އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، އެމްޓީސީސީން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ އާއްމު ދަތުރުފަތުރުގެ ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފީ ނެގޭނެ ސިސްޓަމެއް ގާއިމް ކުރުމަށް ބީއެމްއެލްއިން އެމްޓީސީސީ އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަރކާޑުން ހިންގާ 'ސްމާޓް ސިޓީސް' ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ. މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ތައާރަފް ކުރެވި ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ހިދުމަތްދޭ ފަރާތްތަކަށް ހަރަދު ކުޑަކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދިކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ މަސައްކަތްތަކަށް އިންވެސްޓް ކުރުމަކީ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ.

"މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮޖެކްޓް މެދުވެރިކޮށް އަޅުގަނޑުމެންގެ ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ." ސީއީއޯ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ރާޖޭޝް މަނީ ވިދާޅުވީ ދިވެހި ސަރުކަރާއެކު އަލުން ޕްރޮޖެކްޓެއްގައި ބައިވެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

އެގޮތުން މިފަހަރު މި ތައާރަފް ކުރެވެނީ އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންޝް ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވިއެވެ،

"މީގެ ސަބަބުން ހިދުމަތްދޭ ފަރާތަަށް ހަރަދުތައް ކުޑަކުރެވޭނެ. އަދި ހަމައެހެންމެދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވޭނެ. މި ޕްރޮގްރާމް މެދުވެރިކޮށް މާސްޓަރކާޑުން ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން. އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަށް ލިބިފައިވާ މިފަދަ ގިނަގުނަ ތަޖުރިބާ އާއެކު ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތް ދިނުމުގެ ސްރެޓަޖީގެ ލަނޑުދަނޑި ހާސިލްކުރުމަށް ހިއްސާވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއް.". ރާޖޭޝް ވިދާޅުވިއެވެ،