ކާޑުގެ ބާވަތްތަކާއި މުހިއްމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިހެން ވިދާޅުވެފައިމިވަނީ އިންޑިއާ އިން ރާއްޖެ އަށް އެތެރެކުރާ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި އަދި ބިހުގެ ކޯޓާ ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ރާއްޖެ އާއި އިންޑިޔާއާ ދެމެދު 1981 ގައި ސޮއިކުރެވިފައިވާ ވިޔަފާރި އާއި ގުޅޭ އެއްބަސްވުމެއްގެ ދަށުން ކާޑުގެ ބައެއް ބާވަތްތަކަށް ޒަމާނުއްސުރެ ދެމުން އަންނަ ކޯޓާ އިންޑިޔާ އިން މިއަހަރަށް ވެސް ރާއްޖެ އަށް ހަމަޖައްސާދީފައިވާ ކަމަށެވެ.

އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަދި އެ ނޫންވެސް މުހިއްމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއްނެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން ކޯޓާއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް، ހަގީގަތް އޮޅޭ ވާހަކަތައް ނުފެތުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ކާޑާއި އަލުވި، ފިޔާ އަދި ބިހުގެ ކޯޓާ އިންޑިއާ އިން ދަށް ކުރި ކަމުގެ ވާހަކަތައް ފެތުރިފައިވާއިރު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މި ގުޅުން ރަނގަޅުކުރަން ދެ ގައުމުގެ މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.