އައްޑޫ ސިޓީގައި ހިންގަންގަމުންދާ ރިސޯޓެއް ކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް މަރާމާތުކުރުމަށް ފަހު ހުޅުވޭނީ ހަ މަސް ފަހުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އެތަނުގެ ވެރިފަރާތުން އެތަން ހުޅުވަން ބޭނުން ވަނީ މަރާމާތުކުރުމަށް ފަހު ކަމަށް ބުނެފައެވެ. އެ ރިސޯޓް ހުޅުވޭނީ މަރާމާތުކުރަން ފަށާތާ ހަ މަސް ދުވަސް ފަހުން ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.

އައްޑޫސިޓީގެ ކެނަރީފް އާއި ޝަންގްރިއްލާ ދެ ފަހަރަށް ބަޔަކާއި ހަވާލުކޮށްފައި ވާއިރު ޕްލޭން ބީ އަކީ ކެނަރީފް އަވަހަށް ހުޅުވުން ކަމަށް ވާއިރު އެތަންވެސް ހުޅުވާނެ ތާރީހެއް އަދި ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަރާމާތުގެ ބޭނުމަށް ރިސޯޓުތައް ބަންދުކޮށްފައި ދެ އަހަރު ބޭއްވުމުގެ ފުރުސަތު ޓޫރިޒަމްގެ ގަވާއިދުގެ ދަށުން ލިބިދީފައިވެއެވެ. އެހެންނަމަވެސް އެގޮތަށް ރިސޯޓް ބަންދުކޮށްފައި ބޭއްވުމުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަން ފާހަގަކުރައްވާ އެ ގަވާއިދު ބަދަލުކުރައްވަން ތާއީދުކުރައްވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ ދެ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ އާއި ކެނަރީފް ބަންދުކޮށްފައި ވާއިރު ދެ ރިސޯޓު ނުހުޅުވި ލަސްވަމުންދާތީ މީގެ ކުރިން އައްޑޫގައި ފާހަގަކުރަން ހަމަޖެއްސި ޓޫރިޒަމް ދުވަސް ވެސް މިހާރު ކުލަގަދަކޮށް ފާހަގަނުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ދެ ރިސޯޓު ކަމަށްވާ ޝަންގްރިއްލާ އާއި ކެނެރީފް ރިސޯޓު އަވަހަށް ހުޅުވާނެ ކަމުގެ އިޝާރާތެއް މިދިޔަ ޖުލައި މަހު އޭރުގެ ކައުންސިލުންވަނީ ދެއްވާފައެވެ. ކޮވިޑާއި ގުޅިގެން ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތް ގޮތަށް ބަންދުކުރަން ނިންމިއިރު، އައްޑޫގައި ހިންގަމުން އަންނަ ކެނަރީފް ރިސޯޓު ވަނީ ދެ އަހަރަށް ބަންދުކޮށްފައެވެ.

މި ދެ ރިސޯޓަކީ ވެސް އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އައި ތަންތަނެވެ. ޝަންގްރިއްލާ އާއި ކެނެރީފް ބަންދުކޮށްފައި އޮތުމުން 500 އަށް ވުރެ ގިނަ ޒުވާނުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެ ދެ ރިސޯޓު ބަންދު ކުރުމުގެ ގެއްލުމުގެ އަސަރު މުޅި އައްޑޫ އަށް ދަނީ ކުރަމުންނެވެ.