ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ބޭންކުގެ ހިދުމަތްތައް ފަށަން ލައިސެންސް ހޯދަން އެސްޓީއޯއިން އެމްއެމްއޭއަށް މިއަދު ހުށަހަޅައިފިއެވެ.

އެ ކުންފުނީގެ އެމްޑީ ހުސެއިން އަމްރު "ވަގުތު"އަށް ވިދާޅުވީ ބޭންކިން ލައިސެންސް ލިބެން ތިން މަސް ދުވަސް ނަގާނެ ކަމަށް އެމްއެމްއޭއިން އަންގާފައިވާ ކަމަށެވެ. ލައިސެންސް ލިބުމުން އިކޮނޮމިކް މިނިސްޓްރީގައި ކުންފުނި ރަޖިސްޓްރީ ކުރަން ހުށަހަޅައި މަސައްކަތްތައް ފެށޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތިން މަސް ތެރޭގައި ލައިސެންސް ލިބޭއިރަށް މަސައްކަތްތައް ފެށިގެންދާނެ" އަމްރު ވިދާޅުވިއެވެ. އެސްޓީއޯއިން ލަފާކުރާ ގޮތުން އަންނަ އަހަރުގެ މެދު ތެރޭގައި އެ ބޭންކުން ހިދުމަތްތައް ދެވެން ފަށާނެއެވެ. ބޭންކްގައި މާ ގިނަ މުވައްޒަފުން ބޭތިއްބުމުގެ ވިސްނުމެއް އެސްޓީއޯގެ ނެތެވެ. އެއީ އެހެން އެއްވެސް ތަނަކަށް ނުގޮސް އެކައުންޓު ހުޅުވުމުން ފަށައިގެން ގޮސް ހުރިހާ ހިދުމަތެއް ފަސޭހަކަމާއި އެކު އޮންލައިން ލިބޭނެތީއެވެ.

"60 ސިކުންތު ތެރޭގައި ލޯނު ލިބޭނެ" އަމްރު ވިދާޅުވިއެވެ. ބޭންކުގެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުން ކުރާ ހަރަދުތަކުގެ ތަފްސީލުތައް ވަކި ވަކިން ފެންނަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

"ގެއަށް ބޭނުންވާ އެއްޗެއް ގަތަސް ކޮފީއެއް ބުޔަސް، ސީދާ އެ މައުލޫމާތުތައް ފެންނަން ހުންނާނެ'" އަމްރު މައުލޫމާތު ދެއްވިއެވެ. ޑިޖިޓަލް ބޭންކުން ލޯނު ދިނުމުގައި އުޅޭ ވަޒީފާއެއްގެ ލިޔުމެއް ނުވަތަ ލިބޭ އާމްދަނީއަކަަށް ނުބަލާނެއެވެ. އޭގެ ބަދަލުގައި ބަލާނީ އެމީހާގެ އެކައުންޓަށް ކުރިން ފައިސާ ދައުރުވާ ގޮތެވެ.

ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، ޑިޖިޓަލް ބޭންކިންގެ ހިދުމަތާއެކު ޓެކްނޮލޮޖީއަށް ކުރިއަށް ދާން ފަހި ފުރުސަތުތަކެއް ލިބިގެންދާނެއެވެ. ޑިޖިޓަލްވެގެން ދިޔުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު އެހެން ވިޔާފާރިތަކަށް އޭގެ ސަބަބުން ކުރިއެރުމާއި މަންފާ ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އަމްރު ވިދާޅުވިއެވެ.

"މިއީ ޑިޖިޓަލް ރާއްޖެއަށް ކުރާ ދަތުރުގެ ފެށުން" އަމްރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާވިމް

    ބަރާބަރު. ތާއީދު.

    6
    1