(ހއ. ފިއްލަދޫ) އެއީ ދަނޑުވެރި، ދަނޑުވެރިން ތިބި ރަށެކެވެ. އެ މަސައްކަތުގައި އުޅޭ އެތައް ބަޔަކު ރަށުގައި ތިބިކަމުގައި ވިޔަސް، ދަނޑުވެރިން ހިތްތައް ކުދިކުދިވާ އެތައް ކަމަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެތައް ގުރުބާނީއެއްވެގެން ހައްދާ ދަނޑުތަކަށް ގެއްލުންދެނީއެވެ. އެއީ ކާންބޯން ކުރާ މަސައްކަތްކަމަށްވި ކަމުގައިވިޔަސް ޒާތީ ހަސަދައިގެ ސަބަބުން ދަނޑުތަކުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ނުލިބެއެވެ.

އެރަށުގެ އުތުރު ފަރާތުގައި ދަނޑުތައް ހެއްދުމަށް ދޫކޮށްފައި ހުރި ސަރަހައްދަށް ގޮސްލުމުން އެ ސަރަހައްދުގައި ރަނގަޅަށް ދަނޑު ހައްދައި އެއިން ނަފާ ހޯދާ މީހުން ކުރާ މަސައްކަތްތައް ފެނިގެން ދެއެވެ.

ނަމަވެސް ކޮންމެވެސް ވަރަކަށް ދަނޑުތަކައް ގެއްލުންދީ، ދަނޑުތަކުގައި ޖަހާފައި ހުރި ދާތައް ނައްޓާފައި ހުރި މަންޒަރު ފެނިގެން ދިޔައެވެ. އަދި ބައެއް ދަނޑުވެރިންނާ އިންޓަވިއުކޮށް ނިމިގެން ދިޔަ މަގުމަތީގައި އެތައް ކަރައެއް އަޅާފައިވާ ކަރާ ދަނޑަކަށް ގެއްލުން ދީފައި ހުރި މަންޒަރު ފެނުނެވެ. އެ ދަނޑުވެރިޔާގެ މޫނު މަތިން ފެނިގެން ގޮސްފައި ވަނީ މާޔޫސްކަމުގެ ކުލަވަރެވެ.

ފިއްލަދޫ ދަނޑެއް - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

މިއީ މިރަށު ތެރޭގައި ދޭތެރެ ދޭތެރެއިން ހިނގާ ކަމެއް ދަނޑުވެރިން ފާހަގަ ކުރެއެވެ. އެތައް ހަރަދެއްކޮށްގެން ކުރާ މި މަސައްކަތަށް ގެއްލުންތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމީހުން ބުނެއެވެ.

ވިޔަފާރިއަކަށްވުރެ ބޮޑަށް މަސައްކަތް ފެށީ ހިދުމަތެއް ދޭން!

2008 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި މިރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަ މަރިޔަމް ޒޫނާ 48، ބުނީ، އޭނާ 2017 ވަނަ އަހަރާ ހަމައަށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަމުން ގޮސްފައިވާނެ ކަމަށެވެ.

"ނަމަވެސް މިދިޔަ ދެ އަހަރެއްހާ ދުވަހު އަޅުގަނޑަށް އެ މަސައްކަތް ކުރިއަށް ނުގެންދެވުނު ދަނޑުބިންތަކުގެ މައްސަލަ ކުރިމަތިވެގެން". ޒޫނާ ބުންޏެވެ.

ފިއްލަދޫ ދަނޑުވެރިއެއް “ވަގުތު” އަށް މައުލޫމާތު ދެނީ - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހު

ޒޫނާ ދަނޑުވެރިކަން ފެށިއިރު އޭނާ ބޮޑަށް ބެލީ ރައްޔިތުން އެންމެ ބޭނުންވާ ތަކެތި ހެއްދުމަށެވެ. ބަރަބޯ، ކަރާ ކިއުކަންބާ، މިރުސް، ދޮންކެޔޮ، ބަށި، ލެޓިއުސް، ކެބެޖް، ޓޮމާޓޯ، ކެރެޓް ފަދަ އާއްމުކޮށް މީހުން ބޭނުންވާ ބާވަތްތައް ދިޔައީ ހައްދަމުންނެވެ. ފަހުންވެސް އެ ބާވަތްތައް އިތުރުކޮށް ހައްދަމުން އޭނާ ދިޔައެވެ.

މި ދަނޑުވެރިޔާ ބޭނުންވީ ދަނޑުވެރިކަން ހިދުމަތެއްގެ ގޮތުގައި ރަށާއި، އަތޮޅަށް ފޯރުކޮށްދިނުމަށެވެ. އެއީ ވިޔަފާރިއެއް ގޮތަށް އެކަން ކުރަން ބޭނުން ނުވެގެންނެވެ.

ފިއްލަދޫގައި ދަނޑުހައްދާ މީހުން ގިނަ - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހު

ފުރަތަމަ މަސައްކަތް ކުރީ: 10،000 އަކަފޫޓުގެ ދަނޑެއްގައި ހެޔޮ އެދޭ ފަރާތެއްގެ އެހީގައި

ފަހުން މަސައްކަތް ކުރީ: 62،000 އަކަފޫޓުގެ ދަނޑެއްގައި ހެޔޮ އެދޭ ފަރާތެއްގެ އެހީގައި

ލިބެމުންދިޔަ ގެއްލުންތަކާއެކު ނަފާ ނުލިބި އެތައް ދުވަހެއް!

ޒޫނާ ބުނީ، އެއިރު ކުރި މަސައްކަތާއި ބަލާފައި ލިބުނު އާންމުދަނީ ރަނގަޅު ނޫން ކަމަށެވެ.

"އެއިރު ކުރި މަސައްކަތާއި ބަލާފައި އާމްދަނީއަށް ވަރަށް މަދު އެއްޗެކޭ ބުނާނީ ލިބުނީ، އެއީ އަސްލު ތަކެތި ނުއުފެއްދިގެންނެއް ނޫން، އެއީ އަޅުގަނޑުމެންނަށް ކުރަމުންދިޔަ ޖެއްސުންތަކަކާއި، ދިން ގެއްލުންތަކެއްގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވާ ނަފާ ނުލިބި ދިޔައީ". ޒޫނާ ކިޔައި ދިނެވެ.

ފިއްލަދޫގައި ދަނޑެއް - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހު

ޒޫނާ ވަނީ އޭނާއާ މަސައްކަތުގައި ޝާމިލްވެ އުޅޭ މީހުންނަށް ލިބެމުންދިޔަ ގެއްލުންތަކުގެ ތަފްސީލް ކިޔައިދީފައެވެ.

"އަޅުގަނޑުމެން މިސާލަށް ބުނާނަމަ ފަސްހާސް އަކަފޫޓުގެ ބިމެއްގައި މި ޖަހަނީ ކަރާ، 300،400 ގަސް މިރުސް އޮންނައިރު އެ އަދަދަށް ބަށި ކިއުކަންބާ ފަޅޯ ކަހަލަ އެއްޗެހިވެސް ހުންނާނެ ވަށައިގެން، ވާގޮތަކީ ފުރަތަމަ ދޮންވެގެން އަންނައިރު ފުރަތަމަ ދެ ތިން އެއްޗެއް ކަނޑާއިރުގައި އެ ލިބޭ އެއްޗެއް ލިބެނީ، ދެން އެއަށްފަހު އެ ވަންނަ ބަޔަކު ވަދެފައި އެ އެއްޗެހި ގެއްލުންދީ ހަލާކު ކުރުމުގެ ސަބަބުން އަސްލު ބުނާނަމަ ކުރާ މަސައްކަތަށް ލިބެން ވާ އެއްޗެއް ނުލިބި ދިޔައީ އެއިރުގައި". ޒޫނާ ބުންޏެވެ.

ޒޫނާ ބުނީ، އޭނާއަށް އެ މަސައްކަތް ރަނގަޅަށް ނުކުރެވެނީ ދަނޑަށް ގެއްލުން ދެމުންދާތީ ކަމަށެވެ.

ފިއްލަދޫ ދަނޑެއް - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ގެއްލުންތައް ދިންއިރުގައިވެސް ހުއްޓައެއް ނުލާ!

ޒޫނާ މި ހުރިހާ ވާހަކައެއް ކިޔައި ދިނީ މާޔޫސްވެ ހުރެއެވެ.

"އަޅުގަނޑު މަސައްކަތް ފެށިތާ އެއް އަހަރު ފަހުން ފިއްލަދޫ ރައްޔިތުންނާއި ދިއްދޫ ފަދަ އަތޮޅު ތެރޭގެ މީހުންނަށް މިރުސް ކަރާ މި އެއްޗެހި ނުލިބިގެން އުޅޭކަށް ނުޖެހޭ، ހުރިހާ އިރެއްގައިވެސް ލިބޭ ވަރަށް އަޅުގަނޑު މާކެޓްކޮށްދިނިން".

ފެބްރުއަރީ 2012 އާ ހަމައަށް ދަނޑުވެރިކަންކޮށްގެން އޭނާ އަށް ދިޔައީ ފައިދާ ވަމުންނެވެ. އޭރު ހަފްތާއަކަށް 25،000ރ. ލިބޭ ފަހަރުތައް ވެސް އާދެއެވެ.

ފިއްލަދޫ ދަނޑެއްަގައި ހައްދާފައި ހުރި ތަކެތި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ޒޫނާ އާއި ފިރިމީހާއާ ދެމީހުންވެސް އެ މަސައްކަތުގައި އުޅެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގައި ރަޖިސްޓަރކޮށްގެން އެ މަސައްކަތް ކުރަމުންދިޔައެވެ.

މިރަށުގެ ދަނޑުވެރިންނާއި ވާހަކަދައްކާލުމުން ފާހަގަކޮށްފައި ވަނީ ފެނުގެ މައްސަލައެވެ. އެ ސަރަހައްދުގެ ބައެއް ތަންތަނުގައި ފެން ލޮނުވަނީއެވެ. އަދި ގަސްގަހަށް ބަލި ފެތުރުމުގެ މައްސަލަ ފާހަގަކުރިއެވެ. އަދި ދަނޑުބިންތަކަށް އަދިވެސް ގެއްލުން ދިނުމާއި، ދަނޑުވެރިންނަށް ޖެއްސުން ކުރުން ފަދަ މައްސަލަތައް ފާހަގަކުރެއެވެ.

މިރަށުގައި އެންމެ ފުރަތަމަ ދަނޑުތައް ދޫކުރިއިރު، ކޮންމެ ގެއަކަށް ދަނޑެއް ލިބުނެވެ. އެހެންވެ ބައެއް ދަނޑުވެރިން ދަނޑު ހައްދާ ނޫޅޭ އާއިލާ މީހުންގެ ދަނޑުތައް ބޭނުން ކުރަމުންދިޔައެވެ. އެއާއެކު ބިން ކުޑަވެގެން ތަކެތި ނުއުފެއްދޭ ހިސާބަށް ނުދެއެވެ.

އެރަށުގެ ދަނޑުވެރިންނަށް ބޭނުންވާ ވަރަށް ތަކެތި އުފެއްދޭ ވަރުގެ ދަނޑެއް ލިބިފައެއް ނުވެއެވެ.

މިރަށުގައި ދަނޑުވެރިކަން ކުރުމުގައި 10 އަހަރުވީ އަންހެނަކު ބުނީ، އެ ސަރަހައްދުގެ ދަނޑުބިންތަކުގެ ފެން ލޮނުވާ ހިސާބަށް ދިއުމުން ތަކެތި ހަލާކުވާ ހިސާބަށްވެސް ގޮސްފައިވާ ކަމަށެވެ.

"މަސައްކަތް ނުކުރެވޭ ހާލަތަށް އައިސްފައި މި އޮތީ، ފެންވެސް ގެއިން ގެންނަ ހިސާބަށް މި ވަނީ ގޮސްފައި"

ތަފާސްހިސާބުތައް

މަހެއްގެ މައްޗަށް ފައިދާ: 2000ރ. އާއި 1500ރ (ކޮންމެ ދަނޑަކުން)

ދަނޑުވެރިން މަސައްކަތް ކުރާ އަދަދު: 130 ދަނޑުވެރިން

ރަށުގައި އެންމެ ގިނައިން ހައްދާ ތަކެތި: ދޮންކެޔޮ، މިރުސް

ފިއްލަދޫ ކައުންސިލް މެންބަރު މުހައްމަދު މޫސާ ވިދާޅުވީ، ދަނޑުތަކަށް ގެއްލުންދޭ މައްސަލަ މިހާރު ފެންމަތި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަދިވެސް ދަނޑުތައް ހައްދާ ސަރަހައްދުގެ ފެން ލޮނު ކަމަށާއި، އެކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު އީސާ

    މުދަލަށާއި ރުއްގަހަށް ގެއްލުންދިނުމަކީ ވަ ރަށް ގިނަ ރަށް ޜަށް ރަށުގައި ހަސަދަ ފިލުވާލަން ކު ރާ ވަ ރަށް މުޑުދާ ރު ފިނޑި ކަމެއް. ދަންވަ ރު ރުއްތައް ކޮށާލުމާއި މޭވާ ގަސްތައްކޮށާލުމާއި ގޭގެއަށް ގެއްލުންދިނުން ބައެއް ރަށް ރަށުގައި އަދިވެސް ކު ރިއަށްދޭ! ވަ ރަށް ހިތާމަހު ރި ކަންކަންމީ. އަނެކާއަށް އެއްޗެއް ލިބޭތީ ވާ ހަސަދަ ފިލުވާލަނީ އެމީހާގެ ރުއްތަކާ ދަނޑުތައް ކޮށާލައިގެން.

    17
  2. ރޮވިއްޖެ

    މިފަދަ ގެއްލުންދޭމީހުންނައް ދިގުމުއްދަތަކައް ޖަލައްލެވޭ ގޮތައް ބަދަލުކުރުމައް ގޮވާލަން

    26
  3. ހާނިމް

    ފުލުހުންގެ ޤާނޫނީ ޒިންމާ ވަނީ ކޮންތާކު

    10
    • ސަލްމާން

      ސިޔާސ ކޮރަޕްޓް ދިޔާތަކެތި ފައިސާގޯނި ރޯޔަލް ކުދިންގެ