ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ނިންމި އާރަންވޭ އާއި، އޭރު މަސައްކަތް ފަށައި އަދި މިހާރު މަސައްކަތް ނިމިފައިވާ ސީޕްލޭން ޓާމިނަލް އާއި ވީއައިޕީ ޓާމިނަލްގެ މަސައްކަތް ނިމިފައިވާއިރު ވެސް އޮޕަރޭޝަނަށް ގެނެސްފައި ނުވުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފާޑުވިދާޅުވެއްޖެއެވެ.

ވެލާނާ އެއާޕޯޓްގައި ތަރައްގީގެ މަޝްރޫއުތައް ފެށިއިރު އިކޮނަމިކް މިނިސްޓަރަކަށް ހުރި ސައީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެއާޕޯޓްގެ އާރަންވޭ 2018 ވަނަ އަހަރު ހުޅުވި ދުވަހުގެ ހަނދާންތައް އާކޮށްފައެވެ. ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ދުނިޔޭގެ އެންމެ ބޮޑު ފްލައިޓްގައި ރާއްޖެ އައިކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ އޭގެ ފަހުން ތިން އަހަރު ފާއިތުވެގެން ދިޔައީ ކަމަށެވެ.

"ރަންވޭ، ސީޕްލޭން އަދި ވީއައިޕީ ޓާމިނަލް ނިމިފައިވާއިރު އޮޕަރޭޝަނަށް ގެންނަން ނޭނގުމަކީ ހިތާމައެއް. މިސަރުކާރުގެ ފަސް އަހަރު ހަމަ ބޭކާރު." ސައީދު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުުގައި މަސައްކަތް ފެށި އަދި މިހާރު މަސައްކަތް ނިމިފައިވާ އާރަންވޭ، އާސީޕްލޭން ޓާމިނަލް، އާކާގޯ ޓާމިނަލް، އާވީއައިޕީ ޓާމިނަލް، އާފިއުލް ފާމް އަދި އޭޕްރަންތަކުގެ މަސައްކަތް ނިމިފައި ވީނަމަވެސް އަދި ބޭނުންކުރަން ފަށާފައި ވަނީ ހަމައެކަނި އޭޕްރަންތަކެވެ.

އެމްއޭސީއެލް އިން ކުރިން ބުނެފައިވާ ގޮތުގައި ރަންވޭ ބޭނުން ކުރަން ފެށޭނީ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމަށްފަހު މިހާރު ޓްރާންސް މޯލްޑިވްސް އިން ބޭނުންކުރާ ސީޕްލޭން ޓާމިނަލް އެސަރަހައްދުން ނެގުނު ދުވަހަކުންނެވެ. އެކަން ކުރަން އަދި ކިހައި ދުވަހެއް ހޭދަވާނެ ކަމެއް ނޭނގެއެވެ. މިހާރު ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިންމާ ކޮންޓެކްޓަރު ވަނީ އެމްއޭސީއެލް އާއި ޓާމިނަލް ހަވާލު ވެސް ކޮށްފައެވެ.

ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި އެއާޕޯޓްގެ މަޝްރޫއުތަކުގެ ތެރެއިން މިހާރު މަސައްކަތް ނުނިމި އޮތީ އާޓާމިނަލްގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ލަދުގަންނަނީކަމަށް ގފެންނަނީ!

    13
  2. ރޭމްޕް

    މިއީ ހަމަ ގަމާރު ބޯގަޅި ސަރުކާރެއް ، ނެތިން އިތުރު އެއްޗެއްބުނާކަށ!

    12
  3. އަތޯލާ

    އިންޑިއަން ހައި ކޮމިޝަނުގެ ހުއްދައެއް ނެތް ތި ތަންތަން ހުޅުވައިގެން މާ ފެންވަރު ރަނގަޅު އެއަރޕޯޓެއްގެ ގޮތުގައި ތިތަން ހިންގިޔަދޭކަށް. އެއަރޕޯޓް ފެއިލްކޮށްފަ އަދިވެސް އިންޑިއާއަށް ދޭންވެގެން. އެމީހުން ނަގާ ގޮތައް އެމީހުން އިންވެސްޓްކޮށްގެން ކަމަށް ތިތަންތަން ނިމުނީ ހަދަން ވެގެން. މިކަހަލަ ގައުމަށް ޢައްދާރުވެފައިވާ ރަނޑާލި ރައީސަކު ބަހައްޓައިގެން ބަލަހައްޓައިގެން ތިބެން ހެޔޮނުވާނެ.

  4. ނަޒީ

    ތިތަންތަން ބޭނުންކުރަންފެށީމާ އެންމެންގެ ހަނދާނަށް އަންނާނީ ރައީސް ޔާމީން! އެހެންވެ ލަދުން އެތިބެނީ!

    10
  5. އަތޯލާ

    މިހާރު އަނެއް ވިޔާނުދާ ކަން ކޮށްފި. ދެވަނަ ފަހަރަށް އިންޑިއާގެ ކުންފުންޏަކަށް ތިލަފުށި ވޭސްޓް މެނޭޖްމެންތް ދީފި. އެކަމަށް މާ ގާބިލް ޓެކްނޮލޮޖީއާއި ތަޖުރިބާ ހުރި ޗައިނާއި ސައުތު ކޮރެއާގެ ކުންފުނިތަކުން ބިޑު ހުށަހަޅާފައި ވަނިކޮށް. ޗައިނާއާއި ސައުތު ކޮރެއާ އަކީ އެޑްވާންސް ޓެކުނޮލޮޖީގައި މިއަދުގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ގައުމުތައް. އިންޑިއާއަކީ އަމިއްލަ ގައު،މުގައިވެސް ކުނި މެނޭޖްކުރުމުގެ ގާބިލްކަން ތިބި ބައެއް ނޫން. ކުރީ ފަހަރުވެސް ޓަޓުވާ ކިޔާ އިންޑިއާ ކުންފުންޏަކަށް ދީގެން އެކަން ނުކޮށްގެން އެގްރީމެންޓް ކެންސެލް ކުރެވުނީ އެތައް ލައްކަ ޑޮލަރެއް ދީގެން . ދެވަނަ ފަހަރަށް އެލަނޑު ރާއްޖެއަށް ދޭން މިއުޅެނީ.