މާލޭ ސަރަހައްދުގެ ކުނި ނައްތާލުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 33 މިލިއަން ޑޮލަރު ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

އޭޑީބީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި އެއީ ހިލޭ އެހީއެއް ކަމަށާއި އެ ކަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި މި ޕެކޭޖުގެ ދަށުން، ކުނި ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ޑިސްޕޯސަލް ސިސްޓަމް ވަރުގަދަ ކުރުމާއި ކުނި އުފުލާ ޓްރަކްތައް ގަންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

އޭގެ އިތުރުން ޓްރާންސްފާ ސްޓޭޝަންތައް ހެދުމާއި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލާ އުޅަނދުތައް ގަތުމާއި އެ އުޅަނދުތައް ބޭނުން ކުރަން ޚާއްސަ ހާބަރުތައް ހެދުމުގެ އިތުރުން ކުނި އަޅާ ސަރަހައްދުގައި ގެންގުޅޭ ހެވީ ވެހިކަލް ގަތުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އޭޑީބީން ބުނެއެވެ.

އެ ބަޔާނުގައި ބުނާގޮތުގައި މި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނީ 2023 ވަނަ އަހަރު ކަމަށާއި މި ޕްރޮޖެކްޓް ނިމޭއިރު، ކުނި ނައްތާލުން ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި މި ޕްރޮޖެކްޓު ނިމުމުން މާލެ އާއި މާލޭ ކައިރި 32 ރަށެއްގެ ކުނި މެނޭޖު ކުރެވޭނެ ކަމަށާއި އޭގެ ފައިދާ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓް މީހުންނަށް ކުރާނެ ކަމަށް އޭޑީބީން ބުނެފައި ވެއެވެ.

ކުނި މެނޭޖު ކުރުމުގެ ޕްރޮޖެކްޓަށް ޖުމްލަ ޚަރަދު ވާނީ 40 މިލިއަން ޑޮލަރު ކަމަށްވާއިރު މިއީ އޭޑީބީން ދޭ 33.07 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން ޖަޕާން ފަންޑް ފޯ ޕަވަޓީ ރިޑަކްޝަން މެދުވެރިކޮށް ޖަޕާނު ސަރުކާރުން ދޭ ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އޭޑީބީގެ ޓެކްނިކަލް އެސިސްޓެންޓްގެ ގޮތުގައި ދޭ 500،000 ޑޮލަރުގެ ހިލޭ އެހީ ކަމަށް އޭޑީބީން ބުނެއެވެ. އަދި ދިވެހި ސަރުކާރުން މި ޕްރޮޖެކްޓަށް 4.93 މިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝައިޚް

    ރާއްޖޭގަ އުފެދޭ ކުނީން ލަވާޒާ ކޮފީ އުފައްދާނެ ނިޒާމެއް ތިޔަ 30 މިލިޔަން ޑޮލަރު ބޭނުންކޮއްގެން ހޯއްދަވައި ދެއްވާ

  2. ޒާ

    މަށަށް ފެންނަނީ ނިޒާމު އޮތްތާ ބާއްވަން. ބާއްވާފައި އެންވައިރަމަންޓް ޕޮލިސް އުފައްދަން. އެމީހުން ލައްވައި މާލެތެރޭގައި ކުނިފުނިޖަހާ މީހުން ހޯދައި ޖޫރިމަނާކުރަން. އަތި ޕާކުތަކަށާއި ގޮނޑުދޮށްތަކަށް ފުޅިއައާއި ދަޅު ފަދަ ތަކެތި އަޅާމީހުން ވަގުތުން ޖޫރިމަނާކުރުވަންވީ.