ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކާއެކު ފައިނޭންސިންގ ފޯރޮކޮށްދިނުމަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މިއަދު ގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެއެވެ. ލޯނަށް އެދި ހުށަހަޅާ ފަރާތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންވާނެއެވެ. މިގޮތުން އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީގެ އިތުރުން އެހެނިހެން އާމްދަނީ ލޯނަށް ހުށަހަޅާއިރު ބަލައިގަނެވޭނެއެވެ.

ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރިފަރާތެއް ކަމުގައިވާންވާނެއެވެ. މި ގޮތުން އާއިލާގެ މަންމަ، ބައްޕަ، ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތައް، އެއްބަނޑު / އެއްބަފާ މީހުން، ދަރިން، މާމަ، ކާފަ އަދި މާމަ/ކާފަ ދަރިން ހިމެނިދާނެއެވެ.

ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެއެވެ. ރަހުނަކާއި ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ %12 ގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މި ބަދަލާއެކު، ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސް ލޯނަށްވެސް ވަނީ މި ބަދަލުތައް ގެެނެވިފައެވެ.

މި ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެއެވެެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12 ގައެވެ.

މި ބަދަލުތައް ބީއެމްއެލް އިސްލާމިކް ގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ ޕްލަސް އަށް ވެސް ވަނީ ގެނެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަސަން

    ބޭންކުން ލޯނުގެ އިންޓަރރެސްޓް ބޮޑުކަމުން ކިތަންމެވަރަކަށް ދެއްކިޔަސް މަދުވާހެނެއް ހިއެއްނުވޭ. ލިބެނީ އެންމެ 8 ހާސްރުފިޔާ ބޭންކަށް 3200 ރ ދެއްކީމާ އަނބިދަރިންނަށް ކެއިންބުއިމާ އުނުއަނުމަށް އޮންނަނީ ވަރަށް މަދުލާރިކޮޅެއް. އެހެންކަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިކަމަށް ރަނގަޅު ޙައްލެއް ގެނެސްދެއްވާނެކަމަށް އުއްމީދުކުރަން. ނޫނީ މުސާރަކޮޅަށް ބަދަލެއް ގެނެސްދެއްވާ. ސަރުކާރުގެ ރަސްމީ ވަޒީފާގައި އުޅޭ މީހުންނަށް އެންމެ 6000 ރ ލިބޭއިރު އަންހެނުން ކޮމިޓީތަކުގައި އުޅޭ އެހެންވަޒީފާތައް އަދާކުރާމީހުންނަށް 10000 ވަރަކަށްހާސް ރުފިޔާލިބޭ. މިއީ އިންސާފުތޯ.

    22
    1
  2. ނަޝީދު

    އަޅުގަނޑަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާ ކުރާ މީހެއް އަޅުގަނޑައް ލިބެނީ ވަރަށް ކުޑަ މުސާރައެއް ބޭންކައް ލޯނައް އެޕްލައި ކުރީމަ ބުނީ މުސާރަ ލިބޭލޭ ކުޑަކަމުން ލިބޭނި 20،000 ރުފިޔާކަމަށް މީތޯ އިންސާފަކީ...