ރާއްޖޭގެ އިޤްތިސާދު މައި ނާރު ކަމުގައިވާ ފަތުރުވެރިކަމުގެ މަޝްރޫއެއް ހިންގުމަށްޓަކައި މާލެ އަތޮޅުގެ އުތުރުކޮޅުގައި އޮންނަ ފަޅެއް ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މާލެ އަތޮޅުގެ އުތުރުގައި އޮންނަ "މާވަރު ފަޅު" ނަމަކަށް ކިޔާ އެ ފަޅު ގަނެފައިވަނީ ޓޫރިޒަމް ޕްރޮޕަޓީ ޑިވެލޮޕްކޮށް އަދި މެނޭޖުކުރާ ކުންފުނި، ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދިގުމިނުގައި ތިން ކިލޯމީޓަރު ހުންނަ "މާވަރު ފަޅު"، ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑުން ގަނެފައިވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި މާވަރު ފަޅު ވިއްކާލުމަށްޓަކައި، އެތަނާ ގުޅޭ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު އިއުލާނެއްވެސް ކޮށްފައެވެ.

މާވަރު ފަޅު ހިއްކުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު އެ ފަޅުގައި ހަތަރު ރަށް ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހުސްވި ހަފްތާގެ ތެރޭގައެވެ.

ފަޅު ހިއްކުމާއި ބެހޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މާވަރު ފަޅު ހިއްކުމުގެ މަސައްކަތް، ކުރިއަށް އޮތް 10 ނުވަތަ 15 ވަރަކަށް ދުވަސް ތެރޭގައި ފެށޭ ވަރު ވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ބޭނުންކުރާނީ އެމްޓީސީސީގެ ކަޓާ ސަކްޝަން ޑްރެޖަރުތަކެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން އެ ފަޅުގައި ހިއްކާނީ ދެ ރަށެވެ. އަދި ހިއްކުމަށް ނިންމާފައިވަނީ އަށް ހެކްޓަރުގެ ދެ ރަށް ކަމަށާއި 60 ދުވަހުގެ ތެރޭގައި އެމްޓީސީސީން އެ މަސައްކަތް ނިންމަންޖެހޭނެ ކަމަށް ގުޑް ޗެކް ކުންފުނިން ބުނެއެވެ. އަދި މި ދެ ރަށަކީ ފަސް ތަރިއާއި ހަތް ތަރީގެ ޓޫރިސްޓް ޕްރޮޕަޓީ އަޅާނެ ތަންތަން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.