ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ހަތަރު ވަނަ ފަހަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބިއްޖެއެވެ.

މިއެވޯޑް ބީއެމްއެލްއާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ބީއެމްއެލްއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއްކުންފުންޏަކަށް ބޭންކް ވަނީ ހޮވިފައެވެ. މީގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވި އެންމެ ދަތި އުނދަގޫ ހާލަތުގައިވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް އެކިއެކި ދާއިރާތަކަށް ބަހާލައިގެން ކޮންމެ އަހަރަކުވެސް ދެވޭ އެވޯޑެކެވެ. ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް މި އެވޯޑްގެ ޖަޖިން ޕެނަލްގައިހިމެނޭއިރު އެޗް.އާރު ގެ ދާއިރާއިން ހޯދައިފައިވާ ކާމިޔާބަށް ބަލައި ކުންފުނިތަކަށް އެވޯޑްދެވެއެވެ.

ބޭންކުން އޮންލައިންކޮށް ބައިވެރިވި މިއެވޯޑް ހަފްލާގައި ބޭންކުގެފަރާތުން މި ޝަރަފުވެރި އެވޯޑާ ހަވާލުވެފައިވަނީ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުޙައްމަދު މާއިޒް، ހެޑް އޮފް ބްރާންޗެސް އެންޑް ސަރވިސް ސެންޓަރސް، ޙުސައިން ރަޝީދު އަދި ހެޑް އޮފް ކަސްޓަމަރ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު ޢަލީއެެވެ.

މިިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރ ސަހާ ވަހީދު ވިދާޅުވީ ހަތަރު ވަނަ ފަހަރަށް މި އެޥޯޑް ލިބުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ސަބަބުން ބޭންކުގެ އޮޕަރޭޝަންސް އަށް ކުރި ނޭދެވޭ އަސަރާއެކު އެންމެ މުހިންމު އަމާޒަކަށްވީ ސްރެޓަޖީގައި ކަނޑައަޅާފައިވާ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާއަށް ޝައުގު އުފައްދާ ވަޒީފާގައި ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއްދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތްކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކުމުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން. މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން."ސަހާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިވެހި މީހާ

    ތި އެވޯޑުތައް ގަނެވިދާނެ ބީއެމްއެލްއަށް އެވަރު އެބަހުރި ފަނަރަހާސް ރުފިޔާގެ ލޯނެއް ނަގާއިރުވެސް. ދައްކަންޖެހޭވިއްޔާ ވިއްސަކަށް ހާސް. ލޯނުތައް އެހާއަވަަސް ހައުސިން ލޯނެއްނަގަން އެއްމަސްދުވަސް އެވެސް 15 ވަރަކަށްފަހަރު ބޭންކަން ގުޅާ ނުވިތާކަށް ހަޔެއްކަ ފަހަރު ބޭންކަން ގޮސްގެން މިވަރުވެސްވަނީ ، މިދުނިޔެ ދާންމިޖެހެނީ ބޭންކަން ދަރާވިކިގެން މިގައުމުގެ %95 މީހުން ކިހާ ސަޅި

  2. ފައުޒީ

    އާނ.. އެހެންވެތާދޯ ދިވެހި ހުރިހާ ރައްޔިތުން ބީއެމްއެލުން ވަޒީފާނުލިބިގެން ތެޅިމަރުވަނީ.

  3. ޅައްޓިބެ

    ކިތައްމަ ފަހަރަކު ތިޔައެވޯޑް ލިބުނަކަސް ބެންކް އޮފް މޯލްޑިވްސް އަކިީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި މާ ޕްރޮފެޝަނަލް ބައެއްނޫން ނަމަވެސް ތިޔަ އެވޯރޑްއަށް ވާދަކުރާފަރާތްތަކަކީ ބީއެމްއެލް އަށްވުރެ ޚިދުމަތުގެ ފެންވަރު ދަށް ފަރާތްތަކަކަށްވާތީވެ އެވޯރޑް ލިބެނީ.