ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ވެކްސިން ފުރިހަަމަ ނުކުރާ ފަތުރުވެރިންނަށް ދެވޭ ނުވަ ރަށެއްގެ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފިއެވެ.

އެޗްޕީއޭ އިން ޖުލައި މަހުގެ 21 ވަނަ ދުވަހު އާއްމުކޮށްފައިވާ ގައިޑްލައިންގައިވާގޮތުން، ގެސްޓްހައުސް ހުންނަ ރަށްރަށުގައި ވަކި ކަންކަމެއް ފުރިހަމަ ކޮށްފައިވާނަމަ އެރަށުގައި ކޮވިޑް ވެކްސިންގެ ޑޯޒް ފުރިހަމަވުމުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކިންގ ވެވޭނެ ކަމަަށެވެ.

އެގޮތުން ރަށުގައި ދިރިއުޅޭ އާބާދީގެ 60% އަށް ވެކްސިން ޑޯޒް ފުރިހަމަވެފައިވުމާއި، ރަށުގެ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ހުރިހާ އެންމެން ހިމެނޭ ގޮތަށް 95% މީހުންނަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވުމާއި، ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ 90% މީހުން ވެކްސިން ޑޯޒް ފުރިހަމަވެފައިވުން ފަދަ ކަންކަމަކީ ބަލާ ކަންކަމެވެ.

އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފަތުރުވެރިންނަށް ހިދުމަތް ދެމުންގެންދާ ރާއްޖޭގެ ރަށްތަކުގެ ތެރޭގައި އަށް ރަށެއް ހިމެނެއެވެ. އެއީ މާފުށި، މަތިވެރި، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މާޅޮސް، ހަންޏާމީދޫ، އަދި ދިގު ރަށް ހިމެނެއެވެ.

ރާއްޖޭގައި މިހާރު ބޮޑު ބަޔަކަށް ވެކްސިން ޖެހިފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ރާެއްޖޭގައި ގެސްޓް ހައުސްތައް ހިންގާ ރަށްތަކަށް ދިއުމުގައި ހުރަހެއް ނެތެވެ.