު ނޫ ކުލައިގެ މޫދުން އެ ލިބޭ ހިތްހަމަ ޖެހެމަކީ އުފާވެރި ވަގުތުތަކެވެ. މި އުފާވެރި ރީތި މަންޒަރުތައް ކޮންމެ ކޮންމެ ރަށެއްގެ ގޮނޑުދޮށުން ނުފެނިދާނެއެވެ. ނަމަވެސް މިރަށުގެ ގޮނޑުދޮށުން ފެނިގެން ދަނީ އެފަދަ އަޖައިބު ކުރަނިވި ރީތި ކަމެކެވެ.

މަޑުން މަޑުން ރާޅު ގޮނޑުދޮށަށް ބީއްސާލާ ހިތްގައިމު މަންޒަރު ބަލަން ކިތަންމެ އިރެއް ވަންދެން ވެސް މި ރަށު ގޮނޑުދޮށުގައި އިނދެވިދާނެއެވެ. އެ ރީތި ހުދު ދޮންވެލިގަނޑު މަތީގައި ވެއްޔާ ކުޅެލަން ފޫއްސެއް ނުވާނެއެވެ. އެހާ ސާފު، ރީތި ހިތްގައިމު ހައިރާން ކުރުވާވަރުގެ ރީތިކަމެއް އެ ގޮނޑޮދޮށުގެ މެދުގައި ހުރެފައި އެއްކޮޅުން އަނެއް ކޮޅަށް ބަލާލުމުން އެނގެއެވެ. އެ ގުދުރަތީ ރީތިކަމާއި މެދު އަޖައިބުވެ ހައިރާންވެފައިވެސް އެތައް އިރެއް ވަންދެން ހުރެވިދާނެއެވެ.

ހއ. ކެލާ މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މިރަށުގެ އެ ގޮނޑުދޮށަކީ ދުނިޔޭގެ ސަމާލުކަންވެސް، ލިބިފައިވާ ލިބިފައިވާ ގޮނޑުދޮށެކެވެ. ފަތުރުވެރިން އެ ގޮނޑުދޮށުގައި ވަގުތު ހޭދަކޮށްފައި ދަނީ އުފަލުންނެވެ. މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ގެސްޓް ހައުސް އެޑިޝަންގެ "ލީޑިން ބީޗް އައިލަންޑް އެވޯޑު" މިރަށު ގޮނޑުދޮށް ހާސިލް ކޮށްފައި ވަނީވެސް ގޮނޑުދޮށުގެ ފުރިހަމަ ކަމުން ކަން ޔަގީނެވެ.

ހއ. ކެލައަށް އަރާފައިވާ ބޯޓެއްގެ ބައިތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޕިކަޕެއްގައި "ވަގުތު" ހޭރިޔާ ޓީމް މިރަށުގެ ގޮނޑުދޮށުގެ ރީތިކަން ބެލުމަށް ދަތުރު ފެށީމެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުގެ ދަތުރަކަށް ފަހު އެ ސަރަހައްދަށް ފޭބިއިރު އަޖައިބުވެއްޖެއެވެ. އެހާ ސާފު ރީތި ގޮނޑުދޮށެއް ރާއްޖޭގެ ރަށެއްގައި ހުރެދާނެ ކަމަށް ހަމަ ނުބެލެވެނީއެވެ. އެއީ އާއްމުކޮށް ކުންޏަކީ ގޮނޑުދޮށްތަކުގެ ރީތިކަން ގެއްލުވާލާ ވަރުގެ އެއްޗެއްސަށް ވާއިރު، މިރަށު ގޮނޑުދޮށަށް އެގޮތަށް ކުނި އަޅާފައިވާ މަންޒަރެއް ނުފެނެއެވެ. ނަމަވެސް މަދުމަދުން ފުޅިއާއި ދަޅު ފެނިގެން ދިޔައެވެ. ބެލެވެނީ އޮޔާއި ވައި ހުންނަ ގޮތުން މި ސަރަހައްދަށް އެއްޗެހި އަންނަނީ ކަމުގައެވެ.

އެ ރަށު ކައުންސިލުން ދިން މައުލޫމާތަށް ބަލާއިރު، މިއީ އެރަށު ރައްޔިތުންގެ ފަހުރެކެވެ. އެ ރީތިކަން އަބަދުމެ އަބަދަށް ދަމަހައްޓަން ބޭނުންވެއެވެ. އެއީ މިރަށު ރައްޔިތުންގެ ފަހުރެއް ކަމަށް ބުނާހާ ރީތި ގޮނޑުދޮށެކެވެ.

ހއ. ކެލާގެ ހިތްގައިމު ތުނޑި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ރަށުގެ ރައްޔިތުން އަމިއްލައަށް އެ ސަރަހައްދަށް ގޮސް ސާފްކޮށް ހަދާނެ، އެ ސަރަހައްދަށް ޕިކްނިކް ދާ މީހުންވެސް އުޅޭނެ ސާފްކޮށް އެ ސަރަހައްދު". އެރަށު ރައްޔިތަކު ބުންޏެވެ.

ރަށު ގޮނޑުދޮށަށް ކުރި އެ ޒިޔާރަތުގައި މޫދުގައި ވަގުތު ހޭދަކުރަމުންދިޔަ އާއިލާއެއްވެސް ފެނުނެވެ. ކުދި ބޮޑު އެ މީހުންގެ މޫނު މަތިން ފެނިގެން ދިޔައީ އުފާވެރި ކަމެވެ. އެފަދަ ރީތި ގޮނޑުދޮށަކަށް ފޭބުމުން ކޮންމެ މީހަކަށްވެސް ލިބޭނީ އުފާވެރި ކަމެވެ. އެ މީހުން ސަރަހައްދަށް ގޮސްފައި ވަނީ ޕިކްނިކް ހެދުމަށްކަން ޔަގީނެވެ.

ހއ. ކެލައަށް އަރާފައިވާ ބޯޓެއްގެ ބައިތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ގޮނޑުދޮށުގައި ހިނގާލައި މަޑުމަޑުން އެ ގޮނޑުދޮށުގެ ރީތިކަން ބެލުމަށް ދަތުރު ފަށައިގަތީމެވެ. ފަޓުލޫނުގެ ފައިކުރި އޮޅާލައިގެން މޫދު ކައިރިން ދިޔައީ އެ ގޮނޑުދޮށުން އަހަރެންނަށް ފެނުނު މަންޒަރުތައް ދިޔައީ ބޮލަށް ނަގައިގަންނަމުންނެވެ.

މޫދުން ކުންޏެއް ނުފެނެއެވެ. ރާޅު ޖަހާ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް ދަޅާ ފުޅި އެއްޗެހި ފެނިގެން ދިޔައެވެ. ކޮންމެވެސް ވަރަކަށް ގޮނޑުދޮށުގައި ހިނގާލަން ފެށުމުން މަސްތައް ފިލަން ދުވާ މަންޒަރު ފެނެއެވެ. އެއީވެސް ހިތްގައިމު މަންޒަރެކެވެ. އިރުކޮޅަކަށް ހިނގާލިތަނާ ދެން ފެނިގެން ދިޔައީ، މޫދަށް ލައްވެފައިވާ ބޯޓެއްގެ ބައެކެވެ. އަހަރުތަކެއްވީ ބޯޓެއް ކަމަށް ބެލެވެއެވެ. ފެނިގެން ދަނީ އެ ބޯޓުގެ ހަމައެކަނި އޮނިގަނޑުގެ ތީރި ބައެވެ. އޭގެ ތެރޭގައިވެސް މަސްމަހާއި މެހި ދުވެލަ ދުވެލާ ތިބެއެވެ.

ހއ. ކެލައަށް އަރާފައިވާ ބޯޓެއްގެ ބައިތައް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށުގެ ގޮނޑުދޮށުން އެއްކޮޅުން، އަނެއް ކޮޅަށް ދިޔައިރު، ފެނިގެން ދިޔަ އެކައްޗަކީ ފެމުނު އަރާ ކަމަށް ބުނާ ފެންގަނޑެވެ.

މިރަށުގެ މި ރީތި ގޮނޑުދޮށުގެ ބޭނުން ފުރިހަމައަށް މިރަށު ރައްޔިތުން ކުރަމުން ދެއެވެ. މިހާރުވެސް ރަށުގައި ހަތް ގެސްޓް ހައުސް ހިންގަމުންދާއިރު، ބޮޑު ސިޓީ ހޮޓަލެއް އެޅުމުގެ މަސައްކަތްތުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. އެހެންކަމުން މިރަށް ކުރިއަށް އޮތްތަނުގައިވެސް ވެގެން ދާނީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ވަރުގެ ރަށަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔު

    ވ ރީތި ރަށެއް. ރީތި ގޮނޑުދޮށެއް. ރީތި މޫދެއް. ކެލައާއި މި ލޮބުވެތި ގައުމު ހަސަދަވެރިންނާއި ނުނިޔަތްލައިގެން އުޅޭ އެންމެތަކުންގެ ކިބައިން ރައްކާތެރިކުރައްވާށި!
    ވެރިވާ ޚިޔާލު ބޭރު އަތްތަކުން ސަލާމަތްކުރައްވާށި!

    12
  2. އާދަމް

    ޤުދުރަތީ ރީތިކަން ވަރަށް ފުރިހަ މަ ރަށެއް.
    މާތްކަލާނގެ ކުޅަދުންވަންތަވެރި ކަ މުގެ މައްޗަށް މީހަކު ޙައިރާންވެ އަންތަރީސް ނުވާނީ އެކަލާނގެ ހައްދަވާފައިވާ ކޮން އެއްޗެއްގެ މައްޗަށް ވިސްނާލިއްޔާ ހެއްޔެވެ؟
    ހިތާ މަޔަކީ މިފަދަ ބޮޑެތި ނިޢު މަތްތައް ދެއްވީމ މާ، އޭގެ ރީތިކަ މުން އުފާވެރިކަން ހޯދާން ނޭނގޭކަން.
    ހިލޭވަގުތު ލިބިއްޖެއްޔާ ޕާޓީޕާޓީޔާ ދެބައޮޑުވު މާ އަބުރަށް އަރައިގަތު މުގާ ހޭދަކުރާކަން. ޤުދުރަތީ މަންޒަރުތައް އެ ދައްކާ އަގުހުރި ފިލާވަޅުތަކުގެ ބޭމނުން ކުރާން ނޭނގޭކަން.