މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އަށް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެ އައީ 809،764 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އައީ 396،129 ފަތުރުވެރިންނެވެ.

މި މަހުގެ މިހާތަނަށް 53،798 ފަތުރުވެރިން ރާއްޖެ އައިއިރު، މި އަހަރު އެންމެ ގިނަ ފަތުރުވެރިން އައި މަހަކީ މިދިޔަ އޮގަސްޓް މަހެވެ. އޮގަސްޓް މަހު އެކަނި ވެސް 143،599 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ދެ ވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައީ ޖުލައި މަހުއެވެ. ޖުލައި މަހު ރާއްޖެ އައީ 101،818 ފަތުރުވެރިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައީ ފެބްރުއަރީ މަހުއެވެ. އެއީ 96،882 ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން މިހާރު އެންމެ ގިނަ އިން އަންނަނީ އިންޑިއާ ފަތުރުވެރިންނެވެ. ދެ ވަނަ އަށް އުޅެނީ ރަޝިއާއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4،862 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިން ރާއްޖެ އަށް އަންނަ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 4000 އިން މަތީގައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާވާ އިރުއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %22.4 އަކީ އިންޑިއާ ފަތުރުވެރިންނެވެ. ދެ ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިޔާއިން %20.4 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީގެ އަމާޒަކީ މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

މިނިސްޓްރީ އިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، ރާއްޖެ އަށް މިހާރު 33 އެއާލައިނަކުން ދަތުރު ކުރެއެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިންޑިއާގެ އެއާލައިންތަކެކެވެ. މި އެއާލައިންތަކުގެ ތެރޭގައި އިންޑިގޯ، އެއާ އިންޑިއާ، ގޯ އެއާ، ސްޕައިސް ޖެޓް، އެއާ އިންޑިއާ އެކްސްޕްރެސް ހިމެނެއެވެ.