ކާމިޔާބު ފަތުރުވެރިކަމެއްގެ އެެންމެ މުހިއްމު އެއް އަސާސަކީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް އެ ފަރާތްތައް އުފާވެރިކޮށް ދިނުން ކަމަށް ވިދާޅުވެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.

ފަތުވެރިކަމުގެ ދުވަހުގެ ހިތޯބުގައި މައުސޫމް ވިދާޅުވި ގޮތުގައި ފާއިތުވި ދެ އަހަރެއްހާ ދުވަހު ކޮވިޑް-19ގެ ބަލިމަޑުކަމާއި ހެދި އެތައް ދުވަސްތަކެއް ރިސޯޓުގައި ތާށިވެގެން، އަނބިދަރިންނާ ދުރުގައި މުވައްޒަފުންވީ"ގުރުބާނީ"އެކެވެ.

"އަަހަރަކަށް ވުރެ ގިނަ ދުވަސް ކަނޑަތުކޮށް، އެ ބޭފުޅުން ވީ ގުރުބާނީގެ އަގު ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން" ފަތުރުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންގެ އަގު މައުސޫމް ވަޒަންކުރެއްވިއެވެ.

މިނިސްޓަރ އަބްދުﷲ މައުސޫމް މީޑިއާއަށް މައުލޫމާތު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކުން މުވައްޒަފުންގެ މެދު އަމަލުކުރަނީ އޮންނަ އުސޫލާ އެއްގޮތަށެވެ. އަދި ކަނޑައަޅާފައިވާ އިންތިކާއި މިންތަކަށް އަމަލުނުކުރާ ރިސޯޓުތަކުންވެސް އެކަން ރަނގަޅުކުރަން މައުސޫމް އިލްތިމާސް ކުރެއްވިއެވެ.

"ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނީ މުވައްޒަފުންނަށް އުފާވެރިކަން ލިބި ހިނިތުން ވެގެން" ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޑރ. މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް އައިސްފައިވަނީ ކޮވިޑާ ހެދި ބަންދުކުރި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއި ފަތުރުވެރިންނަށް ރާއްޖެއަށް އާދެވޭ ގޮތަށް މަގުފަހިވެގެން ދިޔުމުންނެވެ. ބޯޑަރުތައް ހުޅުވާލައި ފަތުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަން ދުނިޔެއަށް ކަށަވަރުވުމުގެ ނަތީއްޖާއަކީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ ގޮތުގައި ރާއްޖެ ހިމެނިގެން ދިޔުންކަމަށް ވިދާޅުވިއެވެ.

"ވެކްސިން ތައާރަފް ކުރެވުމުން އުއްމީދު އާވި ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށް" މައުސޫމް ފާހަގަކުރެއްވިއެވެ. އުއްމީދުތައް ހާސިލްވިކަމުގެ ނަތީއްޖާ މިނިސްޓަރު ދެއްވީ އަދަދުތަކުންނެވެ.

"މި އަހަރު ސެޕްޓެމްބަރު މަހު، 2020 ގައި ފަތުރުވެރިން އައިވަރަށް ބަލާއިރު 10 އިންސައްތައިގެ ކުރިއެރުމުގެ ވަނީ ލިބިފައި. 55 ހާސް އެނދު ހުރިއިރު 51 އޮޕަރޭޝަނަށް ނެރެވިއްޖެ" ކާމިޔާބީ ފާހަގަކުރައްވާ ވިދާޅުވިއެވެ.