ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން "އޭންޖަލްހެކް" ރާއްޖެއަށް ތައާރަފްކޮށް، އެ ހެކަތޯން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ސްޕާކްހަބްއިން އިންތިޒާމްކޮށް، ދިރާގާއި ގުޅިގެން ބާއްވާ މި ހެކަތޯން ބާއްވާއިރު، މިރޭ ދިރާގު ހެޑް އޮފީސްގައި ބޭއްވި ރަސްމިއްޔާތެއްގައި "އޭންޖަލްހެކް" ރައްޖެއަށް ތައާރަފްކޮށްދިނީ، ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އަހުމަދު މައުމޫން އަދި ސްޕާކްހަބްގެ މެނޭޖިންގ ޕާޓްނާ އަލީ ހާރިސްއެވެ.

މިހާރު މި ހެކޯތަންގައި ބައިވެރިވުމަށް ރެޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައެވެ. މި ހެކަތޯންގައި ބައިވެރިވުމަށް www.angelhack.mv މި ވެބްސައިޓަށް ވަދެގެން ރެޖިސްޓަރ ކުރެވޭނެވެ. މި ހެކަތޯން އޮންނާނީ މި މަހުގެ 21 އަދި 22 ވަނަ ދުވަހު ސޯލްޓް ކެފޭ ރެސްޓޯރެންޓްގައެވެ.

ދިރާގުގެ ޗީފް މާކެޓިންގ އޮފިސަރ އަހުމަދު މައުމޫން ވިދާޅުވީ، ދުނިޔޭގެ އެންމެ ފުޅާކޮށް ސޮފްޓްވެއާ ކޯޑާސް އިންނާއި، ޑެވެލޮޕާސްއިންނާއިއެކު މުޅި ދުނިޔޭގެ އެންމެ ފުޅާދާއިރާއްގައި ބާއްވާ އެންޖޭލްހެކް ރާއްޖެއަށް ގެނައުމުގެ ލިބުނު ފުރުސަތުގައި ދިރާގުން މީގައި ރޯލެއް ކުޅެލުމުގެ ފުުރުސަތު ލިބުނީތީ އެކަމާ ވަރަށް އުފާވާ ކަމަށެވެ. މައުމޫން ވިދާޅުވީ، މިއީ ރާއްޖޭގެ މޮޅެތި ކުދިން ރާއްޖެއަށް ބޭރަށް އެކްްސްޕޯސްވުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ރާއްޖެއަށް ތައާރަފްކުރުމަށް ދިރާގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް
ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ރާއްޖެއަށް ތައާރަފްކުރުމަށް ދިރާގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

"މި ޕްލެޓްފޯމް އިން ރާއްޖޭގައި މި އުޅޭ ކުދިންނަ ދޫނުކުރާވަރުގެ ވަރުގަދަ އައިޑިއާތައް ނެރެ އިމްޕްލިމެންޓްކޮށް މިހާރު މިފެންނަ ހިދުމަތްތައް ތަރައްގީކޮށް އާ ހިދުމަތްތައް ނެރޭނެކަމާއި މެދު އަޅުގަނޑޫ ޝައްކެ ނުކުރަން". މައުމޫން ވިދާޅުވިއެވެ.

ސްޕާކްހަބްގެ މެނޭޖިންގ ޕާޓްނާ އަލީ ހާރިސް ވިދާޅުވިގޮތުގައި، މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ އެންމެ ބޮޑު ހެކަތޯންއެވެ.

އޭންޖަލްހެކްއަކީ މުޅި ދުނިޔޭގަވެސް ބޭއްވޭ އެންމެ ބޮޑު ހެކަތޯންއެވެ. މިއީ ގްލޯބަލް ސީރީޒްއެއް ގޮތަށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދެވޭ ހެކޮތޯންއެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ރާއްޖެއަށް ތައާރަފްކުރުމަށް ދިރާގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް
ދުނިޔޭގެ އެންމެ ބޮޑު ހެކަތޯން ރާއްޖެއަށް ތައާރަފްކުރުމަށް ދިރާގުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

ހާރިސް ވިދާޅުވީ، މި އަހަރުގެ މި ސީރީސްގައިވެސް 60 ގައުމަކުން ބައިވެރިވާ ކަމަށާއި، އެގޮތުން ރާއްޖެއަކީ މި ހެކަތޯންއަށް އެންމެ ފަހުން ބައިވެރިވި ގައުމުކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

"އޭންޖަލްހެކްއަކީ މިހާތަނަށް 150 އަށްވުރެ ގިނަ ގައުމުގައި ބޭއްވިފައިވާ ހެކަތޯންއެއް. މި ހެކަތޯންއަކީ ދިވެހި ރާއްޖޭގައި ތިބި ހުނަރުވެރި ޑެވެލޮޕަރުންނަށް މުޅި ދުނިޔެއަށް ހުނަރު ދައްކާލުމަށް ފުރުސަތު ލިބިގެންދާނެ ހެކޮތޯންއަކަށްވެގެންދާނެ". ހާރިސް ވިދާޅުވިއެވެ.

އޭންޖަލްހެކް ގައި ބައިވެރިވިގެން އެއްވަނައަށްދާ ފަރާތަތަކަށް ސޭންފްރެސްސެސްކޯއަށް ގޮސް އޭންޖަލްހެކްގެ ގްލޯބަލް ޑެމޯ ޑޭގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.