ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރޭތީ 44 ރަށު ކައުންސިލެއްގެ ތަރައްގީގެ ޕްލޭންއާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ދަތިތަކެއް ކުރިމަތިވި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ކައުންސިލްތަކުގެ މެންބަރުން ހުވާ ކުރާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ނިންމަން ޖެހެއެވެ. މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު ހަމަވާނެއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ކައުންސިލްތަކުގެ ޕްލޭންތައް ނުނިންމިދާނެ ކަމުގެ ކަންބޮޑުވުން އެލްޖީއޭއިން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ސަމާލު ކަމަށް ގެނައެވެ. އެ ކަމަށް ގާނޫނީ ހައްލެއް ހޯދައިދޭނެ ކަމަށް ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، 44 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ލޭންޑް ޔޫސް ޕްލޭން ނުވަތަ ރަށުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގައި އާންމު ރައްޔިތުންގެ ޚިޔާލު ހޯދަން ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

މީގެ އިތުރުން ބައެއް ޓެކްނިކަލް ދާއިރާއާ ގުޅުން ހުރި ކަންކަން ވެސް ލޭންޑް ޔޫސް ޕްލޭންގެ ތެރޭގައި ހިމަނަން ޖެހޭނެތީ އެ ކަންކަމަށް އަދި އިތުރު ވަގުތު ވެސް މުހިންމު ވާނެ ކަން އަފްޝަން ފާހަގަ ކުރެއްވިއެވެ.

"މޮނިޓަރިންގެ ހާލަތުގައި ނެތް ނަމަ ތިން މަސް ދުވަހުގެ ތެރޭގައި މި ކަންކަން ގެންދެވުނީސް. އެހެން ވިޔަސް މޮނިޓަރިންގެ ހާލަތުގައި އޮތުމުން ގަބޫލު ކުރަން ޖެހޭ، އަދި ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި، އާންމު ހާލަތުގައި ކޮންސަލްޓޭޝަން ގެންދާހެން ނުގެންދެވޭ ކަން،" އަފްޝަން ވިދާޅުވިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގައި އޮންނަ ގޮތުން އެ ހާލަތު އިއުލާންކޮށްފައި އޮންނަ ދުވަސްވަރު، ގާނޫނުތަކުގައި ވަކި މުއްދަތެއްގައި ނިންމުން ލާޒިމު ކަންކަން އެ މުއްދަތަށް ނުނިންމިއްޖެނަމަ ފަސްކުރެވޭނެ ގޮތަށް ލުއިތައް ހިމެނެއެވެ.

އެހެންވެ ލާމަރުކަޒީ ގާނޫނަށް އިސްލާހު ނުގެނެސް ވެސް މި މައްސަލަ ހައްލުވާނެ ކަމަށް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ. އަލީ ނިޔާޒް ވިދާޅުވީ އެ ކަމުގައި އިތުރު ގާނޫނީ ލަފާތައް މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ފަރާތުން ހޯއްދަވާނެ ކަމަށެވެ.