މި އަހަރުގެ މިހާތަނަށް އައިއިރު، ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިންނާއި އެއާލައިންތައް އަންނަ ގައުމަކަށް އިންޑިއާވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 788،846 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، 172،104 މީހުން އައީ އަވަށްޓެރި އިންޑިއާ އިންނެވެ. ފަތުރުވެރިން އެވްރެޖުކޮށް 9.1 ރޭ ރާއްޖޭގައި ހޭދަކުރާ އިރު، އިންޑިއާ އިން ގިނައިން އަންނަނީ ގަލްފުގެ ގައުމުތަކަށް ދިޔުމަށް ކަރަންޓީނުވާން އަންނަ މީހުންނެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވާން ފެށުމާ ގުޅިގެން އިންޑިއާ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކުން ރާއްޖެ އަށް ފަތުރުވެރިން އައުން މަނާ ކުރިއެވެ. އޭރުގައި ރާއްޖޭގެ އެއް ވަނަ މާކެޓުގެ ގޮތުގައި އޮތީ ރަޝިއާއެވެ.

ނަމަވެސް ޖުލައި މަހުގެ ތެރޭ އިންޑިއާ ހިމެނޭ ގޮތަށް އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމާއެކު، އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. މިއާއެކު، މާލެ އާއި ހުޅުމާލޭގައި ހުރި ގެސްޓްހައުސް ފަދަ ތަންތަން ވަނީ ފުރިފައެވެ.

ހުޅުމާލެ ގޮނޑުދޮށުގައި އިންޑިއާ ފަތުރުވެރިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު

  • 1. އިންޑިއާ - 172،104 މީހުން
  • 2. ރަޝިއާ - 162،801 މީހުން
  • 3. ޖަރުމަނު -46،218 މީހުން
  • 4. އެމެރިކާ -31،793 މީހުން
  • 5. ޔޫކްރެއިން -27،386 މީހުން

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު

  • 1. އިންޑިއާ - 62,960 މީހުން
  • 2. ރަޝިއާ - 61,387 މީހުން
  • 3. އިނގިރޭސި ވިލާތް - 52,720 މީހުން
  • 4. އިޓަލީ - 46,690 މީހުން
  • 5. ޖަރުމަނު - 36,435 މީހުން

2019 ގައި އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު

  • 1. ޗައިނާ - 284,029 މީހުން
  • 2. އިންޑިއާ - 166,030 މީހުން
  • 3. އިޓަލީ - 136,343 މީހުން
  • 4. ޖަރުމަނު - 131,561 މީހުން
  • 5. އިނގިރޭސި ވިލާތް - 126,199 މީހުން

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުއެވެ. އެއީ 143,599 ފަތުރުވެރިންނެވެ.

މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އަށް މިހާރު 33 އެއާލައިނަކުން ދަތުރު ކުރެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިންޑިއާގެ އެއާލައިންތަކެކެވެ. މި އެއާލައިންތަކުގެ ތެރޭގައި އިންޑިގޯ، އެއާ އިންޑިއާ، ގޯ އެއާ، ސްޕައިސް ޖެޓް، އެއާ އިންޑިއާ އެކްސްޕްރެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙައްގުބަސް

    ރާއްޖެ މީގެކުރިން މަޝަހޫރުވެފައިވަނީ ނަމްބަރ ވަން ހޮލިޑޭ ޑެސްޓިނޭޝަންގެ ގޮތުގައި!! މިހާރު އިޝްތިހާރު ވެފައިވަނީ ނަމްބަރ ވަން ކޮރަންޓީން ޑެސްޓިނޭޝަންގެ ގޮތުގައި!! މިއީ ދެރަކަމެއް! ރާއްޖޭގެ ޓޫރިޒަމް ބްރޭންޑުގެ އަގު ޔޫރަޕްގެ ގައުމުތަކުގެ ކުރިމަތީ ވެއްޓިއްޖެ!! ރާއްޖޭގެ މައި އެއަރޕޯޓުން ޚިދުމަތް ނުދެވި އެތައް ގަޑިއިރެއް ލަސްވޭ މިހާރު! ޔޫރަޕްގެ ޓޫރިސްޓުން މިހާރު ރާއްޖެއިން ފުރައިގެންދަނީ ހިތްހަމަ ނުޖެހުމާ ރުޅިވެރިކަން އެއަރޕޯޓްގައި ތިބޭ މުވައްޒަފުންނަށް ބަންޑުން ކޮށްލާފަ!! މިއީ ވަރަށް ދެރަކަމެއް! މިކަން ކަން ބަލާ ބަޔަކު ރާއްޖެއަކު ނެތް!!

    • އަހްމަދު

      މިއީ ވަރަށް ރަނގަޅު ވާހަކައެއް! އަރާމްކޮށްލަށް އަންނަމީހުން އެރައިވަލްގައި އެތަށްގަޑިއިރު އަދި ޑިޕާޗާ އަދި އެހާމެ އުނދަގޫބޮޑު! މިއަކަށް ނުކިޔޭނެ ޙިދުމެއް ދެނީއެކޭ!

  2. އަޙްމަދު

    އިންޑިޔާ މީހުންނަށް ޓޫރިސްޓް ވިސާގައި މިޤައުމަށް އާދެވިފައި ދިވެހިންނަށް އިންޑިޔާއަށް ޓޫރިސްޓް ވިސާގައި ނުދެވެނީ!!!

  3. ދަރަނި ދަންތުރަ

    އިންޑިޔާ އިން އައްނަނީ ފަތުރުވެރިންނެއްނޫން ކަރަންޓީނު ވެރިން މާލޭގެ އާދައިގެ ގެސްޓުހައުސް ތަކުގައި ތިބެނީ ކޮޓަރިއެއްގައި 6 މީހުން 7 މީހުން ތިބޭ ހޮތާތަކުން ބަތްޕާރުސަލް ގެނެސްގެންކަނީ ، ފެރީޓާމިނަލްގަ ހުއްނަ ޓްލޮރީ ތަށްވެސް ވަގަށްގެންދަނީ މިއީ ފަތުރުވެރިން އުޅޭގޮތްތަ ؟

  4. މަބޭ

    އިންޑިޔާއިން އަންނަފަތުރުވެރިން އެބަތިބޭ މުދާއުފުލާ ފެރީބޯޓްތަކުގަ ހުޅުމާލެފަޅުގަ 14ދުވަހު