ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ގިނަބައެއްގެ މެދުގައި މަގްބޫލު ރަސްލީ ސުޕާރި ރާއްޖެއަށް ވަރަށް އަވަހަށް ލިބޭނެކަން މިފަދަ އުފައްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ ލޮޓަސް ފިހާރައިން ބުނެފިއެވެ.

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން މި އަހަރުގެ ޖޫން މަހުން ފެށިގެން މަނާ ކުރާ 12 ބާވަތެއް ވަނީ އާންމު ކޮށްފައެވެ. އޭގެ ތެރޭގައި ރަސްލީ ސުޕާރި ހިމެނެއެވެ.

އެހެން ނަމަވެސް ސުޕާރި ކާ މީހުންނަށް މާޔޫސް ވިޔަ ނުދިނުމުގެ ގޮތުން އާއްމުކޮށް މި ވަނީ ފުޅީގައި ބަންދުކޮށްފައިވާ ސުޕާރި ރާއްޖެއަށް އެތެރެ ކުރަން ފަށާފައެވެ. އެގޮތުން މީގެ ކުރިން ބަބްލީ ފަދަ ސުޕާރިތައް ފުޅީގައި ވިއްކަން ފެށިއެވެ.

"ވަގުތު"އާ ވާހަކަދައްކަމުން ގެލޮޓަސް ފިހާރައިގެ ޗެއާމަން އަހްމަދު އާރިފް މީގެ ވަނީ މި މަސް ތެރޭގައި ރަސްލީ ފުޅީގައި ބަންދުކޮށްގެން ގެންނާނެ ކަން ހާމަކޮށްފައެވެ. އަދި އެއީ ބިއްލޫރި ފުޅިއެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ލޮޓަސް ފިހާރައިގެ މެނޭޖިންގ ޑިރެކްޓަރ ޒައިނަލް އާރިފް އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ، ބިއްލޫރި ފުޅީގައި ބަންދުކޮށްފައިވާ ރަސްލީ ސުޕާރީގެ ފުރަތަމަ ޝިޕްމެންޓް ،ރާއްޖެ ގެނައުމަށް މިހާރު ޝިޕްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި ރާއްޖެއަށް ރަސްލީ ފުޅި ލިބޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

ރަސްލީ ފުޅި ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާރުވެސް ޕެކެޓްގައި ހުންނަ ރަސްލީ ލިބެއެވެ. އެކަމަކީ އަގަކީ ދެ ރުފިޔާއަށް ޕެކެޓެކެވެ.