މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް (ގްރީން/ގޯލްޑް)، ވިސާ (ކްލެސިކް/ގޯލްޑް) އަދި މާސްޓަރކާޑް (ސްޓޭންޑަޑް/ގޯލްޑް) ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ މިލިޓް 750 ޑޮލަރަށް އިތުރުކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީ އަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔަ އަހަރު ބޭންކުން ވަނީ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް ބަދަލު ގެނެސްފައެވެ. ނަމަވެސް މިދިޔަ ޖުލައި މަހު، ކްރެޑިޓް ކާޑުން މުއާމަލާތްކުރެވޭ އަދަދު ވަނީ އިތުރުކޮށްފައެެވެ.

މިއަދު ގެނައި ބަދަލާއި އެކު ވެސް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް ބޭނުން ކުރެވޭނީ މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓެވެ. ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.

މަތީގައި ދެންނެވިފައިވާ ކްރެޑިޓް ކާޑުތައް ފިޔަވައި އެހެން ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ލިމިޓަށް ބަލައި ރާއްޛެން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދުވާނީ އިތުރުކޮށްފައެވެ. މި ހަފްތާ ތެރޭގައި ބޭންކުން އެ ކަސްޓަމަރުންނަށް މި އަދަދުތަކާ ގުޅޭ މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެއެވެ.

މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށާއި މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ހާލަތަށް އަންނަމުންދާ ބަދަލުތައް ބޭންކުން އަބަދުވެސް ބަލަމުންދާނެއެވެ. އަދި ހާލަތަށް ބެލުމަށްފަހު ގެނައުމަށް ނިންމާ އިތުރު ބަދަލުތަކާ ގުޅޭ މައުލޫމާތު ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    މިހުރިހާ ކަމެއް މިހެންވާއިރު ދިވެހި ބޮޑުން އަޑީގަ ތިބެގެން ބަންގާޅުމީހުން ލައްވާ ބޮޑުއަގުގަ ކުރާ ޑޮލަރު މާރުކުރުމުގެ ވިޔަފާރި، އެމްއެމްއޭއަށް ނުފެނިގެން މިއުޅެނީ ކީއްވެހޭ؟؟