މުޅި ދުނިޔޭގައި ވެސް ހުރި މޫދު އަޑީގެ އެންމެ ބޮޑު އެއްރެސްޓޯރެންޓް ކަމަށްވާ ޅ.އަތޮޅު ހުރަވަޅި ރިސޯޓްގެ މޫދު އަޑީގެ ރެސްޓޯރެންޓްގައި މިއަހަރުގެ ކްރިމަސް އާއި 2022 ވަނަ އަހަރު ފެށުން ފާހަގަ ކުރަން ހާއްސަ މިއުޒިކް ކޮންސެޓެއް ބާއްވަން ނިންމައިފިއެވެ.

ހުރަވަޅި ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެރިސޯޓުން ބާއްވާ "އޮޕެރާ އަންޑާ ދަ ސީ" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ މަހުގެ 05 ވަނަ ދުވަހަށް ކަމަށެވެ.

5.8 ގެ ނަންދީފައިވާ ރެސްޓޯރެންޓްގައި މިއުޒިކް ފެސްޓިވަލް ކުރިއަށްދާއިރު ހުރަވަޅި ރިސޯޓްގެ އެންމެ ހާއްސަ ކެއުންތައް ޝޯ ބަލަން ތިބޭ ފަރާތްތަކަށް ލިބިގެން ދާނެއެވެ. އެއާއިއެކު ވަށައިގެން ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މި ފެސްޓިވަލްގައި މިއުޒިކް ހުށަހަޅައިދޭނެ ލަވަކިޔުންތެރިންގެ ތެރޭގައި ތުރުކީގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ބާކޫ ހަންސީ ހިމެނެއެވެ. އޭނާގެ އިތުރުން ދެން ފެސްޓިވަލްގައި ލަވަތައް ހުށަހަޅައިދޭ މީހުންގެ މައުލޫމާތު އަދި ހާމައެއް ނުކުރެއެވެ.

ހުރަވަޅި ރިސޯޓަކީ ރާއްޖޭގެ އެންމެ އަގުބޮޑު އެއްރިސޯޓެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އެހެން ގިނަ ރިސޯޓްތަކެކޭ އެއްގޮތައް އެރިސޯޓްގެ ރޫމްތަކުގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މިހާރު 1100 ޑޮލަރަށް އެއް ރޭ ރިސޯޓްގައި ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

މޫދު އަޑީގައި މިއުޒިކް ކޮންސެޓެއް ބާއްވާނެކަން ހުރަވަޅި ރިސޯޓުން އިއުލާން ކުރުމާއިއެކު އެކަން މިހާރު ވެސް ވަނީ ބައިނަލްއަޤުވާމީ ސަމާލުކަމަށް އައިސްފައެވެ.

ކޮވިޑް ފެތުރެން ފެށިފަހުން ރާއްޖޭގެ ރިސޯޓްތަކުން ވަނީ ތަފާތު ޕްރޮމޯޝަންތަކާއި ތަފާތު ހަރަކާތްތައް ތައާރަފްކޮށް މީގެ ކުރިން ވެސް ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ.