ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ މައި ކުންފުނި ދިރާގުން ކަސްޓަމަރުންނަށް ފަސޭހައަށް ކްލައުޑް ވީޕީއެން ތައާރަފް ކޮށްފިއެވެ.

ކޮންމެ ތާކު ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު އިންޓަނެޓްގެ ހިދުމަށް ހޯދުމަށް ދިރާގުން ކްލައުޑް ވީޕީއެން ތައާރަފް ކުރިއިރު މީގެ ސަބަބުން ވަޒީފާގައި އުޅޭ ފަރާތްތަކަށާއި ކިޔަވާ ކުދިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ އޮފީސްތަކާއި ކިޔަވާކުދިންވެސް އޮންލައިންކޮށް މަސައްކަތް ކުރިޔަށް ގެންދާއިރު މިފަދަ ދަނޑިވަޅެއްގައި މިފަދަ ވީޕީއެން އެއް ތައާރަފް ކުރުމުން އެފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ވީޕީއެން ދިރާގު ފައިބަރު ބްރޯޑްބޭންޑް ކަސްޓަމަރުންނާއި މޯބައިލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް ލިބޭނެ ކަމަށެވެ. މި ވީޕީއެން އަކީ ފަސޭހައިން މެނޭޖްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ހަދާފައިވާ ވީޕީއެން އެކެވެ.

އެހެނިހެން ވީޕީއެންތަކުގައި ހާޑްވެއާ އަދި ސޮފްޓްވެއާ އަށްވެސް ބޮޑު ހަރަދެއް ކުރަންޖެހޭއިރު ދިރާގުގެ ވީޕީއެންއަށް މިފަދަ އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެއެވެ. އަދި ވީޕީއެން ބޭނުންކުރާއިރު ވީޕީއެންއަށް ހާއްސަކޮށް ޑޭޓާއެއް ނުދާނެއެވެ.

އިއްޔެ ދިރާގުން ވަނީ ވިޔަފާރިތަކުގައި ބޭނުންކުރާ މުހިންމު ޑާޓާތަކާއި ސިސްޓަމްތައް ރައްކާތެރިގޮތުގައި ބޭނުންކުރުމަށް ފަސޭހަކުރުމަށް ކްލައުޑް ޔުނިފައިޑް ތްރެޓް މެނޭގްމެންޓް (ޔޫޓީއެމް) ވެސް ތައާރަފް ކޮށްފައެވެ.

ކްލައުޑް ޔޫޓީއެމްގެ އެހީގައި ޓްރެފިކް އެނަލައިޒްކޮށް ބޭނުން ކުރެވޭ މިންވަރު ވަގުތުން މެނޭޖްކުރެވޭނެއެވެ. ގެސްޓް ހައުސް، ހޮޓެލްސް، ކުޑަ އަދި މެދުފަންތީގެ ވިޔަފާރިތަކުގައިވެސް ބޭނުންކުރެވޭނެ ގޮތަށް ހަދާފައިވާ މި ސެކިއުރިޓީ ސިސްޓަމްގެ ދަށުން ދިރާގު ބިޒް ފައިބަރ ބްރޯޑްބެންޑް ބޭނުންކުރާ ފަރާތްތަކަށް އިތުރަށް ރައްކާތެރިކަން ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު