ޗައިނާއާއެކު ރާއްޖެ އިން ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަނެއްކާވެސް މަޝްވަރާކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެ އެއްބަސްވުމާއެކު އިންޑިއާ އަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިކަމާ ގުޅިގެން މީގެކުރިން ވެސް އިންޑިޔާގެ ގާނޫނު ހަދާ މަޖިލީގުގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި ދެކުނު އޭޝިޔާގެ ގައުމުތަކާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުންތަކަށް ދިމާވަމުންދާ "ޗެލެންޖުތަކާ" ގުޅޭގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އަލި އަޅުވާލާފައެވެ. އަދި ވަކިން ހާއްސަކޮށް ދިވެހިރާއްޖެ އާއި ނޭޕާލްގެ ނަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވާހަކަފުޅުތަކާ ގުޅިގެން އިންޑިޔާގެ ފޮރިން މިނިސްޓަރު ސުޝްމާ ވިދާޅުވީ އިންޑިއާއިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ އަވަށްޓެރި ގައުމުތަކަށް ކަމަށާއި އެގޮތުން ރާއްޖޭގެ "ފުރަތަމަ އެކުވެރިޔާ" ގެ ގޮތުގައި އިންޑިޔާ އޮންނާނެ ކަމަށެވެ.

ސުޝްމާ މިހެން ވިދާޅުވެފައިވާއިރު ރާއްޖެ އިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ހިސާބުން ދެ އިންޑިޔާގެ ބައެއް ފަރާތްތަކުގެ ނުރުހުން ވަނީ ރާއްޖެ އަށް އަމާޒުވެގެން ގޮސްފައެވެ.

ނަމަވެސް މި އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމަށް ދިވެހި ސަރުކާރުން ހާމަކުރެއެވެ.

އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށާއި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގުސަދަކީ އިގްތިސޯދީގޮތުން އިތުރަށް ރާއްޖެއަށް ތަރައްގީ ގެނައުން ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

ADS BY ASTERS

Comments are closed.