(ހއ. މުރައިދޫ) މީގެކުރިން ކަށިކެޔޮ ގަސްތަކުން ހއ. މުރައިދޫ ފުރާލާފައި އޮތަސް، އެއީ މާޒީއެވެ. މިއަދު މުޅި ރަށުން ފެންނަމުން ދިޔައީ ފަތްކޭލެވެ. ބޮޑެތި ދޮންކެޔޮ ގަސް ގަހެވެ. މިއީ ރާއްޖޭގެ އުުތުރުން އެންމެ ގިނައިން ދޮންކެޔޮ ގަސްތައް ހައްދާ އެއް ރަށެވެ. އެހާވެސް ގިނައިން މިރަށުގައި ދޮންކެޔޮ ގަސްތައް ހައްދާފައި އެބަހުއްޓެވެ. ރަށުގެ އެއްކޮޅުން އަނެއް ކޮޅުގައި ހުރީ މި ބާވަތުގެ ގަހެވެ. މިތަންތަން ބެލެހެއްޓުމުގެ މަސައްކަތް ރައްޔިތުން ކުރާ އިރު، މިކަމުން ރަނގަޅު މަންފާއެއް މިރަށު ރައްޔިތުން ހޯދައެވެ. އަދި މިރަށުގައި ދޮންކެޔޮ ކަނޑައިގެން އާއްމުދަނީ ހޯދަމުންދާ މީހުންވެސް އުޅެއެވެ.

ރަށުގައި ފަތްކެޔޮ ހައްދަން ފެށީ ކަށިކެޔޮ ގަސްތައް ކަނޑާ އުފުރާލުމަށް ފަހުއެވެ. ކުރުކޮށް ބުނާނަމަ މަރާލުމަށް ފަހުއެވެ. އެ ގަސްތައް މަރާލީ ހުޅުޖައިގެން ކަމަށް މިރަށު ބައެއް މީހުން ބުނެއެވެ. ނަމަވެސް މިރަށުގައި ކެޔޮ ގަސް ނުހުންނަ ހަނދާނެއް ނުވާ ކަމަށް މިރަށު މީހުން ބުނެ އުޅެއެވެ.

ހއ. މުރައިދޫގައި ހައްދާފައިވާ ކެޔޮ ނިރު ފީންޏެއްގެ ތެރޭގައި ނޫސްވެރިޔާ ރީއާން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިހާރު މިރަށުގެ ބޮޑު ސަރަހައްދަކުން ފެންނަމުން ދަނީ ކެޔޮ ގަސްތަކެވެ. އެތައް ހާސް ރުފިޔާއެއް މި ކެޔޮ ގަސްތަކުން ހޯދަމުންދެއެވެ. މިރަށުގެ ބައެއް މަގުތަކާ ދިމާލުންވެސް ފެންނަމުން ދަނީ ބަރިއަކަށް އަތުރާލާފައި ހުރި ކެޔޮ ގަސްތަކެވެ. އެ ގަސްތައް ހުރީ ވަރަށް ތަރުތީބުން އަތުރައިލާފައެވެ. ބައެއް ސަރަހައްދުތަކުގައި އެކި ގޮތްގޮތަށްވެސް ގަސްތައް ހައްދާފައި އެބަހުއްޓެވެ. މިރަށުގައި އަމިއްލަ މިފަދަ ދަނޑުތައް ގެންގުޅޭ މީހުން ބުނީ، އެ މީހުން ދަނޑުތައް ސާފް ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް ހަފްތާއަކު އެއް ފަހަރު ސާފްކުރަން ދާ ކަމަށެވެ.

މިރަށު އަމިއްލަ ފަތްކެޔޮ ދަނޑެއް އޮންނަ އުމުރުން 54 އަހަރުގެ އަބްދުﷲ އަގްލީލް ބުނީ، ކުރިންވެސް މިރަށުގައި ދޮންކެޔޮ ގަސްތައް ހުރި ނަމަވެސް، މިހާރު ހައްދާ ވަރަކަށް އެއިރު މިގަސްތައް ރަށުގައި ނުހުންނަ ކަމަށެވެ. ނަމަވެސް ފަހުން މި ގަސްތަކުން ފައިދަވާން ފެށުމުން މިރަށުގެ ގިނަބަޔަކު ދޮންކެޔޮ ހައްދާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ހޭލައިގެން އައިރުގައިވެސް މިރަށުގައި ކެޔޮއަކީ އޮންނަ އެއްޗެއް، ފަހުން ހައްދާލި ވަރަކަށް ނޫން". އަގްލީލް ކިޔައި ދިނެވެ.

އޭނާ ބުނާގޮތުގައި، އަމިއްލަ ކެޔޮ ދަނޑުން ކެޔޮ ކަނޑައިގެން މަހެއްގެ މައްޗަށް 9،000 ރުފިޔާ އައި 10،000 ރުފިޔާގެ އާއްމުދަނީއެއް އޭނައަށް ލިބެއެވެ.

ހއ. މުރައިދޫގައި ކެޔޮގަސްތައް ހައްދާފައި ހުންނަ ސަރަހައްދު ވަރަށް ބޮޑަށް ސާފްކޮށްފައި ހުންނަ ކަން އެނގޭ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ކޮންމެ ހަފްތާއަކުވެސް ކެޔޮ ކަނޑައިގެން ކުރިއަށް މި ދަނީ، ދަނޑުގެ ބޮޑުމިން ބުނަން ނޭނގެ،"،

މިރަށުން ހަފްތާއެއްގެ މައްޗަށް 800 އެއްހާ ކިލޯގެ ކެޔޮ ބޭރު ކުރެއެވެ. އެހެންކަމުން ފައިސާގެ ގޮތުންވެސް ބޮޑު އެއްޗެއް ކޮންމެ މަހަކު މިރަށަށް މި މަސައްކަތުން އެކަނިވެސް ލިބޭނެއެވެ.

މިރަށުގައި އެ މަސައްކަތް ކުރަމުންދަނީ ކައުންސިލުން ބިން ދޫކޮށްގެން ނޫނެވެ. އެންމެ ކުރިން ފަށައިގެން ރައްޔިތުން އަމިއްލައަށް އެކަން ކުރަމުންދިޔަ ގޮތަށް އަދިވެސް ކުރަމުން ދަނީ އެހެންނެވެ. ރަށުގައި ކޮންމެ އާއިލާއަކަށްވެސް ދޮންކެޔޮ ދަނޑެއް އޮންނަ ކަމަށް ރަށުގެ ރައްޔިތުން ބުނެފައި ވެއެވެ.

ހއ. މުރައިދޫގައި ކެޔޮ ގަސްތައް ރަށުގެ އެތަން މިތަނުގައި، މިިކަމުން ރައްޔިތުންގެ ޖީބަށް އެތައް ހާސް ރުފިޔާ ވަދޭ-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަގްލީލް ބުނީ، ކޮވިޑް-19 ފެށުނީއްސުރެ ރަށުގެ ރައްޔިތުން އާއްމުދަނީ އާއި އެނޫންވެސް ހަރަދުތައް ހިފަހައްޓަމުން ގޮސްފައި ވަނީ ދޮންކެޔޮ ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

"ހަފްތާއެއްގެ މައްޗަށް މިރަށުގެ އާއްމު ރައްޔިތުންގެ މައްޗަށް ލިބިފައި ހުންނާނެ 80،000، 90،000 ރުފިޔާ ވަރު، އެއީ ދޮންކެޔޮ ވިއްކައިގެން"،

މިރަށުގައި ކެޔޮ ވިއްކުމުގެ ކަންތަކުގައި އުޅެނީ ދެ މީހެކެވެ. އޭގެ ތެރެއިން އެކަކީ އަބްދުއް ރައްޒާގް 48އ އެވެ.

ކޮންމެވެސް ވަރަކަށް މިކަންތައް ދާ ގޮތް އަގްލީލް ވަނީ ކިޔައި ދީފައެވެ. އަގްލީލް ބުނީ، ރައްޒާގް އާއި އޭނާގެ ބޭބެ މިރަށު މީހުންގެ ކެޔޮދަނޑުތަކުން ކެޔޮ ކަނޑައިގެން ރައްޔިތުންގެ ހުއްދަ އާއި އެކު ވިއްކުމުގައި އެތައް އަހަރުވެފައިވާ ބައެއް ކަމަށެވެ.

އެ މިހުން ދަނޑުތައް ބަލަހައްޓައި، ދަނޑުތަކުގައި ހަރުވެފައި ހުންނަ ކެޔޮތައް ކަނޑައިގެން ގޮސް ކިރައިގެން އެ ކެޔޮގަނޑަށް އަރާ ވަރަށް ފައިސާ ހިފައިގެން އައިސް ދޭ ކަމަށް ބުންޏެވެ.

ހއ. މުރައިދޫގައި ހައްދާފާއިވާ ކެޔޮ ނިރު ފީންޏެއް، މަތިން ބަލައިލާއިރުވެސް އެތައް ސަތޭކަ ގަހެއް ފެނޭ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިސާލަަކަށް ރައްޒާގުއަށް ދީފައި އިނދެދާނެ އެ ގޭގެ ކެޔޮ، އަހަރެން ކެޔޮ ޣަފޫރުއަށް ދީފައި، އެކަހަލަ ގޮތަކަށް އިންނާނީ، އެ މީހުން ކެޔޮ ކަނޑާ ދުވަސްތަކުގައި އަންނާނެ، އައިސް ހަރުވެ ކަނޑާވަރުގެ ގަނޑެއް އޮތިއްޔާ އެގަނޑު ކަނޑައިގެން ދާނީ، ދެން އެ މީހުން ކިރާފައި އޭގައި ހުރި ވަރަކަށް ރުފިޔާ ދޭނީ"

ހއ. މުރައިދޫގައި ހައްދާފައިވާ ދޮންކެޔޮ ގަހެއްގައި ކެޔޮގަނޑެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެ ހުރިހާ ކޭލެއް ބޭރުކުރާނީ މާލެ އަށާއި، ރިސޯޓްތަކަށް،".

މި ރަށުގައި އުޅޭ އުމުރުން 53 އަަހަރުގެ އާބިދާ އަހުމަދު ބުނީ، ކެޔޮ ވިއްކައިގެން މަހެއްގެ މައްޗަށް އާއްމުދަނީގެ ގޮތުގައި 5000ރ. ވަރު މަދުވެގެން ލިބޭ ކަމަށެވެ. އަދި ބައެއް ފަހަރު ރަށްރަށުން މީހުން އައުމުން ކެޔޮގަނޑު ވިއްކާ ހަދާ ކަަމަށްވެސް ބުންޏެވެ. އެގޮތުން އާބިދާ ބުނީ، އޭނާ ދޮންކެޔޮ ވިއްކާ ހަދަނީ ރަށަށް އަންނަ ބީރައްޓެހިންނަށް ކަމަށެވެ.

މިރަށުގައި ފަސް ވައްތަރެއްގެ ކެޔޮ ހައްދައެވެ. ނަމަވެސް ބޮޑަށް އާއްމުވެފައި ވަނީ ތިން ވައްތަރެެކެވެ. އެއީ ރަތް ކެޔޮ، ފުސް ކެޔޮ، ސަންފާ ކެޔޮ ފަދަ ކޭލުގެ ވައްތަރުތަކެވެ.

މި ކެޔޮގަސްތައް ބެލެހެއްޓުމުގައި މާވަރަކަށް މިރަށު ރައްޔިތުން ނޫޅެއެވެ. ނަމަވެސް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ކެޔޮ ގަސްތައް ބަލަހައްޓައި ސާފްކޮށް ހަދަން މިރަށު ރައްޔިތުން ދާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    ދެން ބިދޭސީން ތައް ދާނީ ތިޔަ ދިމާލަށެވެ. ދެން އުލޭނީމީހުނާ އިންނާ ށެވެ.

  2. ފޮނި މުރާދު

    ފޮނި މުރައިދޫ ހަމަ ފޮނިދައްކަންވެގެން ފޮނިކަނޑަންވެގެން އުތުރުގައި އެންމެގިނައިން ދޮންކެޔޮ ހައްދަނީ މުރައިދޫގައޭ
    ހޫނ! އަހަންނަށް ވަރިހަމަ ފޫހިގަނޑެއް ދެންލަލަލާ

  3. ހުސޭނުބޭ

    އެރަށުގަ ދޮންކެޔޮހައްދާ މީހެއްގެ ނަންބަރު ލިބިދާނެތޯ

  4. ޢަދުރޭ

    ސާބަހޭ ދަރިންނޭ . ތިގޮތަށް އުޅެގެން މި ޤައުމު ސަލާމަތް ކުރެވޭނީ ނަޝޯދުގެ ފަހަތުން ސިޔާސީ މަންފާއިން ދިރިއުޅުން ހޯދަން ވެގެން ދިވެހިންގެ އެތައް ބަޔަކު މަސައްކަތް ކުރުން ހުއްޓާލާފަ ހޮޅުއަށިތަކުގަ ސިޔާސީ ވާހަކަ ދައްކަން އެޕާޓީ މި ޕާޓީ ކިއަން ތިއްބާ އިންޑިޔާގެ ކެރަލާއިން ނާއި ބަންގްލަދޭޝް އާ ލަންކާއިން އައިސް ދިވެހިންގެ މަސައްކަތްތައް ފޭރިގަނެފި .ބަންގްލަދޭޝް މީހުން ކާން މަސްވެސް އެތެރެކުރަނީ ބަންގްލަދޭޝްއިން ކޯރުމަސް / ނަޝީދުގެ ދުއްޕާން ޖެހި ޤައުމު މިއޮތީ ކުރިން އުޅެމުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ. އައިގޮތްވެސް ހަނދާންނެތިފަ . ގަދަޔަށް ހައްދާ ދަރިންނޭ . ދިވެހިންގެ ބިމުން ކާނީ ދިވެހިން .

  5. ވޭމަންޑޫ

    މުރައިދޫގައި ތިކަންކުރެވުނަށް ވޭމަންޑޫ ގައި ނުކުރެވޭނެ. ކައުންސިލުން މީހުންގެ ގަސްތަކަށް ދަނީ ގެއްލުން ދެމުން.

  6. އަޗާ

    ދޮންކެޔޮ ގިނަޔަސް ފަތްކެޔޮ ތިޔަރަށަށްވުރެ މާގިނަ ވާނެ ށ. އަށް އަރާ ބަލާބަލަ. ހަމަ މީހަކު އެއްޗެއް ބުނާއިރަށް އެއީ ތެދުކަމަށް ބަލާފަ ހަބަރުގަ ނުޖަހަބަލަ.