ސެޕްޓެމްބަރު މަހު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާ އަޑިއަޅުވާލި ނަމަވެސް، މިހާރު އެ ދާއިރާ ވަނީ ވަރަށް ބޮޑަށް ހިނގައިގަންނަން ފަށާފައެވެ. ރާއްޖޭގެ އިގްތިސޯދު މިހާރު އެންމެ ބޮޑަށް ބަރޯސާވަމުންދާ ފަތުރުވެރިކަމުގެ ދާއިރާއަށް އުއްމީދީ ކުލަވަރުތަކެއް ދަނީ ފެންނަމުންނެވެ.

އެގޮތުން މިހާރު ހިނގަމުން މިދާ ސެޕްޓެމްބަރު މަހުގެ މިހާތަނަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައިވެއެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހާއި ހަމަައަށެވެ. އެ ދުވަހާއި ހަމައަށް ރާއްޖެއަށް 102،745 ފަތުރުވެރިއަކު ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް މިހާތަނަށް 858،711 ފަތުރުވެރިން އައިސްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިއާ އޮތްއިރު، ތިން ވަނައިގައި އޮތީ ޖަރުމަން ވިލާތުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް 164 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވެއެވެ. އަދި 761 ގެސްޓްހައުސް އޮަޕަރޭޝަނަށް ގެނެސްފައިވާއިރު، 160 ސަފާރީއަކާއި، 11 ހޮޓަލެއް އޮޕަރޭޝަނަށް ގެނެސްފައިވެއެވެ.