ހުޅުމާލޭގައި އޮންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ އިންޓަނޭޝަނަލް ޕޯޓް ނުވަތަ ބައިނަލްއަގްވާމީ ބަނދަރުގައި ސެކިއުރިޓީ އިމާރާތެއް ހުޅުވައިފިއެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ސެކިއުރިޓީ އިމާރާތް ހުޅުވައިދެއްވީ އެމްޕީއެލްގެ ސީއީއޯ އަލީ ޝާހިދުއެވެ. ޕޯޓްގެ ގޭޓްތައް ރަސްމީކޮށް ހުޅުވައިދެއްވީ ކަސްޓަމްސް ޖެނެރަލް އަބްދުﷲ ޝަރީފްއާއި އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދެވެ.

ޕޯޓްގެ ސެކިއުރިޓީ ޓާމިނަލްގެ ހެޑް އިބްރާހީމް ރަޝީދު ވިދާޅުވީ، ގިނަ އަދަދެއްގެ ކޮންޓެއިނަރުތައް ކްލިއާ ކުރާއިރު ސެކިއުރިޓީ ބެލެހެއްޓުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ނަމަވެސް އެ އިމާރާތާއެކު ސެކިއުރިޓީ ކަންތައްތައް އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުދާފޮށިތައް ޗެކް ކުރެވޭނެ މެށިނަކާއި ބޮޑީ ޗެކް ކުރެވޭނެ އިންތިޒާމުތައް އެތަނުގައި ވަނީ ހަމަޖައްސާފައެވެ. "މި އިމާރާތާއެކު ބަލާ ބެލުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ" އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ އަލީ ޝާހިދު ވިދާޅުވީ އެތަނަށް އަލަށް ގެނައި ކަންތައްތަކަކީ ކަސްޓަމްސްއާ އެމްޕީއެލްގެ މުވައްޒަފުންގެ ޝަކުވާތައް އަޑު އެހުމަށް ފަހު ގެނެވުނު ބަދަލުތަކެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ޓާމިނަލްގެ ޑިމާންޑު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރަވަމުން ކަމަށާއި، ހިދުމަތް ރަނގަޅުކުރަން ކަސްޓަމަރުން އެދެމުންދާތީވެ އަލަށް ހުޅުވުނު އިމާރާތާއެކު ދެމުންދާ ހިދުމަތްތައް ފުރިހަމަވެ، ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

"މުދާ ކްލިއާކޮށް ގެންގުޅުމުގެ ޕްރޮސެސް އަވަސްވެ މަސައްކަތުގައި ހޭދަކުރާ ވަގުތު އަވަސްވެގެންދާނެ ހަރަދު" ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮންޓެއިނާ ހޭންޑްލިންއަށް ބޭނުންވާ ވަސީލަތްތަކީ ބޮންޑުކީ ޕަރުންނަށް އިތުރު ޖާގާވެސް ބޭނުންވާ ކަމަށެވެ.

ލޯކަލް ބަނދަރު އިތުރަށް ތަރައްގީ ކުރުން

ހުޅުމާލޭ ލޯކަލް ބަނދަަރަކީ ރަށްރަށަށް މުދާ އެރުވުމަށް ޕޯޓްގެ ތެރޭގައި ހާއްސަކޮށްފައިވާ ފާލަމެކެވެ.

އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވީ އެޗްޑީސީއާ އެމްޕީއެލްގެވެސް އެންމެ ބޮޑު އަމާޒަކަށްވެފައިވަނީ އެ ބަނދަރު އިތުރަަށް ފުޅާކުރުން ކަމަށެވެ. އެންމެ އެކަށީގެންވާ ސިފައެއްގައި އެ ތަނުން ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށް ޝުހައިލް ވިދާޅުވިއެވެ.

އެޗްޑީސީގެ އެމްޑީ ސުހައިލް އަލީ ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ލޯކަލް ޕޯޓް ފުޅާކުރުމާ ގުޅޭ ގޮތުން އެޗްޑީސީއާ އެމްޕީއެލުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ. ލޯކަލް ޕޯޓު ހިދުމަތް ރަނގަޅުވެގެން ދިޔުމުން ހުޅުމާލެއަށް މުދާ އެރުވުމުގެ އިންތިޒާމުތައް ހަރުދަނާވެގެންދާނެއެވެ.