މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 299 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ބީއެމްއެލްގެ "ކުއާޓަލީ ރިޕޯޓު" ގައި ބުނާ ގޮތުން، ދެ ވަނަ ކުއާޓާގައި ވަނީ މައިގަނޑު ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުންތަކާ އެކު ކުއާޓާގައި ހިންގުމުގެ ފައިދާއާ އެކު 496 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާބަލާއިރު 38 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބޭންކަށް 299 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު 106.2 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އަޅާބަލާއިރު 181 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްގެ ވިއުގަ ފުޅާ ކުރުމަށާއި ރާއްޖެ އަށް ބޭންކިން ހިދުމަތް ފުޅާ ކުރުމަށް ބީއެމްއެލް އިން ވަނީ ފަސް ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ބަހައްޓައިފައެވެ. އެއީ ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ކ. ހިންމަފުށި އަދި ކ. ދިއްފުއްޓެވެ.

މީގެއިތުރުން ބީއެމްއެލް އިން ވަނީ 12 ރަށެއްގައި އެޖެންޓް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ މަގުފަހިކޮށް މި ހިދުމަތް ފުޅާކޮށްފައެވެ. މިހާރު ބީއެމްއެލް އިން އަންނަނީ 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތާއި 60 އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާ ކުރުމުގެ އިތުރުން ފައިސާ ދެއްކުމުގެ ހިދުމަތް އެއްވެސް ފީއަކާ ނުލައި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހޯދުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ބީއެމްއެލް އަށް ކުރިއެރުން ލިބެމުންދާ ކަމީ ލިބޭ އުފަލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް އަށް އަދިވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަން ފާހަގަކޮށް ސީއީއޯ ވިދާޅުވީ މި ދަތިތަކާ އެކު މިކަމުން އަރައިގަނެ ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމުގެ ހިތްވަރާއި ގާބިލްކަން ޓީމުގައި އެބަހުރި ކަމަށެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ޕްރޮގްރާމްގެ ދަށުން މި ކުއާޓާގައި ބީއެމްއެލް އިން ވަނީ އިތުރު ފަސް ޕްރޮޖެކްޓް ހޮވައިފައެވެ. މި ޕްރޮގްރާމް ހިންގަމުން އަންނަތާ ތިން އަހަރުވެފައިވާ އިރު މިހާތަނަށް 50 ޕްރޮޖެކްޓަށް ވަނީ މާލީ އެހީތެރިކަން ދީފައެވެ.

މީގެއިތުރުން މުޖުތަމައު އަށް އެހީތެރިވުމަށް ކުރާ މަސައްކަތުގެ ދަށުން 150 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ވަނީ 100،000ރ. އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު