އިންޑިއާގައި ރާއްޖޭގެ ގެސްޓް ހައުސްތައް އިޝްތިހާރުކޮށް، ފަތުރުވެރިން ހޯދުމަށް އެ ގައުމުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާ އެކު ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މަޝްވަރާކޮށްފިއެވެ.

އިންޑިއާގެ އެމްބަސީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސަފީރު ވަނީ ރާއްޖޭގައި ގެސްޓްހައުސް ހިންގާ އިސް ވެރިންނާ ބައްދަލު ކުރައްވައި، އެބޭފުޅުންގެ ހުރި ދަތިތައް އޮޅުން ފިލުއްވައިފައެވެ. މި ބައްދަލުވުމުގައި، ގެސްޓް ހައުސްތައް ކުރިއަރުވަން ގޭމުން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީން ކަން އިންޑިއާ ސަފީރު ވަނީ ދެއްވައިފައެވެ.

ގޭމްގެ ނައިބު ރައީސް އަބްދުއް ސަމީއު އިމާދު "ވަގުތު" އަށް ވިދާޅުވީ އިންޑިއާ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި އިންޑިއާގެ މާކެޓު ހުއްޓުނަ ނުދީ އިތުރަށް ކުރިއަށް ގެންދެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މިދިޔަ މަހު އިންޑިއާގެ ފަތުރުވެރިންގެ ސަބަބުން ގެސްޓްހައުސްތަކަށް ވަރަށް ބޮޑަށް ފައިދާވި ކަން ފާހަގަ ކުރައްވައި ސަމީއު ވިދާޅުވީ އިންޑިއާގެ އެމްބަސީގެ އެހީތެރިކަން އިތުރަށް ހޯދަން މަޝްވަރާ ކުރެއްވި ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ކަރަންޓީންވުމަށް އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައިސް ގިނަ އިން ތިބީ ގެސްޓްހައުސްތަކުގައި.އެހެންވެ، އިންޑިއަން މާކެޓު ގެސްޓްހައުސްތަކަށް ގެނެސް މިކަމުގައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރީ،" ސަމީއު ވިދާޅުވިއެވެ.

މީގެއިތުރުން ގެސްޓްހައުސްގެ ރޫމް ބޯއީން ފެށިގެން މެނޭޖަރު ލެވެލްއާ ހަމައަށް މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން އިންޑިއާގެ އިންސްޓިޓިއުޓް މެދުވެރިކޮށް ތަމްރީން ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ސަމީއު ވިދާޅުވިއެވެ.

"ޖުމްލަ ގޮތެއްގައި ގެސްޓްހައުސްތަކަށް ދިމާވެފައިވާ ދަތިތައް ހައްލު ހޯދައި ދިނުމަށް މަޝްވަރާ ކުރީ،" ސަމީއު ވިދާޅުވިއެވެ.

އަދި އިންޑިއާގައި ބާއްވާ ބޮޑެތި ފެއާތަކާއި އެކްސްޕޯތަކުގައި އިންޑިއާގެ ހައި ކޮމިޝަނުގެ އެއްބާރުލުން ހޯދުމަށް މަޝްވަރާ ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހު ރާއްޖެ އަށް ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން އައިސްފައިވާއިރު، މީގެ ތެރެއިން ގިނަ ފަތުރުވެރިން ގެސްޓުްހައުސްތަކުގައި މަޑުކުރިއެވެ. އެހެންވެ، މާލެ ސަރަހައްދުގެ ވަރަށް ގިނަ ގެސްޓްހައުސްތަކެއް ފުރުނެވެ. އިންޑިއާގެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އެހެން ބައެއް ގައުމުތަކަށް ދިއުމަށް ރާއްޖޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމުގެ މަގްސަދުގައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 170،000 އަށް ވުރެ ގިނަ ފަތުރުވެރިން އައީ އިންޑިއާ އިންނެވެ. އިންޑިއާއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިހާތަނަށް އައިއިރު 80،000 އާ ގާތް ކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހޫ

    ޢިންޑިއާ އައުޓް ގޮވާބައިގަޑު ލަދުނުގަނޭތޯ. ޗައިނާގަ އިސްތިހާރު ކޮއްގެން ފިނިފެންމާ ސައީދުމެން އަނގަމައްޗައް ނަގައިގެން ތިބެންވީނު.

  2. ޜަނާ

    ޢިންޑިއާ ސަފީރާ ނުލާ މިހާރު ވަޔެއް ވެސް ބޭރު ނުވޭދޯ މިއޮތީވާ ގައުމެއް
    ބަޔަކުގެ ދަށުވާނީ ދެން މިހާކަށްހާ ވަރަށް ތޯއްޗެ.ގާނޫނުން ދިވަހިނންނަށް ހުއްދަ ކަންތައްވެސް އެމީހުން ބުނީމަ މަނާ ކަންތަކަށްވެ ދޭ.

    10