ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބޭތިއްބޭ ގޮތަށް، "ހޯމް ސްޓޭ" އަންނަ އަހަރު ޖެނުއަރީއަށް ތައާރަފް ކުރުމަކީ އުންމީދެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެއެވެ.

ހޯމްސްޓޭ ތައާރަފް ކުރެވޭނެ ކަމަށް ލަފާކުރެވޭނެ ދުވަހެއް މިނިސްޓަރު ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. މި އަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިޔާރަކީ "ޓޫރިޒަމް ފޯ އިންކްލޫޒިވް ގްރޯތޯ" ނުވަތަ އެންމެ އެކުގައި ތަރައްގީވުމަށް ފަތުރުވެރިކަންއެވެ.

އެ ޝިޔާރާއި ރާއްޖެއާ ގުޅުވައި މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުގެ އެއް އަސާސަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުން ކަމަށެވެ."ރިސޯޓުތަކާއި ގެސްޓުހައުސް އަދި ފަތުރުވެރިކަމުގެ އެހެން ވިޔަފާރިތަކުގެ ވެރިންނަށް ދިވެހިން ހެދުމަށް މަސައްކަތް އެބަކުރަން" އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުގެ ފުރޭ ރަންޔޫބިލް އަށް ވާއިރު ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭގޮތަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

"2022 ވަނަ އަހަރުގެ ޖެނުއަރީ ގައި ފަތުރުވެރިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ލިބޭ ގޮތަށް. އުއްމިދަކީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހޯމް ސްޓޭ ތައާރަފް ކުރެވިގެން ދިޔުން" ހޯމް ސްޓޭ ތަޖުރިބާ ކުރައްވަން ދާދި ފަހުން ބައެއް ރަށްތަކަށް ވަޑައިގެންނެވި މައުސޫމް ވިދާޅުވިއެވެ.

ރަންޔޫބިލް ފާހަގަކުރުމަށް، އަންނަ އަހަރު ޖެނުއަރީން ފެށިގެން ޑިސެންބަރާ ހަމައަށް ތަފާތު ގިނަ ހަރާކަތްތަކެއް ކުރިއަށް ގެންދަން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. މައުސޫމް ވިދާޅުވި ގޮތުގައި އަންނަ އަހަރަކީ ފަތުރުވެރިކަމުގެ "ކާމީޔާބީ އަހަރެއްގެ ގޮތުގައި ގުނާލެވޭނެ" އަހަރެކެވެ.

ހޯމް ސްޓޭ ތައާރަފްކުރުމާއި މެދު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިޔާލު ތަފާތެވެ. ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމްސް) އިން ބުނެފައިވާ ގޮތުން މިއީ ހޯމް ސްޓޭ ތައާރަފްކުރަން އެންގެ ރަނގަޅު ދަނޑިވަޅެއް ނޫނެވެ. އެމީހުންގެ އެންމެ އެއް ކަންބޮޑުވުމަކީ ހޯމް ސްޓޭގެ ސަބަބުން އޭގެ ނޭދެވޭ އަސަރުކުރާނެތީއެވެ. ހޯމް ސްޓޭ ކޮންސެޕްޓް ތައާރަފްކުރަނީ ވަކީ ގަވާއިދުތަކާއެކު ކަމަށް މައުސޫމް ވަނީ ވިދާޅުވެފައެވެ.