އެސްޓީއޯއިން 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއް ނުވަތަ ލޯނެއް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާއި އެކު އިއްޔެ ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގަ އެވެ. މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމް އެވެ.

ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބުނީ އެސްޓީއޯއަށް ދޫކުރި ފައިސާއަކީ ކޮވިޑާއި ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

މި ޓްރޭޑް ފައިނޭންސިން ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. އެސްޓީއޯއިން މި ފެސިލިޓީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ސާމާނު ހޯދަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން މިދިޔަ އަހަރު ވެސް އެސްޓީއޯއަށް ވަނީ 15 މިލިއަން ޑޮލަރު (232 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފައެވެ. އެލޯނުގެ ސަބަބުން ރާއްޖޭގައި ފޮރިން ކަރަންސީ މެނޭޖު ކުރަން ލުއި ވެގެން ދާނެ ކަމަށް އެސްޓީއޯ އިން އޭރު ބުނެފައި ވެއެވެ.

އެސްޓީއޯއަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން 2017 ވަަނަ އަހަރު ވެސް މި ފަދަ ލޯނެއް ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކުޑަކާށި

  މިއެގެނީ ޤައުމުގެ ހާލަތު ؟؟؟؟؟؟؟؟ މިއެގެނީ ޤައުމުގެ ހާލަތު ؟؟؟؟؟؟؟؟

  މިއެގެނީ ޤައުމުގެ ހާލަތު ؟؟؟؟؟؟؟؟ މިއެގެނީ ޤައުމުގެ ހާލަތު ؟؟؟؟؟؟؟؟

  16
 2. ސަލާމް

  سبحان الله! މިވަރަށް ދަރަނިވެރިވީތޯ؟ މިއަދުގެ ހުތުބާ އަޑުއައްސަވާ! ޢަމަލުތައް އިސްލާހުކުރޭ!

  16
  1
 3. ޙހހހ

  ލޯނެއް ނުނަގާނެ މިސަރުކާރުން

  12
 4. ނަސީ

  ގައުމް މިއޮތް ގެއިން މިނިދަނީ

  11
 5. މުރާސިލް

  ދިވެިރައްޔިތުންގެ އަސާސީކަންކަމަށް ބޭނުންވާ ފައިސާ ފޮތިވެސް މިސަރުކާރުގައި މިހޯދަނީ ލޯނުނަގައިގެންނެވެ. ލޯނުނަގައިގެން ކަަންކަން ނުކުރަން މޮޅުވާހަކަ ދައްކައިގެން ވެރިކަމަށް އައި މީހުގެ ހާލެވެ. ރައީސް ސޯލިހަށް ހާދަ ރަނގަޅަށް ''ޤައުމު ހިންގެ'' އެވެ.

 6. މޮޔަ

  ކާން ވެސް ލޯނު ނަގަން މި ޖެހެނީ، ގައުމުގަ ނެތް ތަނެއް ރަހުނު ނުކުރާ، ވެރިކަމެއް މިއޮތީ. ދިވެހިން ބާރަށް އަތްޖަހާ.