ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް އަޅަމުން އަންނަ ރަންވޭގެ ދެކުނު ކޮޅުގައި ތާރު އަޅައި ނިންމާލައިފިއެވެ.

ރަންވޭގެ އެންމެ މަތީ ފަށަލައިގައި ތާރު އަޅަން ފެށީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ރަންވޭގެ ދެކުނު ކޮޅުގެ އެންމެ ފަހު ފަށަލައިގައި ތާރު އަޅާ ނިންމާލާފައި މިވަނީ ދެހަފްތާ ދުވަސް ތެރޭގައެވެ.

ވެލާނާ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރަންވޭގެ ދެކުނު ކޮޅުގެ އެންމެ ފަހު ފަށަލައިގައި ތާރު އަޅައި ނިމިފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ތަރައްޤީ ކުރަމުން ގެންދާ އާ ރަންވޭ އަކީ ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި ފްލައިޓްތަކަށް ވެސް ޖެއްސޭ ވަރަށް ތައްޔާރުކުރާ ޖާގަ ތަނަވަސް ރަންވޭ އެކެވެ.

ޗައިނާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ހަވާލުކޮށްގެން ކުރަމުން އަންނަ އާރަންވޭގެ މަސައްކަތް ކުރިއަށް ދަނީ ތާވަލާއި އެއްގޮތަށެވެ.

އެމްއޭސީއެލް އިން އަމާޒު ހިފާފައި ވަނީ މިއަހަރުގެ އޮގަސްޓް މަސް ތެރޭގައި ރަންވޭގެ މަސައްކަތް ނިންމާ ޓެސްޓް ފްލައިޓް ޖެއްސުމަށެވެ. އެއަމާޒަށް ވާސިލް ވެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް މިހާރު ވަނީ ލިބިފައެވެ.

ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ފިއުލް ފާމާއި ކާގޯ ފެސިލިޓީ ހެދުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޕަ

    މިކަހަލަ ބޮޑަތި ޕްރޮޖެކްޓްތައް އެހެންގައުމެއްގައި އިންވެސްޓްކުރުމަކީ އިންޑިޔާއަށް ވާވަރުގެ ކަމެއްނޫން، އެކަމަކު 100ވަރަކަށް މިލިޔަން ޑޮލަރުގެ ލޯނެއް 6 މަސްދުވަހުން ދައްކާގޮތަށްދީފާނެ 12%ގެ އިންޓަރެސްޓާއެކު! ދެން އެވާހަކަ އިންޑިޔާގެ ހުރިހާ ނޫސްތަކެއްގަ ޖަހަމުންދާނެ! “ޢިންޑިޔާއިން އެހީވެއްޖެއޭ ކިޔައިގެން”