ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ވަނީ މިންގަނޑުތަކެއް އެކުލަވާލައި، ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. މި ބަލިމަޑުކަމުގެ ސަބަބުން ޓްރެވަލް އިންޑަސްޓްރީ އަށް ލިބިފައިވާ ގެއްލުން އަންދާޒާ ކުރާ އިރު، 935 ބިލިއަނަށް އަރައެވެ. ޓްރެވަލް އެންޑް ޓޫރިޒަމްގެ ސަބަބުން 2019 ވަނަ އަހަރު ދުނިޔޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) 8.9 ޓްރިލިއަންގެ ފައިދާ ވަނީ ވެފައެވެ.

ބައެއް ގައުމުތަކުން ހީނަރުވެފައިވާ އިގްތިސާދު ރަނގަޅުކޮށް، ފަތުރުވެރިން ޒިޔާރާތް ކުރުމުގައި އަންނަނީ ގޮންޖެހުންތަކަކާއި ކުރިމަތިލަމުންނެވެ. މި ދަނޑިވަޅުގައި އެހެން ގައުމުތަކުން މަސައްކަތް ކުރަމުންދަނީ ކޮވިޑާ އެކުގައި އާންމު ހާލަތައް ރުޖޫއަވެ، ދަތުރުފަތުރުގެ ނިޒާމްވެސް އާންމު ހާލަތައް ބަދަލުކުރުމަށްކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރެއިން އެއް ގައުމަކީ ރާއްޖެއެވެ.

ކޮވިޑް-19 އާ އެކު ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ އެއް ގައުމަކީ ވެސް ރާއްޖެއެވެ.

އެގޮތުން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އޮންލައިންކޮށް އެންމެ ގިނަ މީހުން ހޯދައި އަދި ބަލާ ގައުމަކީ ރާއްޖެއެވެ. އެގޮތުން 130،970 މީހުން އިންޓަނެޓު މެދުވެރިކޮށް ރާއްޖެ ސާޗްކޮށް، އެ ގައުމާ ބެހޭ މައުލޫމާތު ހޯދާފައިވާ ކަމަށް އެ ދިރާސާގައިވެއެވެ.

ޓްރެވަލްޑެއިލީއިން ރިޕޯޓު ކޮށްފައިވާ ގޮތުން މި ލިސްޓުގެ ދެވަނައިގައި ހިމެނިފައިވަނީ އިންޑިއާއެވެ. އަދި ތިންވަނައިގައި ގްރީސްއެވެ. މި ލިސްޓުގައި ރާއްޖޭގެ އިތުރުން އޭޝިއާ ބައްރަށް ނިސްބަތްވާ ފަސް ގައުމެއް ހިމެނިފައިވެއެވެ.

އެންމެ ގިނަ މީހުން އޮންލައިންކޮށް ހޯދާ ގައުމުތައް:

  • ރާއްޖެ - 130970
  • އިންޑިއާ - 130750
  • ގްރީސް - 108780
  • ތުރުކީ - 105560
  • ކެނެޑާ - 96470
  • މެކްސިކޯ - 95940
  • ސްޕެއިން - 81980
  • އޮސްޓްރޭލިއާ - 66450
  • ތައިލެންޑް - 64800
  • ޖަޕާން - 61460

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ވަގުތަށް" މިއަދު ވިދާޅުވީ ރާއްޖެ އަށް އަނެއްކާ ވެސް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނަ އިރު، އަންނަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބާރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންވެ، އެއާޕޯޓުގެ ކެޕޭސިޓީ އިތުރު ކުރުމާ ގުޅޭ ގޮތުން ކުރިއަށް އޮތް ހަފްތާގައި ކަމާގުޅޭ ފަރާތްތަކާ އެކު މިނިސްޓްރީން މަޝްވަރާތައް ފަށާނެ ކަމަށް ވިދާޅުވިއެވެ.

"ޑިމާންޑް ހައި ވާނެ ކަމަށް ލަފާ ކުރެވޭތީ އެތެރޭގެ އުދުހުންތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކަންކަން ސްމޫތުކޮށް ކުރިއަށް ގެންދިއުމަށް ކުރަން ޖެހޭ މަޝްވަރާތައް ކުރުމަށް އަޅުގަނޑުމެން ވާނީ ނިންމާފައި،" މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއާޕޯޓުގެ ކަންކަން ބާރު ބޮޑު ނުވާނެ ގޮތަކަށް ކަންކަން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. އެގޮތުން ފްލައިޓު އޮޕަރޭޓަރުންނާ ވާހަކަ ދައްކައިގެން ފްލައިޓުތައް އަންނަ ގަޑިތަކަށް ބަދަލު ގެނައުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ވާހަކަ ދައްކައިގެން ދެވެން ހުރި ލުއިތަކެއް އޮޅުންފިލުވޭނެ ކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޑޮމެސްޓިކް އެއާލައިންތައް ބޭނުން އެއާޕޯޓުތަކަށް ދަތުރު ކުރެވޭނެ ގޮތް ހެދިދާނެ ކަން ފާހަގަ ކުރެއްވިއެވެ.

"އެއާޕޯޓުގެ ސެކިއުރިޓީ އާއި ފުރަންދާ މީހުންގެ ސެކިއުރިޓީ ކްލިއަރެންސް ލަސްވުމާއި އެރައިވްވާ މީހުންގެ ލަގެޖް ނެގުމުގައި މި ދެ ބައި ސްމޫތްކޮށްލަން ޖެހޭނެ. މިއީ މަޝްވަރާ ކޮށްލަން ޖެހޭ ކަންކަން،" މައުސޫމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕުއްޕުޕާޓީ

    މީ ސީދާ މިގައުމު އަފިހުން ބޮޑާ ބޭގެ ވަކިތަކުން ސަލާމަތްވެ މިނިވަން އެމްޑީޕީ ފިކުރުގެ ވެރިކަމެއް އައިސް އި ބޫ ގެ ހިންގުންތެރިކަމާ ހިކުމަތުން ކޮވިޑުންވެސް އަރައިގަނެވުނީތީ މިހެން މިވީ. 2023 އި ބޫ ކަށަވަރު!