ރާއްޖެ އަށް މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން ތިން ވަނަ ފަހަރަށް ބަދަލު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ 1.3 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު ފުރަތަމަ މިނިސްޓަރ މައުސޫމް ވިދާޅުވީ އަހަރު ނިމެންވާއިރަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. އޭގެ ފަހުން މައުސޫމް ވަނީ މިއަހަރު ރާއްޖެ އަންނާނީ އެއްމިލިއަން ފަތުރުވެރިން ކަމަށް ވެސް ވިދާޅުވެފައެވެ.

އެއްމިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ އައިސް ދިހަ މިލިއަން ބެޑްނައިޓް ލިބޭނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވީ މީގެ ދެމަސް ދުވަސް ކުރިންނެވެ.

ކޮވިޑް-19 ފެތުރުން އަންނާތީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު އަދިވެސް އޮތީ ބަންދުކޮށްފައެވެ. ނުވަތަ ފަތުރުވެރިން ދަތުރު ކުރަން ގިނަ ހުރަސްތަކެއް ގިނަ ގައުމުތަކުގައި އެބަހުއްޓެވެ. ނަމަވެސް ރާއްޖެ އިން ވަނީ ފަތުރުވެރިންނަށް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ. އެހެންކަމުން ރާއްޖެ އަށް އޮންނަ ޑިމާންޑް އިތުރުވެ، ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު ވަނީ އިތުރުވެފައެވެ.

ޖުލައި މަހު 1 އިން 28 ވަނަ ދުވަހުގެ ނިޔަލަށް 89،703 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. ޖުލައި 28 ގެ ނިޔަލަށް މި އަހަރު ރާއްޖެއަށް ހަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެއަށް 2020 ވަނަ އަހަރު ޖުމްލަ 555،494 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. 2019 ވަނަ އަހަރު ވަނީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    މިވެސް މީ ދިވެހިން ރުޅި އަންނަވަރެއް ބަލަން މަގާމު ދީފަ ހުރި މީހެއް!!

  2. ހުސޭނު

    އެކުންގިނަ ޖަމަލުފޮޑި ނުޖަހާ، 60 ފަހަރަށް ބަދަލުކޮށްގެންވެސް ތިޔަ އަދަދު ދިމާކުރެވޭތޯ ބަލާބަލަ.

  3. ހުސޭނުބޭ

    މިނިސްޓަރު ގްރޭޑް 1 ގެ ހިސާބުފޮތުން ހެދި ނަންބަރު ނުބައިވެގެން ރަބަރުކޮޅަކުން ފުހެފުހެފައި އެ ނަންބަރު ހަދަނީނު!

  4. ނަސްއޫދު

    މީ ހަމަ ފައްކާ ގަމާރެއް ދޮގިހެދުމާ އޮޅުވާލުން މީނަގެ ހޮބީއަކަށް ވެއްޖެ!

  5. ވެެިން

    މި ވައްތަރު ހިސާބުޖަހަން މޮޅު ކަމަށް ނަން ވާނީ އަދިރޭ، މީނަ ވަކި ސަހަލުތަ؟

  6. ރޯނުއެދުރު

    ޤައިބުގައި ވާކަމެއް މައުސޫމަކަސް ނޭންގޭނެކަން މިނޫސްކިޔާ މީހުންވެސް ގަބޫލް ކުރަން ޖެހޭ... އަނދާޒާ އަކީވެސް ހާލަތު ބަދަލުވުމުން ބަދަލުވާނެ އެއްޗެތް.. މިނޫހުގަ ލިޔެވޭ ކުއްވެސް، މައުލޫމާތުވެސް އެކަނ އެނގުމުން ބަދަލުވޭ... މޮޅު އައިފޯނަސްވެސް ދޭތެރަކުން އަޕްޑޭޓެއް އާދޭ...