އޮސްޓްރިއާއިން ރާއްޖެއަށް ސީދާ ދަތުރުތައް މި މަހު ފަށަން ނިންމައިފިއެވެ.

މި ދަތުުރުތައް ކުރާނީ އޮސްޓްރިއާގެ ގައުމީ އެއާލައިން ކަމަށްވާ އޮސްޓްރިއަން އެއާލައިނުންނެވެ. ދަތުރުތައް ފެށުމަށް ނިންމާފައިވަނީ މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ފިނިމޫސުމާއި ދިމާކޮށް އޮސްޓްރި އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތަކެއް ބާއްވަން ނިންމާފައިވާއިރު، މި ދަތުރުތައް ހަފްތާއަކު 3 ދުވަހު އޮންނާނެ ކަމަށް އޭވިއޭޝަން ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އޮސްޓްރިއަން އެއާލައިންގެ ޗީފް ސޭލްސް އޮފިސަރ މައިކަލް ޓްރެސްޓެލާ ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ދަތުރުކުރަން ފެށޭނެ ކަމަށެވެ. ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ދަތުރު ކުރާނެކަން ފާހަގަ ކުރައްވާ މައިކަލް ވިދާޅުވީ މި ދަތުރުތަކުގައި ބޭނުންކުރާނީ ދިގު ދަތުރުތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ބޮއިންގް 777 މަރުކާގެ ބޯޓުތައް ކަމަށެވެ. މި ބޯޓުތައް ފަރުމާ ކޮށްފައި ހުންނަނީ އިކޮނޮމީ ކްލާހުން ފެށިގެން ބިޒްނަސް ކްލާހާއި ހަމައަށް ސީޓް ހުންނާނެހެންނެވެ.

ރާއްޖޭގެ އިތުރުން ފިނި މޫސުމާއި ދިމާކޮށް އޮސްޓްރިއާ އެއާލައިންސް އިން ވަނީ މޮރިޝަސް އަދި މެކްސިކޯއަށް ވެސް ދަތުރުކުރަން ނިންމާފައެވެ.

ޔޫރަޕްގެ ގައުމުތަކުގެ ފިނި މޫސުމާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ދަތުރުކުރެއެވެ. އަހަރުގެ ފަހުކޮޅަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. ކޮވިޑްގެ ހާލަތު މިހާރު ކުރިއާއި އަޅައި ބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައި ވުމުން މިއަހަރު ވެސް ރާއްޖެ އަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވެއެއެވެ.

15 ސެޕްޓެމްބަރ 2021 ވަނަ ދުވަހާއި ހިސާބަށް މިއަހަރު ރާއްޖެއަށް 817،387 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.