މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު ގައި ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވެފައިވަނީ ބްރިޖް ހުޅުވުން ލަސްވެފައިވާ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ހަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖްގެ މަސައްކަތް ނިންމަން ކޮންޓްރެކްޓް ކޮށްފައިވާ ތާރީހަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ކަމަށާއި ނަމަވެސް މަސައްކަތް އެއަށްވުރެ ދެ މަސްދުވަސް އަވަހަށް (26 ޖުލައި އަށް) މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަކުގެ އަމިއްލަ އިސްނެގުމަށް މަސައްކަތް ކުރާކަން އަންގާފައިވާ ކަމަށެވެ.

"ސެޕްޓެމްބަރު 25 އަށް ވުރެ އަވަހަށް ނިމޭ ކޮންމެ ދުވަހަކީ އަވަސްވުމެއް، ލަސްވުމެއް ނޫން" މިނިސްޓަރު ވިދާޅުވިއެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖު" ގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހިއެވެ. ބާކީ 72 މިލިއަން ޑޮލަރަކީ ލޯނެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖްގައި 1.39 ކިލޯމީޓަރު ހުންނާނެއެވެ. ބްރިޖްގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ދެ ލޭނާއި ސައިކަލާއި ބައިސްކަލް އަދި ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް ހަދާނެއެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު ބްރިޖެއް އެޅުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޠައްޔިބު

    ނޭޅޭނޭކަމަށް ގޮވައިހޭރުނު ބްރިޖް ނިމެންއުޅޭތީ ނާށިގަނޑުބާނާ ހަލުވަނީދޯ؟

  2. ހ.ހ

    ދެން ތިހެންގޮސް އަންނައަހަރުގެ ސެޕްޓެމްބަރަށްވެސް ދާނެ؟ މިސަރުކާރުން މަރުގެ ހުކުމް ޤާއިމްކޮށް މަރަށް މަރު ހިފަން ފެށީވެސް ސެޕްޓެމްބަރުގަ؟

  3. ބުރާންތި

    މީ ކޯޒްވޭއެއް ބުރިޖެއްނުން