ގިނަ ބައެއްގެ މެދުގައި އިތުބާރު ހޯދާފައިވާ ހޮންޑާ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ފުރަތަމަ ފަހަރަށް ތައާރަފްކޮށް ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑްގެ މެރިން ވައިބްގެ ދަށުން މާލޭގައި ހޮންޑާ މެރިން ސެންޓަރެއް ހުޅުވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި ހޮންޑާ މެރިން ސެންޓަރު ހުޅުއްވައި ދެއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. ނަހުލާގެ އިތުރުން މި ރަސްމިއްޔާތުގައި ރާއްޖޭގެ މެރިން ދާއިރާގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އޯކިޑް މަގުގައި ހުޅުވި މި ސެންޓަރުން ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ އެންމެ ފުރިހަމަ އަޑުމަޑު އައުޓްބޯޑު އިންޖީނު އަގު ހެޔޮ ކަމާއި އެކީ އާއްމުންނަށް ލިބިގެން ދާނެއެވެ.

ހޮންޑާ މެރިން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ނަހުލާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެރިން ވައިބް ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ހަނީފް ވިދާޅުވީ، ހޮންޑާ އައުޓްބޯޑު އިންޖީނު ރާއްޖެއަށް ތައާރަފް ކުރުމަކީ ވަރަށް ދުވަސްވީ ހުވަފެނެއް ކަމަށާއި ހޮންޑާ އައުޓްބޯޑު އިންޖީނަކީ ރާއްޖޭގެ ކަނޑުގެ ލޮނުގަނޑާއި ގުޅޭ އިންޖީނެއްކަން ހަދާފައިވާ އެސެސްމެންޓުން އެނގިގެން ގޮސްފައިވާ ކަމަށެވެ. މި އިންޖީނަކީ ރާއްޖޭގެ މީހުންގެ މެދުގައި ވެސް މަގުބޫލުވާނެ އިންޖީނެއް ކަމަށް ހަނީފް ވިދާޅުވިއެވެ.

"ހޮންޑާ އައުޓްބޯޑު އިންޖީނަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންޖީނެއް. ދިވެހިންގެ މެދުގައި ވެސް މި އިންޖީނު މަގުބޫލުވާނެ. ހެއްކަކީ އަޅުގަނޑުމެން އަތުގައި މިވަގުތު ހުރި ސްޓޮކް މިވަނީ ރިޒާވް ކުރެވިފައި" ހަނީފް ވިދާޅުވިއެވެ.

މެރިން ވައިބް ކުންފުނީގެ ޑިރެކްޓަރ މުހައްމަދު ހަނީފް

ހަނީފް ވިދާޅުވީ، މިވަގުތު އެކުންފުނީގައި ހުރި ސްޓޮކް ރިޒާވް ކުރެވިފައިވާތީ އިންޖީނު ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި ހޮންޑާ އިންޖީނު ބޭނުން ކުރުމުގެ ތަޖުރިބާ ލިބިފައިވާ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސޮލާހު ޝިހާބު ވިދާޅުވީ، ހޮންޑާ އައުޓްބޯޑު އިންޖީނަކީ އެހެން އައުޓްބޯޑު އިންޖީނުތަކާއި އަޅާބަލާއިރު، ގެންގުޅެން ފަސޭހަ އަދި އިތުބާރު ކުރެވޭ ބްރޭންޑެއް ކަމަށެވެ. އަދި އެއީ ހަރަދު ކުޑަ މައްސަލަ ދިމާނުވާނެ އިންޖީނެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސޮލާހު ޝިހާބު

ހޮންޑާ މެރިން ސެންޓަރުގެ އިތުރުން ހޮންޑާ މެރިން ސާވިސް ސެންޓަރު ވެސް ވަނީ ހުޅުވާފައެވެ. މި ސެންޓަރުން އިންޖީނުތައް ސާވިސް ކޮށްދޭއިރު، ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރާނެ އެވެ. ވޯކްޝޮޕުން ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހިދުމަތް ދޭނެއެވެ.

ހޮންޑާ މެރިން އިން ރާއްޖެ އަށް ތައާރަފު ކޮށްފައިވަނީ 15-250 ހޯސްޕަވަރުން އިންޖީނެވެ. މި އިންޖީނުތަކާއެކު ހަ މަހުގެ ވޮރެންޓީ ލިބޭއިރު، މިއީ ފަސޭހައިން ސާވިސް ކުރެވޭނެ އިންޖީނެކެވެ.