މި އަހަރުގެ އޮގަސްޓް މަހު ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ.

އޮގަސްޓް މަހު ރާއްޖެއަށް އައިސްފައި ވަނީ 143،599 ފަތުރުވެރިންނެވެ. މިއީ މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބިރުވެރިކަމާއެކު ފަތުރުވެރިން އައިން ވަރަށް ބޮޑަށް މަދުވެފައިވާ މި ދުވަސްވަރުގައި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކުން މިހާރު ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށް ޖެހުމުން އަންނަ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

އޮގަސްޓް މަހުގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4،631 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް އެއް ދުވަހެއްގެ ތެރޭގައި ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައި ވެއެވެ. އެއީ އޮގަސްޓް ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 6،083 ފަތުރުވެރިން އައިސްފައިވެއެވެ. މީގެ އިތުރުން އެ މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ 27 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެ އައިސްފައި ވަނީ 3،090 ފަތުރުވެރިންނެވެ.

އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތައް ޖުލައި މަހާއި އަޅާބަލާއިރު އިތުރުވެފައިވާއިރު، ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ 101،818 ފަތުރުވެރިންނެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ބަލާއިރު، ރާއްޖެއަށް މިދިޔަ މަހު އައި ފަތުރުވެރިންގެ ތެރެއިން ގިނައީ އިންޑިއާ ފަތުރުވެރިންނެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް މިދިޔަ މަހު 54،094 ފަތުރުވެރިން އައިސްފައިވެއެވެ. އެ ލިސްޓުގެ ދެވަނަައިގައި އިނީ ރަޝިއާއެވެ. އެެ ގައުމުން 17،069 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ތިންވަނައިގައިވާ ޖަރުމަނުން އައިސްފައި ވަނީ 9،916 ފަތުރުވެރިންނެވެ.

އޮގަސްޓް މަހު އިންޑިއާ ފަތުރުވެރިން ރާއްޖެ އައި މިންވަރު އިތުރުވެފައި ވަނީ، އެކި ގައުމުތަކަށް ދިއުމަށް ކަރަންޓީން ވުމަށް ގިނަ އަދަދެއްގެ އިންޑިއާ މީހުން ކަރަންޓީން މަންޒިލެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމުންނެވެ.

މި އަހަރު މިހާތަަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 749،186 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    ޢިންޑިޔާ ފަތުރުވެރިންތޯ ނޫނީ ކަރަންޓީން މީހުންތޯ މިހާރަކައްއައިސް އެމީހުންއެބަތިބޭ ހުޅުމާލެފަޅުގަ 14 ފުވަސްވަންދެން ނާލުބޯޓުފަހަރުގަ

  2. މުހައްމަދު

    އިންޑިއާ މުންޑު ގުރޫޕް އަތުގަ ނުހުނާނެ ލާރިޔެ..