ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ކައިރިން 14 ފްލޯއަށް ހަދާ ކޭޕާކް ރެޒިޑެންސް ފްލެޓްތައް ގަނެފައިވާ މީހުންނަށް، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެތަނުގައި ދިރިއުޅެވެން ފެށޭނެ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ހަންބޯ ކޮމްޕެނީން މިއަދު ބުނެފިއެވެ.

14 ފަންގިފިލާ އަށް ހަދާފައިވާ ކޭޕާކް ރެސިޑެންސްގައި 110 އެޕާޓްމަންޓް ހުރެއެވެ. އެތަނުގައި ހުންނާނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކްގެ ބޮޑު މިނަކީ 21،000 އަކަފޫޓެވެ. މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ފަންގިފިލާއެއްގައެވެ. އެންމެ ތިރީ ފަންގިފިލާ ޕާކިންއަށް ހާއްސަ ކޮށްފައި ވާއިރު ފުރަތަމަ ދެ ބުރި ކޮމާޝަލް އެކްޓިވިޓީތަކަށް ވަނީ ހާއްސަ ކޮށްފައެވެ.

ކޭޕާކްގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަންބޯ ކުންފުނީގެ ޑިރެކްޓާ ކިމް ޖޮންގް ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19އާއި ހެދި ދިމާވި ދަތިތަކާއެކު އެ އިމާރާތް ނިންމުމަށް ކުރި މަސައްކަތަށް ވަރަށް ބޮޑަށް ބުރޫއާރާފައިވާ ކަމަށެވެ. ކަސްޓަމަރުންގެ ފަރާތުން އެކަމަށް މާފަށް އެދެމުން ކިމް ވިދާޅުވީ މި އަހަރުގެ ފަހުކޮޅު އިމާރާތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

"އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކަސްޓަމަރުންނަށް އެތަން ވަދެވޭނެ" އޭނާ ވިދާޅުވިއެވެ. އަދި ތަން ނިމޭހާ އަވަހަކަށް އެޕާޓްމެންޓްތައް ގަނެފައިވާ ފަރާތްތަކާއި ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެެވެ.

އިމާރާތުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ، ފިނިޝަންއަށް ބޭނުންވާ ހުރިހާ ސާމާނެއް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެޕާޓްމެންޓްތަކަށް ބޭނުންވާ ކަރަންޓުގެ ސާމާނުތައް އޮކްޓޫބަރު މަހުގެ ނިޔަލަށް ލިބޭނެ ކަމަށް ހަންބޯއިން ވަނީ ލަފާކޮށްފައެވެ. "މިހާރުވެސް ހަތަރު ފްލޯއެއް އެއްކޮށް ވަނީ ނިމިފައި" ކިމް ވިދާޅުވިއެވެ.

ޕްރޮޖެކްޓުގެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން ޗައިނާ އަދި ހޮންކޮންގުން މަސައްކަތް ކުރަން އިތުރު ފަންނީ މަސައްކަތްތެރިން ގެންނަން ވަނީ ނިންމާފައެވެ. " އަމާޒަކީ 100-50 އިތުރު މަސައްކަތު މީހުން" ކިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސައްކަތް ކުރުމުގައި ހުރި ދަތިތަކާއި އަދި އެކަމަށް އެޗްޑީސީން ވެދެވިދާނެ އެހީއާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މަމްދޫހް (މަންޑޭ) ވަނީ ކުރިން ކަނޑައަޅާފައި އޮތް ތާރީހަށް މަސައްކަތް ނިމިފައިނުވާތީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ. އެޗްޑީސީން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އޭނާ ވަނީ އެކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބިންގޯ

    ނުނިމޭނެ. 2023 ގަވެސް ނުނިމޭނެ.

    8
    2
  2. މނޑ

    މަސައްކަތް ކުރުވާފަ ލާރިނުދޭ ބައެއްތީ...ނުނިމޫނެ..ހުސްދޮގު މަންޑޭހަދާނީ..

    10
    1
  3. އަހްމަދު-

    ކޮއްމެ 3 މަހަކުން އާ ތާރީހެއް ދޭނެ.... މީގެ ދޮޅު ނޫނީ ދެ އަހަރެއްހާކުރިން ސެންޓަރަލް ހޮޓަލުގަ ވަރުގަދަ ޑިނަރއަކަށް އިންވައިޓް ކޮށްފަ ތިބުނާ ބޭރުމީހާ ވަރަށް ފޮނިކަނޑާފަ ދިން ޑޭޓެއް... އެފަހުން މިހާރު 6 އެއްކަ ފަހަރު ޑޭޓް ދީފި.