ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ "ވިނަރެސް" ފްލެޓްތަކުގެ މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ މެދު ތެރެއަށް ކަމަށް އެޗްޑީސީން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަން ބަދަލުކޮށްގެން ކުރިއަށް ގެންދާ ވިނަރެސް މަޝްރޫއު ގައި 1344 ފްލެޓް ހުންނާނެއެވެ. އެ ފްލެޓްތައް ބެހިފައިވަނީ 10 ޓަވަރަކަށެވެ.

ވިނަރެސް މަޝްރޫއުއަކީ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ ފްލެޓްތަކެކެވެ. މިސަރުކާރުން ވިނަރެސްގެ ނަމަށް ބަދަލުކޮށް އަލުން ސޮއިކޮށް ފެށި މަޝްރޫއުގައި 1530 ފްލެޓް އަޅަން ޔާމީންގެ ސަރުކާރުން އޮތީ ނިންމާފައެވެ. ނަމަވެސް ފްލެޓްގެ އަދަދަށް ބަދަލު ގެނެސް މިސަރުކާރުން އެމަޝްރޫއު ކުރިއަށް ގެންދަނީ މިސަރުކާރުގެ މަޝްރޫއެއްގެ ނަމުގައެވެ.

އެ މަޝްރުއޫގެ މަސައްކަތް ނިންމޭނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ މި އަހަރުގެ މާޗް މަހަށެވެ. އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ މަސައްކަތް ލަސްވާން ދިމާވީ "ސައިޓަށް ބޭނުންވާ މެޓީރިއަލް (ސާމާނުތައް) އަދި މީހުން ހޯދުމުގައި ދަތިތައް" ކުރިމަތިވުމުން ކަމަށެވެ. ބައެއް މަސައްކަތްތެރިން ކޮވިޑް-19 އަށް ފައްސިވެ ގިނަ ދުވަސްތަކަކަށް ސައިޓްގެ މަސައްކަތްތައް މަޑުޖައްސާލަން ޖެހުމަކީވެސް މަސައްކަތް ލަސްވި ސަބަބެއްކަން އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހިޔާ މަޝްރޫއުއިން ފްލެޓް ދޫކޮށްލާ މީހުންނަށް ވިނަރެސްއިން ފްލެޓް ގަތުމުގެ ފުުރުސަތު ހުޅުވާލާފައިވާއިރު، އޮފިޝަލް ވިދާޅުވި ގޮތުގައި ބަދަލުވާން ބޭނުންވާ 200 އެއްހާ މިހާރު އެބަތިބި ކަމަށެވެ. "ހިޔާއިން ވިނަރެސްއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް މިދިޔަ މަހުގެ އެންމެ ފަހު ތިން ދުވަހު ފޯމް ހުށަހަޅަން ހުޅުވާލިން. 75 މީހަކު ފޯމް ހުށަހެޅި" އޭނާ ވިދާޅުވިއެވެ. ވިނަރެސް ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި -/17000 ވަރަކަށް ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ބެލެވެއެވެ.

ހަތަރު ވައްތަރެއްގެ އެޕާޓްމެންޓު ވިނަރެސްގައި ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑަޑް ވިއުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިޔާބު

    ކޮންތާކު އޮތް ވިނަރެހެއް. އިންޑިޔާ އަކުންވެސް އަދި ޔަހޫދީ ސަރުކާރުން ވެސް މިގައުމަށް އައިސް ފްޕެޓެއް ނާޅަ. ޕްލެޓް އެޅީ މައުމޫނާއި ޔާމީން. ނަން ބަދަލުކުރިޔަސް ނުވާނެ.

  2. ރަމްޒީ

    ޔާމީނު އެޅި ފުލެޓަކަށް އެދައުރު ނިމި 3އަހަރު ފާއިތުވި އިރުވެސް އިންސާނަކަށް ލިބިފަނެއް އަދި ޔާމިނުގެ ސަރުކާރުން ދިން ގެއްލުން މާބޮޑު ސަބުސީޑީ ކަނގާލާ 100% އެއްޗެހީ އަގު ބޮޑުކޮށްލި ފަހުދުވަސް ކޮޅު އެބަދަލު ކޮށްލީ ވޯޓަށް ކައިރިވީމަ ވޯޓުންވެސް ވައްކަމެއް ނުކުރެވުނީމަ އެހެންމީހުން ބޮލުގަ އެކަން އެޅުވޭތޯ ވަރަށްބެލި ދެންލައްކަވާހަކަ މިކަމާދެއްކިދާނެ މިކޮމެންޓު ޖަހާލަދިނުމުގެ ހިތްވަރު ހުންނާނެބާ؟ ދެން ވަގުތުގެ މިނޫސްވެރިން މީޔާމިނު ކުރިކަމެކޭ ކިޔާ ހާސަރު ދެމުން ނޫންކަމެއް ވޭބާ؟