ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރ އެގްރީމަންޓްގެ އައުކޮށްފިއެވެ.

މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި އެގްރީމަންޓުގެ ދަށުން ބީއެމްއެލް ވެގެންދާނީ ކުރިއެކޭވެސް އެއްފަދައިން ގައުމީ ސީނިއަރ ފިރިހެން ޓީމާއި، ސީނިއަރ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ޓިމް ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނަރޝިޕް އައު ކުރެވިގެންދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޤައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ އަޅުގަނޑުމެން ނުހަނު ބޮޑު އިސްކަމެއްދޭކަމެއްވެސްމެ. ކުރިއަށްއޮތް ސާފް ޗެންޕިއަންޝިޕް މުބާރާތުގައި އަޅުގަނޑުމެން އެދެނީ ދިވެހި ގައުމީޓީމަށް ކާމިޔާބު ލިބުން."

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ބީއެމްއެލް އާއެކު މި އެއްބަސްވުން އައު ކުރެވިގެންދިއުމަކީ ފަހުރެއް ކަމަށެވެ. އަދި ކުޅުންތެރިންނަކީ ފަހުރުކަމަށްވާއިރު، އެ ކުޅުންތެރިން ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާކަމަށް ބައްސާމް ވިދާޅުވިއެވެ.

މި" ފުރުސަތުގައި ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް ދަންނަވަން."

2017 ވަނަ އަހަރުން ފެށިގެން ޤައުމީ ފުޓްބޯޅަ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަކީ ބީއެމްއެލްއެވެ. އަދި ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕް2021 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަަރަކީ ވެސް ބީއެމްއެލްއެވެ.