މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު ގެސްޓް ހައުސް ކަމަށްވާ "ދިމްޔާތު ސްޓޭ"އިން ފަތުރުވެރިންގެ ހިދުމަތަށް ހުޅުވާލައިފިއެވެ.

ކުރިން ހަމައެކަނި ދިވެހިންނަށް ހިދުމަތް ދެމުންގެންދިޔަ ދިމްޔާތުއަކީ މާލެއަށް އަންނަ ފަރާތްތަކުގެ މެދުގައި މަގްބޫލުތަނެކެވެ. އެންމެ ކޮޓަރިއަކާއެކު 1990 ވަނަ އަހަރު ދިވެހިންނަށް ހިދުމަތްދޭން ފެށި ދިމްޔާތު ސްޓޭ މިއަދު 55 އަށް ކޮޓަރިއަށް ބޮޑުވެ، އެތަނުން ދޭ ހިދުމަތްތައް ފުޅާވެއްޖެއެވެ. އެކި ކެޓެގަރީތަކުގެ ކޮޓަރިތައް ހިމެނޭ މި ގެސްޓް ހައުސްއަށް ދިވެހިންގެ މެދުގައި މަގްބޫލުކަމެއް ލިބިގެން ގޮސްފައި ވަނީވެސް، ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމުންނެވެ.

އެންމެ މަގްބޫލު ދިމްޔާތް ސްޓޭ

އޭގެ އެއް ހެއްކަކީ 31 އަހަރު ވަންދެން ދިވެހިންނަށް އެ ހިދުމަތްތައް އެކި ފެންވަރުގައި ދިނުމެވެ. މިއަދާއި ހަމައަށްވެސް އެ ގެސްޓް ހައުސްއަކީ ދިވެހިންނަށް ހާއްސަ ގެސްޓް ހައުސްއެއް ނަމަވެސް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ގެނައުމުގެ ހުއްދަ އެ ގެސްޓް ހައުސްއަށް ވަނީ ލިބިފައެވެ.

ބެޑް ކެޕޭސިޓީގެ ގޮތުން ބަލާނަމަ 110 އެނދުގެ މި ގެސްޓް ހައުސްއަކީ މާލެ ސަރަހައްދުގެ އެންމެ ބޮޑު ގެސްޓް ހައުސްއެވެ. އަދި މުޅި ރާއްޖެއިން ތިން ވަނައަށް އެންމެ ބޮޑު ގެސްޓް ހައުސްއެވެ.

ދިމްޔާތުގެ ރިޒަވޭޝަން އޮޕަރޭޝަންސް އެންޑް މާކެޓިންގ މެނޭޖަރ އަހްމަދު ޣާލިބް ވިދާޅުވީ، ގިނަ އަދަދެއްގެ ދިވެހިން އެތައް އަހަރެއް ވަންދެން ތަޖުރިބާކޮށްފައިވާ ދިމްޔާތު ގެސްޓް ހައުސްއަށް ފަތުރުވެރިން ގެނައުމުގެ ހުއްދަ ދިނުމާއެކު، މިހާރުން ފެށިގެން އެ ގެސްޓްހައުސް ބުކް ކުރަމުން ގެންދެވޭނެ ކަމަށެވެ. އަދި މިހާރު މާލެ ސަރަހައްދަށް ފަތުރުވެރިން ގެނައުމުގައި އުޅޭ ލޯކަލް އެޖެންޓުންނަށް ހާއްސަ ރޭޓެއްގައި އެތަނުން ކޮޓަރިތައް ދޫކުރަމުންދާނެ ކަމަށް ޣާލިބް ވިދާޅުވިއެވެ.

ދިމްޔާތް ސްޓޭގެ މީޓިންގ އަދި އިވެންޓްތަކަށް ހާއްސަ ފަންގިފިލާއިން ބައެއް

"އަޅުގަނޑުމެން އަދި އަލަށް ފަތުރުވެރިންނަށް މި ހުޅުވާލީ، ރާއްޖޭގެ ގިނަ ބަޔަކަށް އެނގޭ ގެސްޓް ހައުސްއެއްގެ ގޮތުގައި އޮންނަ ދިމްޔާތުއިން ފަތުުރުވެރިންނަށް ހުޅުވާލިކަމުގައިވިޔަސް އަބަދުވެސް ދިވެހިންނަށް މި ތަނުން ހިދުމަތް ލިބޭނެ، އަދި މާލެ އަށް ފަތުރުވެރިން ގެނައުމުގައި އުޅޭ ލޯކަލް އެޖެންޓެންނަށް އަޅުގަނޑުމެން އިސްކަން ދީ ރަނގަޅު ޜޭޓް އޮފަރ ކުރާނެ" ޣާލިބް ވިދާޅުވިއެވެ.

"ދިމްޔާތު ސްޓޭ"އާއްމުންނަށް ހިތްފަސޭހަ މާހައުލެއް

ދިމްޔާތުއަކީ ތިން ކެޓެގަރީއެއްގެ ކޮޓަރި ހިމެނޭ ގެސްޓް ހައުސްއެކެވެ. އޭގެ ތެރޭގައި ސިންގަލް ރޫމް، ޑަބަލް ރޫމް، ޑިލަކްސް ރޫމް، ސުޕީރިއާ ރޫމް، އަދި ފެމެލީ ރޫމް ހިމެނެއެވެ. އަދި މިތަނުން ގެސްޓުންނަށް އިންހައުސް ފުލްބޯޑުވެސް ދޭނެއެވެ.

މި ގެސްޓް ހައުސްގެ ކޮޓަރިތައް އަރާމެވެ. ހިދުމަތްތައް ފުރިހަމައެވެ. ޔަގީނުންވެސް ފަތުރުވެރިޔާ މި ގެސްޓް ހައުސްއަށް ވަދެ ހިދުމަތްތައް ހޯދުމަށްފަހު ނުކުމެގެން ދާނީ ވަރަށް ހިތްހަމަ ޖެހިގެންނެވެ.

ފިޓްނެސްއަށް ހާއްސަ ޓާފް ދަނޑު ޓެރެސްގައި

ގެސްޓް ހައުސްގައި ފަތުރުވެރިންނަށް ހާއްސަ ކޮޓަރިތަކުގެ އިތުރުން، ފިޓްނެސްއަށް ހާއްސަ ޓާފް ދަނޑެއް ޓެރެސްގައި ގާއިމްކޮށްފައިވެއެވެ. އަދި އިވެންޓް ބޭއްވުމަށް ފަންގިފިލާއެއް ހާއްސަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުމާ

    ކީއްވެބާ މުއިއްޒުގެ ތަނެކޭ ނުލިޔުނީ؟
    މި ސަރުކާރު މީހެއް ނޫންވީމަތަ؟

    8
    3
  2. ރ

    ބަލަ ކޮންމެ މީޙަކަށް ވެސް ވިޔަފާރި ކުރުމުގެ ހައްގު އޮވެއޭ އެމް ޑީ ޕީ މީހުން ޖޭ ވިއަސް އެވަރުގެ ތަނެއްް ކަލޯ މެން އަތުގައި ނެތީތާ........

    5
    1