ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ރޭ ހަފްލާއެއް ބާއްވައިފިއެވެ.

މި ޚާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30 އަދި 35 އަހަރުބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ. ރޭ މެންހެޓަން ބިޒްނަސް ހޮޓެލްގައި ބޭއްްވުނު ހަފްލާގައި 61 މުވައްޒަފަކަށް މިއެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ. 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމަރ ސަރވިސް މެނޭޖަރ އަދި 30 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމަރ ޕްރޮސެސިންގ އަށް ވަނީ މި ހަފްލާގައިޚާއްސަ އެވޯޑެއް ދީފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުވައްޒަފުން ބޭންކުގައި އެހާމެ ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރަނީ ނުހަނު ފަހުރުވެރިކަމާއެކުގައި ކަމަށެވެ. " ތިޔަ މުވައްޒަފުން ބޭންކުގައި އެހާމެ ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތް މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ ނުހަނު ފަހުރުވެރިކަމާއެކު. ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ހިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަށް ޕްރޮފެޝަނަލް ކަމާއެކު ކުރައްވާ މަސައްކަތައް ޝުކުރު އަދާކުރަން. މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށްއަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑުއުފަލެއް." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހުދީ

    އެވޯޑަކުން ނުފުދޭ. ދޮންމީހެއްވެއްޖެއްޔާ ކާރާއި، އެފާޓްމަންޓާއި، އެނުއަލްބޯނަސް ޑޮލަރުން 10 ގުނަ ބޮޑުކޮށްދެނީ. ދިވެހީންނަށްވެއްޖެއްޔާ ޕީނަޓްސް ދެނީ.