ބޮޑު މުސާރަ ލިބޭ އެސްޓީއޯގެ ޝިޕިންލައިން "މޯލްޑިވްސް ސްޓޭޓް ޝިޕިން" (އެމްއެސްއެސް) ގެ ބޯޓުގެ ވަޒީފާތަކަށް ދިވެހިން ވަނުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މިމަހުގެ ހަ ވަނަ ދުވަހު ވަނީ އެމްއެސްއެސްގެ ބޯޓުގެ ގިނަ ވަޒީފާތަކެއް އިއުލާނު ކޮށްފައެވެ. އެގޮތުން 10 އަކަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ވަނީ އިއުލާނު ކޮށްފައެވެ.

އެސްޓީއޯގެ އިއުލާނުގައިވާ ގޮތުން މާސްޓަރ އަކަށް މުސާރައިގެ ގޮތުގައި 115،650 ރުފިޔާ، ޗީފް އިންޖިނިއަރައކަށް 107،940ރުފިޔާ، ސެކަންޑް އިންޖިނިއަރަކަށް 92،520 ރުފިޔާ، ޗީފް އޮފިސަރަކަށް 92،520 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ސެކަންޑް އޮފިސަރަކަށް މުސާރައިގެ ގޮތުގައި 53،970 ރުފިޔާ، އިލެކްޓްރިޝަނަކަށް 53،970 ރުފިޔާ، ވެލްޑަރަކަށް 19،620 ރުފިޔާ، ބޯސަނަކަށް، 18،504 ރުފިޔާ، ޗީފް ކުކަށް، 19،000 ރުފިޔާ، އޭބަލް ސީމަނަކަށް 15،400 ރުފިޔާ، މެސް ބޯއީއަކަށް، 13،560 ރުފިޔާ، ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

މި ވަޒީފާތަކަށް ދިވެހިންނަށް ފުރުސަތު އޮތްއިރު، ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާދަމާ މެންދުރު 12:30 ގެ ކުރިން ވަޒީފާއަށް އެދި ލިޔުންތައް ހުށަހެޅޭނެއެވެ.

ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ވެބްސައިޓުން އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު